ރިޕޯޓް ލައިފްސްޓައިލް

ރީތިކަން.. މުޅީން އެހެން ނަޒަރަކުން!

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ވަޅި ރީތީ ތޫނިއްޔާއެވެ. އަނބި ރީތީ ހެވިއްޔާއެވެ. މިއީ ރީތިކަމާ ބެހޭ ގޮތުން ވަރަށް ކުރީއްސުރެ މީހުން ބުނެ އުޅޭ އެއްޗެކެވެ. އަހަރެންނަކީ އަދީބެއް ނޫނެވެ. ނަމަވެސް އެ ބުނާ ބަހުގެ މާނައަކީ ރީތި މީހަކާ އިނުމަށް ވުރެ ހެޔޮ މީހަކާ އިނުން ރަނގަޅުވާނެ ކަމުގައި ކޮންމެ މީހަކަށް ވެސް ހީކޮށްލަން އެނގޭނެއެވެ. ނުވަތަ މީހެއްގެ އެންމެ މުހިންމު ސިފައަކީ ބޭރު ފުށުގެ ރީތިކަމަށް ވުރެ އެމީހެއްގެ އަޚުލާގު ކަމަށް ވެސް މާނަ ނެގިދާނެއެވެ. ކޮންމެއަކަސް އިނގިރޭސި ބަހުގައި ވެސް ރީތިކަމާ ބެހޭ ހަރުބަހެއް އޮވެއެވެ.

Ads by MWSC

Beauty lies in the ice of the beholder

ބިއުޓީ ލައިސް އިން ދަ އައިސް އޮފް ދަ ބިހޯލްޑާރ.

ދިވެހި ބަހުން ބުނާ ނަމަ އެ ބުނަނީ ރީތިކަމަކީ މަންޒަރު ބަލަން ހުންނަ މީހާގެ ލޮލުގައި ނުވަތަ ނަޒަރިއްޔާތުގައި އޮންނަ އެއްޗެއްކަމުގައެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެބުނަނީ އެކި މީހުންނަށް ރީތި ވާނީ އެކި އެއްޗެހި ކަމުގައެވެ

މި ދެބަހުގައި ވެސް ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮންނަކަމަށް އަހަރެން ގަބޫލު ކުރަމެވެ. ނަމަވެސް ރީތިކަމަކީ އަދި ރީތިކަން ކަނޑައެޅުމަށް މުޖުތަމައުއިން ބޭނުންކުރާ ގަވާއިދުތަކަކީ އަދި މިކަމާ ގުޅުން ހުރި އެކި ކަންކަމަކީ ވަރަށް ފުން އެކި ފަށަލަ އޮތް ކަމެކެވެ. މިއީ އަހަރެން ދެކޭ ގޮތުގައި މައްސަލައެއް ވެސް މެއެވެ. ކޮންމެވެސް ވަރަކަށް މި މައްސަލައާ ބެހޭ ގޮތުން ކިޔުންތެރިންނާ ދެތިން ވާހަކައެއް ހިއްސާ ކޮށްލާނަމެވެ.

ރީތިކަމަކީ ބަދަލުވަމުންދާ އެއްޗެއް

ފެޝަނެކޭ އެއްގޮތަށް ރީތިކަމަކީ ވެސް ބަދަލު ވަމުންދާ އެއްޗެކެވެ. އެއްއިރެއްގައި ސްކިނީ ޖިންސު ލައިގެން ހުރިހާ އެންމެން އުޅުނު ނަމަވެސް މިހާރު އެންމެން ވެސް ބޭނުމީ ބެލް ބޮޓަމްސް ލާށެވެ. އެއް އިރެއްގައި ރޫ ޖެއްސި ޝޯލް ފެޝަނަކަށް ވީ ގޮތަށް މިހާރުގެ ފެޝަނަކީ ޝިފަން ނޫނީ ޖާޒީ ކަންނޭނގެއެވެ. ކޮންމެއަކަސް ހޮލީވުޑަށް ނުވަތަ ބޮލީވުޑަށް ބަލައިލައިފި ނަމަ ކުރީގައި ރީތިކަމަށް ދައްކާ މީހުންގެ ފީޗާރސް އަދި މޭކްއަޕްކުރާ ސްޓައިލްތައް ވެސް މިހާރާ ތަފާތުވާނެއެވެ. އަދި އެކަންކަން ދާނީ ދުވަސްތައް ބަދަލުވަމުންދާ ވަރަކަށް ބަދަލު ވަމުންނެވެ. އަދި އަހަރެމެންނަކީ އެބަދަލުވަމުންދާ ޓްރެންޑްތަކުގެ އަޅުންނޭ ވެސް ބުނެވިދާނެއެވެ. ފެޝަން ވިޔަސް ރީތިކަން ވިޔަސްމެއެވެ.

