ސަރުކާރުން މިހާރު ޖަހަމުންދާ އަނދަގޮނޑިތަކުން ސަލާމަތް ނުވެވޭނެ: އާދަމް ޝަރީފް
ސަރުކާރުން މިހާރު ވިސްނައިނުލާ ޖަހަމުންދާ އަނދަގޮނޑިތަކުން ކުރިއަތް އޮތްތާގައި ސަލާމަތް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް މޫސާ ފަތުހީއަށް ތާއީދު ހޯދުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުންދަނީ ކުރިއަށް ބޯމަތިވެފައިވާ ބޮޑު އިންތިޚާބާމެދު ވިސްނައިނުލައި އަނދަގޮނޑި ޖައްސަވަމުން ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަށް އެކަނި ސަރުކާރުން ވަމުންމިދާ ވައުދުތަކަކީ މިއީ ވަގުތީ މަންފާއަކަށް ވެވަޑައިގަންނަވާ ވައުދުތަކެއް ވިޔަސް، މިއީ ފަހުން މިކަމުން ނުނެއްޓެވޭނެ ކަންތައްތަކެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
“ކުރިއަތް އޮތް ދުވަސްތަކުގައި މިހާރު މި ޖަހަމުންދާ އަނދަގޮނޑިތަކުން ސަލާމަތް ނުވެވޭނެ. އަދި ދެން ކުރަންޖެހޭ މަސަތްކަތް މާ ބޮޑުވާނެ”
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ކިތަންމެ ވަރަކަށް ވައުދުތަކެއްވެ، ރައްޔިތުންނަށް އޮޅުވައިލާން މަސައްކަތް ކުރި ނަމަވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ މިސަރުކާރުން ޖަހާހާ ބެރަކަށް ނަށާ ގޮތަކަށް ނޫން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮމަންޑޫ ދާއިރާއިން މަޖިލީހަށް އިންތިޚާބު ކުރަންޖެހޭނީ ތައުލީމީ ގޮތުން ޤާބިލް އަދި ކަންކުރެވޭ ވަރުގެ ބޭފުޅެއް ކަމަށެެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަކީ ތައުލީމަށް އިސްކަންދެއްވައި އުންގެނެން ބޭނުންވާ ބޭފުޅެއްކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.