މާލޭގައި ގޭގެއަށް ގޮސް ކޮވިޑް ވެކްސިން ޖަހައިދޭން ފަށައިފި

މާލޭގައި ގޭގެއަށް ގޮސް، އެނދުމަތިވެފައި ތިބޭ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ގޭގެއަށް ގޮސް އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދޭން މިއަދު ފަށައިފައިވާ ކަމަށެވެ. އަދި ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ހޮޓްލައިން 1976އަށް ގުޅައި ނަން ނޯޓް ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ގޭގެއަށް ގޮސް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަނީ ދަމަނަވެށީގެ ވެކްސިން ޓީމުތަކުންނެވެ.
ކޮވިޑް-19 ބަލިން ދިފާއު ވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،615އަށް އަރައިފައެވެ. އަދި ދެވަނަ ޑޯޒް 369،820 މީހުން ޖަހައިފައި ވާއިރު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 72،825އަށް އަރައިފައެވެ.