ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: ދުނިޔޭގައި ހުރިއިރު އަގުވަޒަން ނުކުރެވުމުން، ވަކިވެގެން ދިޔައީ ވަދާއީ ސަލާމް ވެސް ނުކުރެވި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކުވެރިއަކަށް ދާދި ފަހުން ދިމާވި އިބްރަތްތެރި ހާދިސާއެކެވެ. އޭނާއަށް، އޭނާ ދެކެ ވަރަށް ލޯބިވީ، އަދި އޭނާއަށް އަބަދުވެސް ވަރަށް އޯގާތެރިވީ މީހެއްގެ އަގުވަޒަން ކުރެވުނީ، އެމީހާ އޭނާއަށް ގެއްލުނު ފަހުންނެވެ.

Ads by STELCO

އެއްވެސް ހާލެއްގައި މިދައްކަނީ އެ އެކުވެރިޔާ ދެކެ އިޝްޤީ ލޯބިވީ މީހެއްގެ ވާހަކައެއް ނޫނެވެ. އެއަށްވުރެ ވެސް މާތް ލޯތްބެކެވެ. މާމައަކު އޭނާގެ މާމަދަރި ދެކެ އިންތިހާއަށް ވީ ލޯތްބެއްގެ ވާހަކައެކެވެ.

އެ އެކުވެރިޔާ ކިޔައިދިން ގޮތުގައި، އޭނާގެ މާމަ އޭނާދެކެ އިންތިހާއަށް ލޯބިވިއެވެ. އޭނާ ކުޑައިރު ހަދިޔާބަދިޔާ ދީ ހެދިއެވެ. މީރުހާ ކާއެއްޗެހި ހަދާފައި ކާން ދިނެވެ. ބޮޑުވަމުން ދިޔަ ވަރަކަށް އޭނާއަށް ލިބެމުންދިޔަ ކުރިއެރުންތަކާ މެދު އުފާވެ، ފަހުރުވެރިވިއެވެ. ދެ ދުނިޔޭގައި ވެސް އޭނާއަށް ފައިދާ ކުރާނެ ފަދަ ހެޔޮ ނަސޭހަތް ދިނެވެ.

އޭނާ ވެސް މާމަ ދެކެ ވަރަށް ލޯބިވިއެވެ. މާމަގެ ބަސްތަކާއި އަމަލުތަކުން އޭނާ ވެސް އުފާވިއެވެ. ނަމަވެސް އޭނާ ބޮޑުވަމުން ދިޔަ ވަރަކަށް މާމަ އުމުރުން ދުވަސްވަމުންދާކަން އޭނާ ހަނދާން ނެތުނީއެވެ. ދެމީހުން އުޅުނީ ދެ ގެއެއްގައި ނަމަވެސް، މަހަކު މަދުވެގެން ދެފަހަރު ވިޔަސް މާމަ އެގެއަށް ދިޔައެވެ. އެކަނިމައި އެކަންޏެވެ. ނަމަވެސް އޭނާއާއި އޭނާގެ އާއިލާއިން އެހެން އެއްވެސް މީހަކު އެ މުސްކުޅި މާމަ ކައިރިއަކަށް ނުދެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، އެއްކަލަ މުސްކުޅި މާމަގެ ބަލިހާލަތު ވަރަށް ބޮޑަށް ދެރަވިއެވެ. މާމަދަރީގެ ގެއަށް ވެސް ނުދެވޭތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔައެވެ. މާމައަށް އެގެއަށް ނުދެވޭކަން އެމީހުންނަށް އިހުސާސް ކުރެވުނީ ވެސް ވަރަށް ގިނަ ދުވަސް ފަހުންނެވެ. މާމަގެ ހާލަކީ ކޮބައިބާއޭ އެންމެން އެންމެންނަށް ކިޔުނެވެ. ނަމަވެސް މާމަގެ ހާލު ބަލައިލަން، މާމަ އުޅޭ ހިސާބަކަށް ދާން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ.

އެއް ރެއެއްގެ ދެ ނަމާދު ވަގުތެވެ. އެކުވެރިޔާއަށް ލިބުނީ އޭނާގެ އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ދެން ދުވަހަކުވެސް އޭނާ ހަނދާން ނުނެތޭނެ ފަދަ ކޯލެކެވެ. އޭނާގެ އެހެން އެކުވެރިއަކު ގުޅައިފައި ބުނީ، މާމަ ނިޔާވެއްޖެދޯއޭ، ހަމްދަރްދީވަމޭއެވެ.

އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މާމަ ނިޔާވިކަން ނޭނގޭކަން ދައްކާނެ ހިތްވަރު ވެސް ނުލިބުނެވެ. އަވަހަށް ފޯނު ކަނޑައިލައިފައި އޭނާ ފޭސްބުކްއިން ބަލައިލީ "ކަށުނަމާދު" ޕޭޖެވެ. އޭގައި އެންމެ ފުރަތަމައަށް ވެސް އޮތީ، އޭނާގެ މާމަގެ ކަށުނަމާދު އެރޭ 8 ޖަހާއިރު، ހުޅުމާލޭ ސަހަރާގެ މިސްކިތުގައި އޮންނާނެ ވާހަކައެވެ. އެއިރު 7 ޖަހަން ހުރީ އެންމެ 10 މިނެޓެވެ.

އޭނާ ދެން އަވަސްވެގަތީ އަވަހަށް ހުޅުމާލެ ދިޔުމަށެވެ. އާއިލާގެ އެހެން މީހުން އެވަގުތު ތިބީ މާލެއިން ބޭރުގައެވެ. އެހެންކަމުން އެމީހުންނަށް ދެވޭނެ ގޮތެއް ވެސް ނުވިއެވެ.

އަވަހަށް ޓެކްސީއަކަށް އަރައިގެން އެކުވެރިޔާ ހުޅުމާލެއަށް ދިޔައެވެ. އެތަނަށް ދެވުނު އިރު 7:20 ވެއްޖެއެވެ. އޭނާއަށް ފެނުނީ މާމަގެ ދުރުތާތިމާގެ ބޭބެއެކެވެ. ފުރަތަމަ ވެސް އޭނާއަށް އަހައިލެވުނީ، މޫނު ދައްކައި ނިމުނީތޯއެވެ. ޖަވާބުގައި އެމީހާ ބުނީ އާނއެކޭއެވެ.

އޭނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ދެން ހަމަ ކުޑަކޮށް ވެސް ނުދައްކާނެހޭ، ތަކުރާރުކޮށް އޭނާ އަހަމުން ދިޔައެވެ. ޖަވާބުގައި އެ ބޭބެ ބުނީ، އާނއެކޭ، ޢިޝާ ނަމާދު ވަގުތު ވެސް ކައިރިވާތީ، އެއަށްފަހު ކަށުނަމާދު އޮތުމުން މިހާރު އޮތީ މާމަގެ މޫނުއަޅާފައި، ސަންދޯކަށްލާން ތައްޔާރު ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް، މާމަގެ މޫނު އެޅުމުގެ ކުރިން އެ ބޭބެ ނެގި ފޮޓޯއެއް އޭނާއަށް ފޮނުވިއެވެ.

އެރޭ ސަހަރާއިން އޭނާ ނުކުމެގެން ދިޔައީ، މާމަގެ ހަނދާންތަކާ އެކުގައެވެ. އަދި އެއަށް ވުރެ ބޮޑަށް، މާމަ ދުނިޔޭގައި ހުރި އިރު މާމަގެ އަގުވަޒަން ނުކުރެވުމުން، އެކަމުގެ ފުން ހިތާމައާ ވެސް އެކުގައެވެ. މާމަ ދެކެ ލޯބިވިޔަސް، އަމަލުން އެކަން ދައްކަންވީ ވަރަށް ނުދެއްކުމުން، އެ މާމަ ނިޔާވެގެން ދިޔައިރު އެންމެ ފަހު ފަހަރަށް މޫނު ދެކެލުމުގެ ފުރުސަތުވެސް އޭނާއަށް ނުލިބުނީއެވެ. އަދި ވަދާއީ ސަލާމް ވެސް ނުކުރެވުނީއެވެ. މިއީ ވިސްނައިފި މީހަކަށް ފުރިހަމަ އިބްރަތެއް ހާސިލުވާނެ އަސަރުގަދަ ހާދިސާއެކެވެ.

  1. آمنة

    أستغفرالله