ލައިފްސްޓައިލް

އެޓޮމިކް ހެބިޓްސް:ކިޔައިލާން ސަޅި ފޮތެއް

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

މިއަހަރު ފެށުނު އިރު ޖިމަށް ދާން އަދި ކެއުން ވަކި ގޮތަކަށް ބަހައްޓަން އަދި މި ނޫން ވެސް ގޯލްތަކެއް ސެޓް ކުރިން ހެއްޔެވެ؟ ނަމަވެސް ޖެނުއަރީގައި މެކުހަށް ޖެހި އަޒުމް، އިންޖީނެއް ނިވޭހެން ނިވި، އެއްކަލަ މޯޓިވޭޝަން ހޯދައި ނުފެންނަ ހިސާބަށް ގޮސްފިދޯއެވެ. ތިމާ އަމިއްލައަށް ބޭނުންވާ ގޮތަކަށް ދިރިއުޅުން ބަދަލު ކޮށްލައި ރަނގަޅު އާދަތައް އަށަގަންނުވައި ނުރަނގަޅު އާދަތައް ދޫކޮށްލުމަކީ ބައެއް މީހުންނަށް ވަރަށް ފަސޭހަ ކަމަކަށް ވެދާނެއެވެ. އެޓޮމިކް ހެބިޓްސް މިއީ އެމީހުންނަށް އަމާޒުކޮށްގެން ލިޔެފައި އޮތް ފޮތެއް ނޫނެވެ. ޖޭމްސް ކްލިއާރ 2018ގައި ނެރުނު މި ފޮތަށް މިހާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިފައެވެ. ޔޫޓިއުބް ބަލައިލިޔަސް އެފޮތުގެ ރިވިއުތަކާއި އެ ފޮތުގައި ކިޔައިދީފައިވާ އުކުޅުތައް މީހުން ބޭނުންކުރަމުންދާ ވީޑިއޯތައް ވަރަށް ގިނައެވެ. އިންސްޓަގްރާމް ބަލައިލިޔަސް ހަމަ އެފޮތުގެ ވާހަކަ ފެނިގެންދާނެއެވެ. މިއަދު އަހަރެން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ބޭނުން ވަނީ އެ ފޮތުން އަހަރެން ލިބިގަތް 5 މުހިންމު ފިލާވަޅެކެވެ.

Ads by MWSC

1.ގޯލެއް ސެޓް ކުރުމަށް ވުރެ މުހިންމީ، އެ ގޯލަކާ ހަމައަށް ވާސިލްވުމަށް އަހަރެމެން ކުރާ މަސައްކަތުގެ ސިސްޓަމް

ޖޭމްސް ކްލިއާ އޭނާގެ ފޮތުގައި ބުނާ ގޮތުން ނަމަ ކާމިޔާބު މީހުންނާއި ނާކާމިޔާބު މީހުންގެ ވެސް ހުންނާނީ ހަމަ އެއް ލަނޑުދަނޑިތަކެކެވެ. އެ ދެބައި މީހުންގެ ތަފާތަކީ އެ މީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެމީހުންގެ އަމަލުތައް ބައްޓަންވެފައި ހުންނަ ގޮތެވެ. އެހެންވީމާ ލިޔުންތެރިޔާ ނަސޭހަތްތެރި ވަނީ ލަނޑުދަނޑިއެއް ކަނޑައެޅުމުގެ ބަދަލުގައި ވަކި އާދަތަކެއް ނަފްސުގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަށެވެ. މިސާލަކަށް ވަކި ހާއްސަ ރޭހަކާ ދިމާކޮށް ދުވަން ޓްރެއިން ކުރާ ނަމަ އެ ރޭހަކަށް ފަހު އެމީހާގެ އަޒުމް ވަރުދެރަވެދާނެއެވެ. އޭގެ ބަދަލުގައި އަބަދުވެސް ދުވުމަށް ލޯބިކުރާ ދުވާ މީހަކަށް ވުމަށް އަޒުމް ކަނޑައެޅުމަކީ ދިގު މުއްދަތަކަށް ބަލާއިރު ހަމައެކަނި ވަކި ރޭހަކަށް ތައްޔާރު ނުވެ، އަބަދުވެސް ދުޅަހެޔޮކޮށް ހުރުމަށް މަގުފަހި ވެގެންދާނޭ ކަމެކެވެ.

