ދެ ރަށެއްގެ ބަނދަރުގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި
ބ. ކަމަދުއާއި ގއ. ދާންދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުން 118 ރުފިޔާ ޚަރަދުކުރާ ގޮތަށެވެ. އެއީ ކަމަދޫގެ ބަނދަރުގެ މަރާމާތުކުރުމަށް 47 މިލިއަން ރުފިޔާ އަދި ދާންދޫ ބަނދަރު ބޮޑުކުރުމަށް 71 މިލިއަން ރުފިޔާއެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވައިފައި ވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ކަމަދޫގެ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 25،404 ކިއުބިކް މީޓަރަށް ފުންކޮށް، ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެއެވެ. އަދި 11މީޓަރާއި 11މީޓަރުގެ ރޭމްޕަކާއި 1730 އަކަ މީޓަރުގެ ޕޭވްމެންޓެއް ހަދާނެއެވެ. މީގެ އިތުރުން 17 މަގު ބައްތި ޖެހުމާއި ދެ ނެރު ބައްތި ހަރުކުރުންވެސް ހިމެނެއެވެ.
މި ހުރިހާ މަސަތްކަތެއް ވެސް 13 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭކަމަށް ކޮންޓްރެކްޓުގައިވެއެވެ.
ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 81،404 ކިއުބިކް މީޓަރަށް ފުންކޮށް، އެ ބަނދަރުގައި 333 މީޓަރުގެ ބޭރު ތޮއްޓަކާއި 529 މީޓަރުގެ އެއްގަމު ތޮއްޓަކާއި އަދި 370 މީޓަރުގެ ރިވެޓްމަންޓް ޖަހާ ގޮތަށް ވަނީ ނިންމަފައިފައެވެ. އަދި 104 މޫރިން ރިންގް ހަރުކޮށް، އެ ބަނދަރުގައި 30 މީޓަރުގެ ގްރޮއިން ޖަހައި އަދި 10 މޫރިން ބޮއި ވެސް ހަރުކުރާނެއެވެ. އަދި 30މީޓަރާއި ހަތަރު މީޓަރުގެ ކޮންކްރީޓް ބްރިޖެއް އަޅައި، 100މީޓަރާއި ތިން މީޓަރުގެ ކޮންކްރީޓް ޖެޓީއެއް އަޅާނެއެވެ.
މީގެ އިތުރުން 10މީޓަރާއި ނުވަ މީޓަރުގެ ރޭމްޕެއް އަޅައި، 3748 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެއެވެ. އަދި 36 މަގުބައްތި ހަރުކޮށް ދެ ނެރު ބައްތި ވެސް މި މަޝްރޫއުގެ ދަށުން ހަރުކުރާނެއެވެ. މި ބަނދަރުގެ ހުރިހައި މަސަތްކަތެއް ދޮޅު އަހަރުތެރޭ ނިންމަންޖެހޭނެ ކަމަށް ކޮންޓްރެކްޓުގައިވެއެވެ.
އެމްޓީސީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ބާރު ދުވެލީގައި ހިންގަމުންނެވެ.