ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، ރާއްޖޭގައި ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
ތެލުގެ އަގަށް އައި މި ބަދަލާ އެކު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުން މިހާރު ވިއްކާ ޕެޓްރޯލް ލިޓަރެއްގެ އަގު 12.06ރުފިޔާއަށް އަދި ޑީސަލް ލިޓަރެއް 12.44ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
މީގެ ކުރިން ޕެޓްރޯލް ލިޓަރެއްގެ އަގު ހުރީ 11.16 ރުފިޔާއަށް އަދި ޑީސަލް ލިޓަރެއްގެ އަގު ހުރީ 11.84 ރުފިޔާއަށެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ތެލުގެ އަގުތައް ހުރި ރޭޓަށް ބަލައިލައި އިރު، ޕެޓްރޯލް ލިޓަރެއްގެ އަގު ހުރީ 10 ރުފިޔާ 75 ލާރިއަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ހުރީ 10 ރުފިޔާ 95 ލާރިއަށެވެ.
ތެލުގެ އަގު ބޮޑުވުމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ ތެލުގެ އަގު އަނެއްކާ ވެސް އުފުލުނީ މިދިޔަ ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ ވަރަށް ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ބޮޑުވުމުން ކަމަށެވެ.