ހަގީގީ ހާދިސާ ދީން

ހަގީގީ ހާދިސާ: މުސްކުޅި އަންހެނެއްގެ ދުޢާގެ ސަބަބުން 32 އަހަރު ޙައްޖު ކުރި މީހާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވި ބަސްފުޅެއްގައި ވެއެވެ. "ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ 2 ކަމެއް ، 2 ކަމެއްގެ ތެރޭގައި ވަންހަނާ ކުރައްވައިފައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ، ހެޔޮ ޢަމަލުތަކުގެ ތެރޭގައި ފޮރުއްވަވައިފައެވެ. އަދި އެއިލާހުގެ ވަލީވެރި ބޭކަލުން އެއިލާހުގެ އަޅުތަކުންގެ ތެރޭގައި ފޮރުއްވަވައިފައެވެ."

Ads by MWSC

މި ބަސްފުޅުގެ ތެދުކަން ހާމަ ވެގެންދާ އެއް ހާދިސާއަކީ ޤުބާ މިސްކިތުގެ އިމާމް، ފަޟީލަތުއްޝައިޚް ޞާލިޙު އަލް މުޣާމިސީ ޙަފިޡަހުﷲގެ ދަރުހެއްގައި ވިދާޅުވި މި ހާދިސާއެވެ.

"މީގެ 32 އަހަރު ކުރިން، ޒުވާން ޢުމުރުގައި ޙައްޖުވީ މިޞްރު މީހަކު އަހަރެންނަށް އެނގެއެވެ. އޭނާ ޙައްޖަށް ދިޔުމަށް މައްކާއަށް ދިޔުމަށް 9 ޕަސިންޖަރުން އުފުލޭ ވަރުގެ ވެހިކަލަކަށް އެރިއެވެ. އެ އުޅަނދުގެ ޑްރައިވަރުގެ ފަހަތުން ކުރީކޮޅުގެ ދެ ސީޓުގައި ދެމަފިރިއަކު ތިއްބެވެ. އަދި އެންމެ ފަހަތުގެ ސީޓްގައި މުސްކުޅި އަންހެނަކު އިނެވެ. އެ އަންހެން މީހާ އިނީ، އުޅަނދުގައި މީހުން ގިނަވުމުގެ ސަބަބުން ފައި ދަމައި ނުލެވި، ވަރަށް އުނދަގުލުގައެވެ.

ކޮންމެއަކަސް މި ޒުވާނާއަށް މި މަންޒަރު ފެނިގެން، ކުރީކޮޅުގައި ތިބި ދެމަފިރިންގެ ތެރެއިން، ފިރިހެންމީހާގެ ގާތަށް ގޮސް އެ މުސްކުޅި އަންހެންމީހާއަށް އެ ސީޓު ދިނުމަށް އެދުނެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރިއެވެ. ދެތިން ފަހަރު އާދޭސް ކޮށްގެން، އެންމެ ފަހުން އެ ފިރިހެންމީހާ ފަހަތަށް އަންނަން އެއްބަސްވެ، މުސްކުޅި އަންހެން މީހާއަށް އޭނާގެ ސީޓު ދިނެވެ.

އެވަގުތު ކުރިއަށް އައިސް ސީޓުގައި ރަނގަޅަށް ހަމަޖެހިލެވުމުން، އެ އަންހެންމީހާ އޭނާގެ ބަހުރުވައިން ބުންޏެވެ.

"ﷲ ތިބާ އެއްވެސް އަހަރެއްގެ ޙައްޖުން މަޙުރޫމު ނުކުރައްވާށިއެވެ!"

އެ މުސްކުޅި އަންހެން މީހާ އެ ދުޢާ ކުރި ފަހުން މިއަދާ ހަމައަށް 32 އަހަރު އޭނާ ޙައްޖުކޮށްފިއެވެ. ބައެއް ފަހަރު ޙައްޖު މޫސުން އަންނައިރު، އޭނާގެ އަތުގައި ޙައްޖަށް ދާނެ ފައިސާ ނެތިގެން، ނުވަތަ އޭނާ އެ އަހަރު ޙައްޖަށް ދިޔުމުގެ ޤަޞްދެއް ނެތި ވެސް ހުރެއެވެ. އެހެން ނަމަވެސް، އޭނާއަށް އެ މުސްކުޅި އަންހެނާގެ ދުޢާގެ ސަބަބުން، އޭނާއަށް ޙައްޖުގެ ފުރުޞަތު ތަނަވަސް ވެގެން އައިސް، އޭނާ ޙައްޖަށް ދެއެވެ.

ފަހެ ތިބާ ހެޔޮ ކަން ކުރާށެވެ! ﷲގެ ވަޖުހުފުޅު އަދައިގެންނެވެ. ފަހަރުގައި ތިބާ އެހީތެރިވާ މީހާއަކީ މީސްތަކުންނަށް ނޭނގުނު ކަމުގައި ވިޔަސް ﷲގެ ޙަޟްރަތުގައި މުސްތަޖާބު ދުޢާއެއްގެ ވެރިއަކަށްވެ، އޭނާގެ ދުޢާގެ ސަބަބުން ތިބާއަށް ﷲ ހެޔޮ ތައުފީޤު ދެއްވައި އެ ތައުފީޤު ލިބުނީ ކިހިނެއްކަން ތިބާއަށް ވެސް ނޭނގި ހިނގައިދާނެއެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!