މިގޮތަށް މީޑިއާތަކުގެ ޓްރެންޑްތަކަށް ސަމާލުކަންދީ، އެފަދަ ކޮންޓެންޓް ފޮލޯކޮށް، އެކަންކަން ކަމުދަންޏާ އެމީހެއްގެ ސިކުނޑި ތަމްރީންވެފައި ހުންނާނީ އެ ބަދަލުވަމުންދާ ޓްރެންޑަތަކަކީ ރީތިކަން ކަމުގައި ގަބޫލުކުރުމަށެވެ. މިއާ ޚިލާފަށް މީޑިއާއަށް އެއްވެސް ވަރަކަށް ހުށަނޭޅޭ މުޖުތަމައުއެއްގައި އުޅޭ މީހަކު ކަމަށް ވަނީ ނަމަ، އެމީހަކު ރީތިކަމަކީ ކޮބައިކަމުގައި ގަބޫލުކުރާނީ އެމީހެއްގެ ވަށައިގެންވާ މާހައުލުގެ އެހެން ސޯސްތަކުންނެވެ. މިސާލަކަށް އެމީހަކު ބޮޑުވަމުން އައި އިރު ރޯލް މޮޑެލުންގެ ގޮތުގައި ދެކޭ ބޮޑެތި މީހުން ނުވަތަ ދައްތަމެން ބޭބެމެން ނުވަތަ ރައްޓެހި ރަހުމަތްތެރިންގެ ފަރާތު ފެންނަ ކަންކަމާއި، އެމީހުންގެ ފަރާތުން ލިބޭ މެސެޖުތަކުގެ އަލީގައި ދަސްކުރާ އެއްޗެއްސެވެ. އެހެންވީމާ އެ އިރެއްގެ ރީތިކަމަށް ކިޔާ ގޮތްތަކަށް ނުފެތުނަސް މީހާއަކީ ރީތި މީހެއްކަމަށް ގަބޫލު ކުރަންވާނެއެވެ.

މީޑިއާ

މީޑީއާއަށް އަހަރެމެންގެ ސިކުނޑިތަކަށް ބޭނުން ގޮތަކަށް ބޭނުން އިރަކު ބޭނުން ވަރަކަށް ބާރު ފޯރުވުމަށް ޓަކައި ހުއްދަ ދީފައި އޮތުމަކީ ހަގީގަތުގައި ނުރައްކާތެރި ކަމެކެވެ. ރީތިކަމަށް އެހައި ބޮޑަށް ފޯކަސް ކޮށްފައިވާ މީޑިއާއަކާ އެކު ބޮޑުވުމަކީ އަހަރެމެންނަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ހާއްސަކޮށް ކުޑަ ކުދިންނަށެވެ.

މީޑިއާގެ ސަބަބުން އެތެރެ ފުށަށް ވުރެ ބޭރު ފުށަށް ސަމާލުކަން ދިނުން މުހިންމު ކަމުގައި އަހަރެމެންނަށް ގަބޫލު ކުރެވެއެވެ. އަދި އަހަރެމެންގެ އަގަކީ އަހަރެމެންގެ ރީތިކަމާ ގުޅިފައިވާ އެއްޗެއްކަމުގައި ގަބޫލު ކުރެވެއެވެ. އަމިއްލަ ނަފްސުގެ ތަރައްގީއަށް ޓަކައި ދޭން ޖެހޭ ސަމާލުކަމުގެ ބޮޑުބައި ރީތިވުމާއި ދޭތެރޭގައި ވިސްނުމަށް، ދަމައިގަނެވިގެންދެއެވެ. އަމިއްލަ ނަފްސު އެހެން މީހުންނަށް ވަކި ގޮތަކަށް ދެއްކުމުގައި ނުވަތަ ހުށަހަޅައިދިނުމުގައި އަވަދިނެތި އުޅޭނަމަ އެހެން މީހުންނާ ދިމާލަށް ބަލާނީ ވެސް އެމީހުންގެ ބޭރުފުށަށް ސަމާލުކަންދީގެންނެވެ. ރައްޓެހިން ހޮވުމުގައި އަދި ހަޔާތުގެ ބައިވެރިޔާ ހޮވުމުގައި ރީތިކަމަށް ދޭންޖެހޭ ވަރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އީޓިންގް ޑިސްއޯޑާރސް

ނަފްސާނީ މައްސަލައެއްކަމަށްވާ އީޓިންގް ޑިސްއޯޑާސްއަކީ ބައެއް ފަހަރު ދިމާވާ ކަމެކެވެ. މިބަލީގެ އަސްލަކީ އެމީހެއްގެ ހަށިގަނޑު އެމީހަކު ހިތްހަމަޖެހޭ ވަރަށް ވުރެ ފަލަވުމުގެ ސަބަބުން އެ އިހުސާސާ ދޭތެރޭ ދުޅަހެޔޮ ނޫން ގޮތަކަށް ސިކުނޑިއާއި ވިސްނުން ބަދަލުވެ ނަފްސާނީ ބައްޔަކަށް އެކަންތައް ތަރައްގީވުމެވެ. ފަލަކަމަކީ ހަޑިކަމެއްގެ ގޮތުގައި މީޑިއާއިންނާއި މުޖުތަމައުއިން އޮންނަނީ އަހަރެމެންނަށް ބުނެދީފައެވެ. އެގޮތުން އަހަރެމެންނަށް މީޑިއާއިން ފެންނަނީ ހިކި މީހުންނެވެ. އަދި ފަލަ މީހަކު ދައްކައިފިއްޔާ އެ ކެރެކްޓާއެއް ދައްކާނީ ހެއްވާ މަޖާ ނުވަތަ ކޮންމެވެސް ނައްސި އައްޔެއްގެ ތެރެއިންނެވެ. އެހެންވީމާ އެންމެ ކުޑައިރުއްސުރެ މީހުން ބޭނުންވާނީ ހިކިކޮށް ހުންނާށެވެ. ނަތީޖާއަކީ ފަލަ މީހުންނަށް އެތަކެއް ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހުމެވެ. ފަލަ މީހުންނަކީ ހަޑި މީހުން ކަމަށް ދެކުމުގެ އިތުރުން، އިތުރު އެތަށް ނޭދެވޭ ހީކުރުންތަކެއް ފަލަ މީހުންނާއި ދޭތެރޭގައި މުޖުތަމައުއިން ދެކޭ ކަމުގައި ދިރާސާތަކުން ދައްކައެވެ. މިތަފާތުކުރުންތައް ސްކޫލްގައި ވަރަށް ކުޑައިރު ވެސް ދިމާވެއެވެ. އަދި ހޮސްޕިޓަލް ފަދަ ތަންތަނުގައި ވެސް ފެންނަމުންދެއެވެ.

ނަމަވެސް ފާހަގަ ކޮށްލަން ބޭނުންވާ ނުކުތާއަކީ ހިސްޓްރީއަށް ބަލައިލާއިރު ފަލަ މީހުންނަކީ ރީތި މީހުން ކަމުގައި ދެކެވުނު އިރެއް ވެސް އައެވެ. އެއީ މާލީ ތަނަވަސްކަމުގެ ނިޝާނެއްގެ ގޮތުގައި އެޒަމާނުގައި ބެލެވުނީތީއެވެ. އަދި މިޒަމާނުގައި ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފަލަވުމަކީ ރީތިވުން ކަމުގައި ދެކެވެއެވެ.

ރީތިކަން ކަނޑައަޅާއިރު ނަސްލީ ތަފާތުކުރުމުގެ ފޮނިތޮށި ކާފުރުތޮޅި

ކަޅު ނަސްލުގެ މީހުންގެ އިސްތަށިގަނޑު ހުންނަ ގޮތްތައް އަދި އެމީހުން ބޯ ބަހައްޓާ ގޮތްތައް ހުޅަނގުގެ ބައެއް ގައުމުތަކުގައި ދެކެނީ ހަޑި ނުވަތަ މުޑުދާރު ގޮތްތަކެއް ކަމުގައެވެ. މިއީ ހަގީގަތުގައި ކަޅު ނަސްލުގެ މީހުން ވަރަށް ގިނައިން ދައްކާ ވާހަކައެއް ވެސް މެއެވެ. ކަޅު މީހުންގެ އިސްތަށިގަނޑުގެ ސަބަބުން އެމީހުންނަށް ދިމާވާ ހާއްސަ ދަތިތަކާއި ތަފާތުކުރުންތަކުން އަރައިގަތުމުގެ ނިޔަތުގައި އަދި އެކަމަށް އެހީއެއްގެ ގޮތުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ފޮތް ވެސް ތައްޔާރުކޮށްފައި ހުރެއެވެ. ފަން އިސްތަށިގަނޑަކީ ރީތި އަދި ބުޅި އިސްތަށިގަނޑަކީ ހަޑި އެއްޗެއް ކަމުގައި ދެކެވޭ ދެކެވުން އެއީ ހަގީގަތުގައި ނަސްލީ ތަފާތުކުރުމުގެ ތެރެއިން އައިސްފައިވާ ގަބޫލު ކުރުމެކެވެ. އަދި ދެރަކަމަކީ ބުޅި ނުވަތަ ރާޅުބާނީ އިސްތަށިގަނޑު ހުންނަ ކުދިން ސްކޫލަށް ދާއިރު ނުވަތަ ބޮޑުވެގެން މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު ކޮންމެވެސް ގޮތަކަށް ފަންކޮށްގެން ދާން ޖެހުމުގެ ޕްރެޝަރާ ކުރިމަތިވުމެވެ.

ހަމުގެ ކުލައަށް ވިސްނާލިޔަސް ކޮންމެ މީހަކަށް ވެސް އެނގޭނޭ ފަދައިން ދޮނަކީ ރީތި އަދި ކަޅަކީ ހަޑި ކުލައެއް ކަމުގައި އެންމެ ކުޑަ ކުދިން ވެސް ގަބޫލު ކުރެއެވެ. ކުޑަކުދިންނަށް ވެސް އެކަން ވިސްނައިދޭން އަހަރެމެންގެ ތެރޭގައި އުޅޭ ބައެއް މީހުން ބޭނުންވެއެވެ. އެކަމާ ހެދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިގެން ދިޔަ ކިތައް ކުދިން އަހަރެމެންގެ މުޖުތަމައުގައި އެބަ ބޮޑުވަމުންދޭ ހެއްޔެވެ؟

މުސްކުޅި ވުމަކީ ހަޑިވުން

މިޒަމާނުގައި ޓީވީތަކުގެ ބައެއް ޗެނަލްތަކުން 50 ވަރަކަށް އަހަރުގެ މީހަކު އަސްލު ހުންނަ ގޮތަށް ފެނުމަކީ ނާދިރު ކަމެކެވެ. އެއީ 50 އަހަރުގެ މީހުން ތިބެނީ 20 އަހަރުގެ މީހެއް ގޮތަށް މޫނަށް އެކި ކަންކަން ކޮށްގެން ބަދަލު ކޮށްފައެވެ. އެއީ ޕްލާސްޓިކް ސާޖަރީ ކަމުގައި ވިޔަސް، އިންޖެކްޝަން ބޭނުންކޮށްގެން ނުވަތަ ފޭސް ލިިފްޓް ފަދަ ކަންކަން ކޮށްގެންނެވެ. އަހަރެން ދެކޭ ގޮތުގައި މިއީ ވަރަށް ދެރަ އަދި ނުރައްކާތެރި ކަމެކެވެ. މިކަންކަން ކުރަނީ ވަރަށް ހަރަދު ކޮށްގެންނެވެ. އެހެންވީމާ މުއްސަނދި މީހުންނަށް ލިބިފައި އޮންނަ ފައިދާއަކަށް ރީތިވުން ވެފައިވެއެވެ. އަދި ތަނަވަސްކަން ނެތް މީހުން އެ ތަނަވަސްކަން ގޯސް ގޮތްގޮތުން ހޯދުން އެކަށީގެންވެއެވެ. ގުދުރަތީ ގޮތުން ހުރިހާ އިންސާނުންނަށް ދިމާވާ ކަމަކާ ދެކޮޅު ހެދުމަކީ ތާކުންތާކު ނުޖެހޭ ކަމެކެވެ. މޫނުގައި ރޫ ހުރުމަކީ ނުވަތަ އިސްތަށިތައް ނުރަވެ މުސްކުޅިކަމުގެ އެހެނިހެން ނިޝާންތަކަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ދެކި، އެއީ ހައްލު ކުރަންޖެހޭ މައްސަލައެއް ކަމުގައި ދެކިގެން ނުވާނެއެވެ. ނުވަތަ ފޮރުވަން ޖެހޭ ކަމެއް ކަމުގައި ވެސް ދެކިގެންނުވާނެއެވެ.

އަހަރެމެން ހަދަންވީ ކިހިނެތް؟

އަހަރެން ދެކޭ ގޮތުގައި ކުޑައިރުއްސުރެ ރީތިކަމާ ބެހޭ ގޮތުން އަހަރެމެންގެ ދަރިންނަށް ވިސްނައިދޭ ކަންކަން އެބަ ބަދަލު ކުރަންޖެހެއެވެ.  ވަކި ވަރަކަށް ބޮޑުވަންދެން ކުޑަކުދިން މީޑިއާއާ ވީހައި ވެސް ދުރުކުރަންޖެހެއެވެ. މީޑިއާއާ ހުށައެޅިގެންދާ ނަމަ އެކުދިންނާއި މީޑިއާއިން ފެންނަ އެއްޗެހީގެ ވާހަކަ ދެއްކުން މުހިންމެވެ. ފެންނަ ބައެއް އެއްޗެއްސަކީ ހަގީގަތް ނޫންކަމުގައާއި ހަގީގީ ދިރިއުޅުމުގައި ފެންނަ ކަންކަމަށް ސަމާލުކަން ދޭން ބާރު އަޅާށެވެ. އެކި މީހުން ތިބޭނީ އެކި ގޮތަށް ކަމާއި އަދި އެއީ އެއްވެސް މައްސަލައެއް ނޫން ކަމުގައި ބުނެދޭށެވެ. މިސާލަކަށް ޑިޒްނީގެ ޕްރިންސެސްތަކުގެ އުނަގަނޑު އެކުދިންގެ ކަރާއި ދާދި އެއްވަރުކަން ފާހަގަކޮށް، އެކުދިންނާއި އުމުރާ ގުޅޭ ގޮތަށް އެ ވާހަކަ މަޝްވަރާ ކުރެވިދާނެއެވެ. ނުވަތަ ދެގަޑިއިރުގެ ކާޓޫނެއް ނިމިގެންދާއިރު އެންމެ ކަޅު މީހަކު ވެސް ނުވަތަ އެންމެ ފަލަ މީހަކު ވެސް ޕޮޒިޓިވް ގޮތަކަށް ނުފެންނަ ނަމަ އެ ވާހަކަ ވެސް ދެއްކިދާނެއެވެ.

މިބުނާ ވާހަކައިގެ މުރާދަކީ ކޮންމެހެން ގޮނޑެއްހެން ހުންނާށެކޭ ނޫނެވެ. ސާފުތާހިރުކަމަކީ އަހަރެމެން ދީނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅައިފައިވާ ކަމެކެވެ. އަދި މީހުންގެ ތެރެއަށް ނުކުމެ މީހުންނާއި ބައްދަލު ކުރާއިރު ރީތި ވުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ރީތި ވުމުގައި ވެސް ކޮންމެވެސް އިމެއް އޮންނަން ވާނެއެވެ. އިސްރާފް ކޮށްގެން ނުވާނެއެވެ. އަދި ބޭކާރު ވަގުތު ހޭދަވުން ނުވަތަ ބޭކާރު ކަންކަމުގައި ޝާމިލުވުން އެއީ އަހަރެމެން ރީތިވުމަށް ޓަކައި ކުރަންޖެހޭ ކަންކަމަށް ވެގެން ނުވާނެއެވެ. ދީން ހުއްދަ ނުކުރާ ކަންކަން ރީތި ވުމަށް ޓަކައި ކޮށްގެން ނުވާނެއެވެ. ބަޔަކު ނުވަތަ މީހަކު ހަމަ ކުރާހާ ކަމެއް އަހަރެމެން ކުރާކަށް ނުޖެހެއެވެ. އެކަމުގެ ފަހަތުގައިވާ ސަބަބުތަކާ އެކަމުން ވެދާނެ ގެއްލުންތަކާއި ދިގު މުއްދަތަށް ބަލާއިރު އެކަމަކުން ކުރާނެ އަސަރާއި ދޭތެރޭ ވެސް ވިސްނައިލާން ވާނެއެވެ.

ސޯޝަލް މީޑިއާގައި ހުންނަ ފިލްޓާރތަކަށް ވިސްނާލިޔަސް މީހުންގެ އަސްލު ސިފަ ބަދަލު ކުރުމަށް ޓަކައި އޮންނަ ޕްރެޝާ އަދި އެދުން ހާމަ ވެގެންދެއެވެ. މީގެ ކުރީގައި ހަމައެކަނި ފޮޓޯތަކަށް ފޮޓޯޝޮޕް ބޭނުން ކޮށްގެން ބަދަލު ގެނެސްފައި ހުއްޓަސް މިހާރު ވީޑިއޯގައި ވެސް ފިލްޓާލުމަކީ އާންމު ކަމެކެވެ. ރީތިކަމާއި ދޭތެރޭ އަހަރެމެންގެ ވިސްނުން ބައްޓަން ވެފައިވާ ގޮތާއި ދޭތެރޭގައި ފުންކޮށް ވިސްނާލުމަށް އަހަރެން ދައުވަތު އަރުވަމެވެ. އަދި ނިންމައިލަމުން އަހަރެން އެންމެ ކަންބޮޑުވާ ވާހަކަ ހިމަނައިލާނަމެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މީހަކު ރީތިވުމަކީ މުޖުތަމައުގައި އެމީހަކަށް ފައިދާތަކެއް ލިބޭނޭ ކަމެކެވެ. ރީތި ނޫން މީހަކަށް ނުލިބޭނޭ ފަދަ ފުރުސަތުތަކާއި ދޮރުތައް ރީތި މީހުންނަށް ޓަކައި ހުޅުވޭނޭ ކަމުގައިވެއެވެ. އަދި ކުށެއް ކޮށްގެން ކޯޓުގެ މަރުހަލާއަށް ގޮސްފި ނަމަ އެމީހަކަށް ލުއި އަދަބެއް ލިބޭނޭ ފުރުސަތު ވެސް ރީތި ނަމަ ބޮޑެވެ. މިފަދަ އެތައް ކަމެކެވެ. މިއީ ނާއިންސާފެކެވެ. މީހުންގެ އަޚުލާގާއި އެމީހެއްގެ ވިސްނުން ތޫނު ކަމާއި ލިބިފައިވާ އިލްމާއި ތަޖުރިބާއަކީ އެމީހެއްގެ އެންމެ މުހިންމުކަން ކަމުގައި އަހަރެމެން ގަބޫލު ކުރަން ހިނގާށެވެ. މީހަކު ޖަޖްކުރާ އިރު އެމީހެއްގެ ދީންވެރިކަމާއި، ދީލަތިކަމާއި، އެހެންމީހުންނާ މުއާމަލާތްކުރާ ގޮތަށް އަހައްމިއްޔަތުކަން ދޭން ހިނގާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!