ދުވަސްތަކަކަށް ފަހު ޝްވެތާ ތިވާރީ އަނެއްކާ ވެސް ޓީވީ ސްކްރީނަށް
ބޮލީވުޑް ތަރި ޝްވެތާ ތިވާރީ ދުވަސްތަކަކަށް ފަހު ޓީވީ ސްކްރީނުން އަނެއްކާ ވެސް ފެނިގެންދާނެއެވެ.
ޝްވެތާ ވަނީ ކުޑަ ދުވަސްކޮޅަކަށް ޓީވީ ސްކްރީންތަކާ ދުރަށް ޖެހިފައެވެ. އެގޮތުން މި އެކްޓްރެސް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އެޑްވެންޗަރ އަދި ސްޓަންޓްއަށް ބިނާވެފައިވާ ރިއަލިޓީ ޝޯ "ޚަތުރޮން ކޭ ކިލާޑީ 11" އިންނެވެ. މި ޝޯގެ ފައިނަލިސްޓުންގެ ތެރޭގައި އޭނާ ވަނީ ހިމެނިފައެވެ. އެޝޯއަށް ފަހު އަދި މި ތަރި ސްކްރީނުން ފެނިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. .
މިހާރު މި ތަރި އައު ޕްރޮޖެކްޓެއްގައި މަސަތްކަތްކުރަމުން ދާކަމުގެ ހަބަރު ލިބިފައިވާއިރު ޝްވެތާ ތިވާރީގެ ފޭނުން ތިބީ އޭނާ އަނެއްކާ ވެސް ސްކްރީނުން ފެނިގެންދާތީ އުފާވެފައެވެ.
އައު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންދާކަމުގެ ހަބަރު ޝްވޭތާ ވަނީ އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އަމިއްލައަށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. އޭނާގެ ސްޓޯރީގައި ހިއްސާކޮށްފައި ވަނީ ވަނީ ޝޫޓިންގެ ކުރިން އޭނާ މޭކަޕްކޮށް ނިމުމަށް ފަހު ނަގައިފައިވާ ވީޑިއޯއެކެވެ.
ޝްވޭތާގެ ސްޓޯރީގައި ވަނީ ވިކާސް ކަލަންތުރީގެ ސްޓޯރީއިން ރީޕޯސްޓް ކޮށްފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯއިން ފެނިގެންދަނީ ވިކާސް އޭނާއަށް ހަދިޔާކުރި "ގުޑް ލަކް ގިފްޓް" ހުޅުވާ މަންޒަރެވެ. އެ ވީޑިއޯގައި އެކްޓަރު ޝްވެތާ ޓެގް ކުރުމަށްފަހު ލިޔެފައި ވަނީ ‘އޯލް ދަ ބެސްޓް’އެވެ. ޝްވެތާ ވަނީ އޭނާގެ އިންސްޓަގްރާމް ހޭންޑްލްގައި މި ސްޓޯރީ އަލުން ހިއްސާކޮށް "މި ރީތި ނަސީބުވެރި ހަދިޔާ ދިނީތީ ވިކާސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ލިޔެފައެވެ.
އޭނާ މަޝްހޫރުވެފައި ވަނީ އޭކްތާ ކަޕޫރުގެ ސޯޕް އޮޕެރާ ކަސޯޓީ ޒިންދަގީ ކޭއިންނެވެ. އެ ޑްރާމާގައި އޭނާ ފެނިގެންގޮސްފައި ވަނީ ލީޑް ރޯލުކަމަށްވާ ފްރޭނާޝަރްމާ ބަޖާޖްގެ ރޯލުންނެވެ.