2.ކޮންމެ ދުވަހަކު ވެސް 1% އިތުރަށް މޮޅު ވާށެވެ.

ކާމިޔާބީއަކީ އެއްރޭ ނިދައިފައި އަނެއް ދުވަހު ހޭލާއިރު ލިބޭ އެއްޗެއް ނޫނެވެ. ކާމިޔާބު މީހުން ގާތު އެހުމުން ކޮންމެ މީހަކު ވެސް ބުނާނީ އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމުގައެވެ. ނަމަވެސް އަހަރެމެންނަށް ގިނައިން ފެންނާނީ އެމީހާގެ ބުރަ މަސައްކަތާއި އެމީހާގެ އާދަކާދަ ގެންގުޅުން ގޮތެއް ނޫނެވެ. ކާމިޔާބީއެއް ލިބިގެން ސްޕޮޓްލައިޓެއްގެ އައްޔަށް އެރީމައި ނޫނީ އަހަރެމެންނަކަށް އެ މީހާއެއް ނުފެންނާނެއެވެ.

ފޮތުގައި ހިމަނައިލައިފައިވާ ބަސްކޮޅެއްގައި މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް ދައްކުވައިދީފައިވެއެވެ. އެއީ ހިލަގަނޑެއް ދެފަޅި ކުރުމަށް ޓަކައި އޭގައި ކޯރާޑިއަކުން ތަޅާ މީހާގެ މިސާލެވެ. އެ މީހާ ހިލަގަނޑުގައި ސަތޭކަ ފަހަރު ޖަހާއިރު ވެސް އެއަކަށް އެނގި ވެސް ނުލާނެއެވެ. ނަމަވެސް 101ވަނަ ފަހަރު ޖެހުމުން އެ ހިލަގަނޑު ދެފަޅި ވެގެންދެއެވެ. ހަނދާނުގައި ބަހައްޓަންވީ އެ ހިލަގަނޑު ފަޅިވީ އެ ފަހަރު އެކަނި ޖަހައިގެން ނޫންކަމެވެ. އެއީ އޭގެ ކުރިން ޖެހި 100 ފަހަރުގެ ނަތީޖާއެވެ. މި ނޫން ވެސް ވަރަށް ޝައުގުވެރިވާ ފަދަ މިސާލު މި ފޮތުގައި ގެނެސްދީފައިވެއެވެ. އަދި އެ މިސާލުތަކުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ކުޑަކުޑަ ބަދަލެއް އަހަރެމެންގެ ދިރިއުޅުމަށާއި އަހަރެމެންގެ މޮޅުކަމަށް ގެނައުމަކީ ދިގު މުއްދަތަކަށް ބަލާއިރު ބޮޑެތި ކާމިޔާބީ ލިބޭނޭ ކަމެއް ކަމުގައި ގަބޫލު ކުރެވިގެންދެއެވެ.

3.ފުރަތަމަ ބަދަލު ކުރަންވީ އަހަރެމެންގެ އަމަލުތަކެއް ނޫން. އަހަރެމެންގެ އަމިއްލަ ނަފްސާ ދޭތެރޭގައި ދެކޭ ގޮތް

ފޮތުގައިވާ ގޮތުން ނަމަ ގިނަ މީހުންނަށް ނުރަނގަޅު އާދައެއް ދޫކޮށްލަން އެހައި އުނދަގު ވަނީ ނުވަތަ ރަނގަޅު އާދައެއް ނަފްސުގައި ހަރުލައްވަން އުނދަގުލީ ނުބައި ކޮޅަކުން އެކަމާ ދިމާކުރާތީއެވެ. އަހަރެމެންގެ ނަފްސާ ދޭތެރޭ ގަބޫލުކުރާ ގަބޫލުކުރުންތަކާ ދޭތެރޭ ނުވިސްނައި ސީދާ އަމަލުތައް ބަދަލު ކުރަން އުޅޭތީއެވެ. މިސާލަަކަށް ސިނގިރޭޓު ބުއިން ހުއްޓައިލާން މަސައްކަތްކުރާ މީހަކަށް ބަލަމާ ހެއްޔެވެ. ރައްޓެއްސަކު ދިއްކޮށްލާ ފެގެއްގައި ނުހިފައި ޖަވާބުގައި މި ބުނަނީ 'މި އުޅެނީ ހުއްޓައިލެވޭތޯއެވެ.' ނުވަތަ އެހެން ގޮތަކީ 'ނޯ ތޭންކްސް. އަހަރެން ފެގެއް ނުބޮމެވެ.' މި ދެގޮތުން ކުރެ އަހަރެމެންގެ ނަފްސު ބަދަލު ކޮށްލަން އެހީވެދޭނީ ދެވަނަ ގޮތްކަން ސާފު ވާނެއެވެ. ހަމަ މިގޮތަށް ތިމާއަކީ ކަސްރަތު ކުރާ މީހެއް ކަމުގައި އަމިއްލަ ނަފްސު ގާތުގައި އަބަދު ތަކުރާރުކޮށް ހަނދާން ކޮށްދޭ މީހަކު ކަސްރަތު ކުރާ ހިތްވާނެއެވެ. އަދި އެމީހެއްގެ ކިބައިގައި އެ އާދަ ހަރުލައްވަން ބޭނުން ވާނެއެވެ. ހަމަ މިގޮތަށް ތިމާއަކީ ލިޔުންތެރިއެއް ކަމަށް ހިތުގެ އަޑިން ގަބޫލުކޮށް، ކޮންމެ ދުވަހަކު ލިޔާ މީހަކަށް ވުމަކީ އެ ގަބޫލުކުރުން އަމިއްލަ ނަފްސަށް ހެއްކެއްގެ ގޮތުގައި ދެއްކޭނޭ ކަމެކެވެ.

ބައެއް މީހުން މުޅި އުމުރު ދަނީ އެ މީހަކީ ވަކި ކަމެއްގައި މޮޅު ނޫން މީހެއްކަމުގައި ގަބޫލުކޮށްގެންނެވެ. އަދި އެހެން މީހުން ގާތު އެ ވާހަކަ ބުނަން ވެސް ބުނާނެއެވެ. އަހަންނަށް އެހައި ރަނގަޅަކަށް ކައްކާކަށް ނޭނގެއެވެ. ހިސާބަށް އަހަރެން އެހައި މޮޅެއް ނުވާނެއެވެ. މި ފަދަ ގަބޫލުކުރުންތައް އެ މީހަކު އެ ދާއިރާތަކުން މޮޅު ވުމަށް އެޅޭ ބޮޑު ހުރަހަކަށް ވެގެންދެއެވެ. އެ ގަބޫލުކުރުމާ ހެދި މޮޅުވާކަށް މަސައްކަތެއް ވެސް ނުކުރެއެވެ. މިއާ ޚިލާފަށް ކޮންމެ މީހަކު ވެސް ބޭނުން ކޮންމެ އާދައެއް ހަރުލައްވައިގެން އެމީހަކު ދާން ބޭނުން ހިސާބަކަށް ދެވިދާނެއެވެ.

4.މޯޓިވޭޝަނަށް ވުރެ މުހިންމީ ވަށައިގެންވާ މާހައުލް

ކުރަން ކިތަންމެ ބޭނުން ކަމެއް ނަމަވެސް ބައެއް ފަހަރު އެކަން ނުކުރެވި ދަނީ މޯޓިވޭޝަން ނެތިގެންނެވެ. އެކަމެއް ކުރުމުގެ ޝައުގުވެރިކަން ނެތީއެވެ. ނޫނީ އެ ކަމެއް ކުރުމަށް ޓަކައި ހިތުގައި ވަރުގަދަ އެދުމެއް ބޭނުންވާ ވަގުތަކު ނުއުފެދެނީއެވެ. ނަމަވެސް ޖޭމްސް ކްލިއާ ސައިންސްގެ ހޯދުންތަކުން ހެކި ދެއްކުމަށް ފަހުގައި އުފާވެރި ޚަބަރެއް ދެއެވެ. އެއީ އަހަރެމެންގެ އަމަލުތައް ވަކި ގޮތަކަށް ބައްޓަން ކުރުމަށް ބޮޑަށް މުހިންމީ އަހަރެމެންގެ ވަށައިގެންވާ މާހައުލު ކަމެވެ. މިސާލަކަށް އަބަދު ފެންނަން ހުންނަ ކަމަށްވާ ނަމަ އެ އެއްޗެއްގެ ބޭނުން ހިފޭލެއް ގިނަ ވާނެއެވެ. ގިނައިން ފެން ބޯން ބޭނުންވާ ނަމަ ފެން އަޅައިފައިވާ ފުޅިތައް ގޭގެ އެތަން މިތާނގައި ބަހައްޓާށެވެ. މަސައްކަތް ކުރާ ގަޑީގައި މާގިނައިން ފޯނު ބެލޭ ނަމަ، ވަކި ވަގުތަކަށް ފޯނު އަނެއް ކޮޓަރީގައި ބާއްވާށެވެ. މީގެ އިތުރުން އައު އާދައެއް ފައްޓަން ބޭނުންވާ ނަމަ އައު މާހައުލެއްގައި ފެށުން ފަސޭހަވާނެއެވެ. އެއީ ބައު މާހައުލުގައި ކުރިމަތިވި ކްރޭވިންގްސްއާ އިދިކޮޅު ހަދަން ހަށިގަނޑަށް ނުޖެހޭނެތީއެވެ.

ތިމާ އުޅޭ ތަންކޮޅު ކުޑަ ނަމަ، އެކި ކަހަލަ މަސައްކަތަށް އެކި ތަންތަން ކަނޑައެޅުމަކީ ނާދިރު ކަމެކެވެ. އެހެންވީމާ ހެދިދާނެ ގޮތަކީ އުޅޭ ކޮޓަރީގެ އެކި ހިސާބު އެކި ކަންކަމަށް ހާއްސަ ކުރުމެވެ. މިސާލަކަށް ކާމޭޒަކީ ހަމައެކަނި ކާތަނެވެ. ސޯފާ ގޮނޑިއަކީ ހަމައެކަނި ފޮތް ކިޔާ ތަނެވެ. އަދި ސްޓަޑީ ޑެސްކަކީ ހަމައެކަނި އީމެއިލްތައް ޗެކްކޮށް މަސައްކަތް ކުރަން ހާއްސަ ތަނަކަށް ހެދިދާނެއެވެ. ފޮތުގައި ހިމަނައިލައިފައިވާ އެހެން މިސާލަކީ ލެޕްޓޮޕްގައި ލިޔުމަށް ހާއްސަކޮށް، ޓެބްލެޓް ފޮތް ކިއުމަށް ހާއްސަކޮށް އަދި ފޯނުން ހަމައެކަނި މުނިފޫހި ފިލުވުމަށް ހާއްސަކުރުމެވެ. އެ މީހެއްގެ ގޭތެރޭގެ މާހައުލު ނުވަތަ އޮފީހުގެ މާހައުލު އެމީހެއްގެ އަމަލުތައް ބައްޓަން ކުރަން ބޭނުންވާ ގޮތަކަށް ބަދަލުކޮށްލެވިދާނެއެވެ.

5.އާދައެއް އަށަގެންނެވުމަށް ޓަކައި އެ އާދަ ސަޅިކޮށްލައި ޒީނަތްތެރި ކޮށްލާށެވެ.

ނެޓްފްލިކްސް ބަލަން ވަރަށް ލޯބިކުރާ މީހަކު، އެއް ފަހަރަކު ކަސްރަތު ކުރުމަށް ޓަކައި ހިތްވަރު ނުލިބިގެން، އޭނާ އަމިއްލައަށް ޕްރޮގްރާމެއް ހެދީއެވެ. އެއީ ލެޕްޓޮޕާއި ކަސްރަތު މެޝިނާ ގުޅުވައިގެން، އޭނާ ކަސްރަތު ކުރުމުން ނެޓްފްލިކްސް ފެންނަ ގޮތްވާ ކަހަލަ ޕްރޮގްރާމެކެވެ. އޭނާ ކަސްރަތު ކުރުން ހުއްޓައިލައިފި ނަމަ ބަލަން އިން ޝޯ އޮޓޯއިން ގެއްލެއެވެ. މި މިސާލަކީ އަހަރެމެން ކުރާ ހިތްނުވާ ނަމަވެސް ކުރަން ބޭނުން ކަމެއް އަހަރެމެންނަށް ކަމުދާ ކަމެއް ބޭނުން ކޮށްގެން އަހަރެމެން އަމިއްލަ ނަފްސަށް ޒީނަތްތެރިކޮށް ދެއްކުމުގެ މިސާލެވެ. ލިޔުންތެރިޔާ ބުނާ ގޮތުގައި އާދައެއް އަށަގެންނެވުމަށް ޓަކައި އެ އާދަ ފޫހި އާދައެއް ގޮތުގައި ނުބާއްވާށެވެ. އަހަރެމެންނަށް ކުރެވުނު ވަރަކަށް އެ އާދައިން އަހަރެމެންނަށް ހިތްހަމަޖެހުން ލިބޭނޭ ގޮތަށް ބަދަލުކޮށްލާށެވެ.

މިސާލަކަށް ފައިދާހުރި ކާނާ ނުވަތަ ބުއިން ގިނައިން ބޭނުން ކުރަން ބޭނުންވާ ނަމަ އަހަރެމެންނަށް ރީތި އަދި ކާ ހިތްވާ ކަހަލަ ތަށި ހޯދިދާނެއެވެ. އޭރުން އެ ތަށިން ކާހިތުން އަހަރެމެން ރަނގަޅު ކާނާއާއި ބުއިން ބޭނުން ކުރެވޭލެއް ގިނަ ވެދާނެއެވެ. ނުވަތަ ލިޔާ ހިތްވާ ކަހަލަ ފޮތާއި ގަލަން ހޯދުމަކީ ވެސް އެ ފަދަ މިސާލެކެވެ. ނުވަތަ ދުވަހުގެ ޝެޑިއުލްގެ ތެރޭގައި ހިތްހަމަޖެހުން ލިބޭ ކަމެއް ކުރާ ގަޑީގައި ނުވަތަ އެކަމެއްގެ ފަހުން ނުވަތަ ކުރިން ވެސް އަށަގަންނަން ބޭނުންވާ އާދަ ޝެޑިއުލް ކުރެވިދާނެއެވެ. އޭރުން ވެސް އެ އާދައަކަށް އަހަރެމެންގެ ސިކުނޑި ގަޔާވާނެއެވެ.

ނިންމުން

އަހަރެމެންނަކީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ އާދަތަކުގެ ނަތީޖާއެވެ. ދުވަހުން ދުވަހަށް އެ އާދަތަކުގެ އަސަރު އެހައި ބޮޑަށް ފާހަގަ ނުވިއެއް ކަމަކު، އަހަރުތަކެއް ފަހުން އެ އާދަތަކުގެ ނަތީޖާ ވަރަށް ބޮޑުކޮށް ފެންނާނެއެވެ. މިސާލަކަށް ތައްޔާރީ ކާނާގެ ބާވަތެއް ކޮންމެ ދުވަހަކު ސައިގަޑީގައި ކާން އާދަވެފައިވާ ނަމަ، ވަގުތުން އޭގެ ނޭދެވޭ އަސަރު ނުކޮށްފާނެއެވެ. ނަމަވެސް އަހަރުތަކެއް ފަހުން އެކަމުގެ ސަބަބުން ސިއްހީ މައްސަލައެއް ފާޅުވެދާނެއެވެ. ހަމަ އެފަދައިން ކޮންމެ ދުވަހަކު ބައިގަޑިއިރު ދުވަން ދިޔުމަކީ އެ ވަގުތު ސިއްހަތަށް އެހާ ބޮޑު ފައިދާތަކެއް ލިބޭކަން ފާހަގަ ނުވެދާނެ ކަމެކެވެ. ނަމަވެސް އެ އާދަ ހަރުލައްވައިފި ނަމަ އަހަރެއް ނުވަތަ ދެ އަހަރު ފަހުން އެމީހާގެ ސިއްހަތަށް އޭގެން އެތައް ފައިދާއެއް ކުރާނެއެވެ. މިސާލަކަށް މަސްތައް ވަރުގަދަވުން، ބުންވަރު ރަނގަޅުވުން، ހިތުގެ ސިއްހަތު ރަނގަޅުވުން ފަދަ ކަންކަމެވެ. "އެޓޮމިކް ހެބިޓްސް" މި ފޮތް ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ބޭނުންވާ ކޮންމެ މީހަކަށް އަހަރެން ރެކޮމެންޑް ކުރަމެވެ. މިލިޔުމުގައި ހިމަނައިލައިފައިވާ ނުކުތާތަކަށްވު ރެ އެތައް ބައިވަރު އަގުހުރި ނުކުތާތަކެއް ފޮތުގައި ހިމަނައިފައިވެއެވެ. އެކި މީހުންނާ ގުޅޭނީ އެކި އުކުޅެވެ. މީގައި މުހިންމު ކަމަކީ ހިތްވަރު އެލުވައިނުލާ ބޭނުންވާ މަންޒިލަށް ފޯރުމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!