އިންޑިއާގެ ދިފާއު ވަރުގަދަ ކުރުމަށް ރަޝިއާއިން މިސައިލް ގަނެފި
އިންޑިއާގެ ދިފާއީ ބާރުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ރަޝިއާއިން އުފައްދައިފައިވާ އެސް-400 މަރުކާގެ މިސައިލު ނިޒާމްތަކެއް އިންޑިއާއިން ގަނެފިއެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިޔާގައި އުފައްދައިފައިވާ ބިމުން ޖައްވަށް ފޮނުވައިލާ ޒާތުގެ އެސް-400 މަރުކާގެ މިސައިލް ނިޒާމުގައި ހިމެނޭ ފުރަތަމަ ޔުނިޓް މި އަންނަ އެޕްރީލް މަހުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށް ނިމޭނެއެވެ. އަދި އިންޑިއާއިން މި މިސައިލް ނިޒާމުތައް ބޭނުންކުރާނީ ޗައިނާއިން ކުރިމަތިވެދާނެ މިސައިލް ހަމަލާއަކުން ދިފާއުވުމުގެ ގޮތުން ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ރަޝިޔާގެ އެސް-400 މަރުކާގެ މިސައިލުން ދިފާއުވާ ނިޒާމު އިންޑިއާއިން ގަނެފައި ވަނީ 2018ގެ އޮކްޓޫބަރުގައި އިންޑިއާއާއި ރަޝިޔާއާ ދެމެދު ސޮއިކުރެވުނު ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މިމަރުކާގެ ފަސް ޔުނިޓް އިންޑިއާގައި ގާއިމުކުރާނެއެވެ. މިއީ 40 ކިލޯމީޓަރާއި 400 ކިލޯމީޓަރާ ދެމެދުގެ ރާސްތާގައި މަތިންދާބޯޓާއި މިސައިލަށް ހަމަލާދީ ވައްޓައިލުމަށް ބޭނުންކުރާ މިސައިލް ނިޒާމުތަކަކެވެ.
އިންޑިއާއާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގުގައި އޮންނަ ލަޑަކް ސަރަހައްދުގައި 2020ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މި ދެ ގައުމުގެ ސިފައިންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އޭގެ ފަހުން އެ ސަރަހައްދުގައި ތިބޭ ދެ ގައުމުގެ ސިފައިން އަބަދުވެސް ތިބެނީ ކުރިމަތިވެދާނެ ހަމަލާއަކަށް ތައްޔާރުވެގެންނެވެ.
އެގޮތުން ވައިގެ މަގުން ޗައިނާގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ދެ ސަރަހައްދެއްގައި މިހާރު ވެސް އިންޑިއާއިން ވަނީ، ރަޝިޔާގެ ދިފާއީ މިސައިލް ނިޒާމުގެ ދެ ޔުނިޓެއް ގާއިމުކޮށްފައެވެ.
ލަޑަކް ސަރަހައްދުގެ މިލްކުވެރިކަމާ މެދު އިންޑިއާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ އަރައިރުން ހައްލުކުރުމުގެ ގޮތުން ދެ ގައުމުގެ މެދުގައި ވާހަކަތައް ދައްކަމުން އަންނަތާ މިހާރު އަހަރުތަކެއް ވެފައިވީ ނަމަވެސް އެ ވާހަކަތައް ކޮންމެ ފަހަރަކު ނިމިގެން ދަނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ.