ދެ މީހެއްގެ ދެމެދަށް ތިންވަނަ މީހަކަށް ވަދެވިދާނެ ހެއްޔެވެ؟
ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. އެވެނި މީހަކާ ހެދި ނުވަތަ އެވެނި ބަޔަކާ ހެދި މިވެނި ބަޔަކު މައްސަލަ ޖެހިއްޖެއެވެ. އެބަޔަކު އެމީހުންގެ ދޭތެރެއަށް ވަނީއެވެ. ދޮގުތައް ވެސް ހެދީއެވެ.
މިފަދަ އަޑުތައް އިވުމުން ސުވާލު ކޮށްލެވެއެވެ. އެހެން މީހަކަށް ބައެއްގެ ދޭތެރެއަށް ވަދެވުމުގެ ފުރުސަތު ދިނީ ކީއްވެ ހެއްޔެވެ؟ އެމީހުން ދެއްކި ވާހަކަތައް ޤަބޫލު ކުރީ ކީއްވެ ހެއްޔެވެ؟
ހަގީގަތަށް ބުނަންޏާ، ގިނަ ފަހަރަށް މިފަދައިން ކަންކަން ދިމާވެ، މައްސަލަތައް ޖެހެނީ އެކަކު އަނެކަކަށް ކުރަންވާ އިތުބާރު ނުކުރެވޭތީ ކަމަށް ކަމާބެހޭ މާހިރުން ވެސް އެއްބަސްވެއެވެ.
އިތުބާރަކީ ކޮންމެ ގުޅުމެއްގައި ވެސް ލިބުން ނުވަތަ ކުރުން ވަރަށް މުހިންމު އެއްޗެކެވެ. މި ދައްކަނީ ހަމައެކަނި ތިމާގެ ބައިވެރިޔާ ތިމާއަށް އިތުބާރު ކުރަންޖެހޭ ވާހަކަ އެކަންޏެއް ނޫނެވެ. އިތުބާރަކީ މައިންބަފައިންނާއި ދަރީންނާ މެދުގައި ވެސް، އެއްބަނޑު މީހުންނާއި މެދުގައި ވެސް، ބައިވެރިޔާއާ މެދުގައިވެސް އަދި އެކުވެރި ރަހުމަތްތެރިންނާ މެދުގައި ވެސް އޮތުން ވަރަށް މުހިންމު އެއްޗެކެވެ.
އެ ގުޅުމެއްގައި އިތުބާރުވާ ނަމަ، މީހަކު ނުވަތަ ބަޔަކު ތިމާ ކައިރީ ދައްކާ ކޮންމެ ވާހަކައެއް ފަސޭހައިން ޤަބޫލެއް ނުކުރެވޭނެއެވެ.
މިއަދު ބޮޑަށް ވާހަކަ ދެއްކޭ މައުޟޫއަކީ، ތިންވަނަ މީހަކަށް ބައެއްގެ ދެމެދަށް ވަދެވިދާނެތޯއެވެ. މިފަދަ ހާލަތްތަކުގައި އިތުބާރަކީ ވަރަށް ވެސް މުހިންމު އެއްޗެއް ކަމުގައިވާ އިރު، ބައެއް ފަހަރު އެ ތިންވަނަ މީހާގެ ހުޝިޔާރުކަމާ މަކަރުވެރިކަމުގެ ސަބަބުން، ކިތަންމެ ވަރަކަށް އިތުބާރާއެކު އުޅެމުންދާ ގުޅުންތައް ވެސް ސިކުންތެއްގެ ތެރޭގައި ކަނޑައިލައެވެ. މީހުންގެ ސިކުނޑިއާ ކުޅެލައިގެން، އެކި ކަހަލަ ހެކިތައް އުފައްދައިގެން އެބަޔަކު ދައްކާ ވާހަކަތަކަކީ ތެދުކަމަށް ދައްކައިގެން ވެސް ގުޅުންތަކަށް ބުރޫއަރުވާ މީހުން މަދެއް ނޫނެވެ.
މިފަދަ ކަންކަން މި ދިވެހި މުޖުތަމައުގައި ވެސް ވަމުން އަންނަ ކަމީ ނުހަނު ހިތާމަ ހުރި ކަމެކެވެ. ދުއާއަކީ އެފަދަ މީހުންގެ ކިބައިން އަޅަމެން އެންމެން ސަލާމަތްވުމެވެ.