ޕިންކް އެންޑް ބްލޫ: ދެޖިންސަށް ދެކުލަ
މިކަންތައް ފެށެނީ އަންހެނަކު ބަނޑުބޮޑުވާ ހިސާބުންނެވެ. ޖެންޑާ ރިވީލް ޕާޓީތަކުގައި ވެސް ކޭކެއް ފަޅައިލުމުން ނުވަތަ ފުއްޕާހަމެއް ފަޅާލުމުން އެތެރެއިން ފެންނަ ކުލައިން ދޭހަ ކޮށްދެނީ ބަނޑުގައި އޮތް ދަރިފުޅުގެ ޖިންސެވެ. ބަނޑުގައި އޮތީ އަންހެން ކުއްޖެއް ކަމެއް ފިރިހެން ކުއްޖެއް ކަމެއް އެނގޭ ހިސާބުން، ދަރިފުޅަށް ބޭނުންވާ އެއްޗެހި ގަނެ ހަމަކުރާނީ އެ ޖިންސަކާ އެކަށީގެންވާ ގޮތަކަށެވެ. އަންހެން ކުއްޖެއް ވެއްޖެއްޔާ ފިޔާތޮށި، ފިރިހެން ކުއްޖެއް ވެއްޖެއްޔާ ނުލެވެ.
ނަމަވެސް ބައެއް މީހުން ތުއްތު ކުދިންނާ ގުޅޭ އެހެން ކުލަތައް ހޮވައިގެން އެ ކުލަތައް ބޭނުންކުރެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި ޔުނިސެކްސް ކުލަ ވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް ހުދު ކުލަ ނުވަތަ ފެހި ކުލަ ދެޖިންސާ ވެސް ގުޅޭކަމުގައި އެމީހުން ދެކެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި ދެޖިންސަށް ދެކުލައިގެ އެއްޗެހި ހޯދުމަކީ ވަރަށް އާންމު އަދި ފޫހި ކަމެކެވެ. ހުރިހާ އެންމެން އެއްގޮތަކަށް ކަންތައް ކުރާތީއެވެ. މިފަދަ މީހުން ވެސް ދަރިފުޅަށް ތަންކޮޅެއް ތަފާތު ކުލައެއް ހޮވާފާނެއެވެ. ނަމަވެސް ތުއްތު އަންހެން ކުއްޖަކަށް ނޫ ކުލަ ހޮވުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ތުއްތު ފިރިހެން ކުއްޖަކަށް ފިޔާތޮށި ކުލަ ބޭނުން ކުރުމަކީ ހަމަ ނުވާނެ ކަމެކޭ ބުންޏަސް ރަނގަޅު ވާނެއެވެ.
ކިހިނެތް ނިންމުނު ނިންމުމެއް؟
އަހަރެންގެ ސުވާލަކީ ކުލަތަކަކީ ޖިންސު ކަނޑައެޅިފައިވާ އެއްޗެެއްސެއް ނޫނެވެ. އެހެންވީމާ ވަކި ކުލަތަކެއް ވަކި ޖިންސަކަށް ބަހައިގެން މިއުޅެނީ ކިހިނެތް ވެގެންބާއެވެ. ޖަވާބަކީ ދެކުލަ ދެޖިންސަށް ކަނޑައެޅުމަކީ ވަކި ބަޔަކު އުފައްދައިގެން އުޅޭ އެއްޗެކެވެ. މިކަމުގެ ފެށުން އައިސްފައި އޮތީ އެމެރިކާއިންނެވެ. 1900ގެ އަހަރުތަކުގެ ތެރޭގައި ދެޖިންސަށް ދެކުލަ ކަނޑައަޅައި ތުއްތު ކުދިން އެކުލަތަކުގެ ހެދުން ލެއްވުމަށް ބާރު އެޅުނެވެ. އޭގެ ކުރީގައި އެމެރިކާގައި ގިނަ ކުޑަ ކުދިން ލައްވައިފައި ހުންނަނީ ހުދު ކުލައިގެ ހެދުންކޮޅެވެ. ނަމަވެސް މި ދެބައިވުން ފެށުމުން މަންމައިންނަށް ވިސްނައިދެވިފައި އޮތީ ބޮޑު ވެގެން ފިރިހެން ވަންތަ ފިރިހެނަކަށް ދަރިފުޅު ވާނީ ފިޔާތޮށި ކަހަލަ ވަރުގަދަ އަދި ގަދަ ކުލައެއް އެކުއްޖަކު ލެއްވީމައި ކަމުގައެވެ. އޭގެ ބަދަލުގައި އަންހެން ކުދިންގެ ނިޔަނެތިކަމާއި މަޑުމައިތިރިކަމާއި އެއްވަރު ވާނީ އެކުދިން މަޑު ނޫ ކުލަ ލެއްވީމައެވެ.
އެތައް އަހަރެއް ވަންދެން މިކަން މިހެން އޮތުމަށް ފަހު ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މިކަންތައް އިދިކޮޅަށް ޖެހުނެވެ. ކުއްލިއަކަށް ފިޔާތޮށި އަންހެން ކުލައަކަށް ބަދަލުވެ، ނޫކުލަ ފިރިހެންވަންތަކަމަށް ފެޝަން އިންޑަސްޓްރީއާއި މެގަޒިންތަކުން ބުނަން ފެށިއެވެ. އެމެރިކާގެ އާދަކާދައިގެ އަސަރު މުޅި ދުނިޔެއަށް ވެސް ފޯރައިފައިވާތީ އަހަރެމެންގެ ގައުމުގެ މީހުންގެ ސިކުނޑިއަށް ވެސް އެ ވިސްނުން ވަނީއެވެ. މިއަދާ ހަމައަށް ވެސް މިކަންތައް ބަދަލު ނުވެ ދެމި އެބަ އޮތެވެ.
މިނުކުތާ ފާހަގަ ކޮށްލީ ކިޔުންތެރިންނަށް ވަކި ކުލައަކީ ވަކި ޖިންސަކަށް ހާއްސަ އެއްޗެއް ނޫން ކަމުގައި ބުނެދިނުމުގެ ބޭނުމުގައެވެ. މާދަމާ ވެސް ބާރުގަދަ މީޑިއާތަކާއި ސަރުކާރުތަކުން ފިޔާތޮއްޓަކީ ހަމައެކަނި ފިރިހެން ކުދިންނަށް ހާއްސަ އެއްޗެއް ކަމުގައި ބުނެފި ނަމަ، އަހަރެމެން އިސާހިތަކު އެކަން ވެސް ގަބޫލު ކުރާނެއެވެ. އެހެންވީމާ އެއަށް ހެއްލުމުގެ ބަދަލުގައި އަހަރެމެންގެ ސިކުނޑީގެ ފުރިހަމަ ބޭނުން ކޮށްގެން، ރަނގަޅަށް ވިސްނުމަށް ފަހުގައި ނޫނީ އެފަދަ ކަންކަން ގަބޫލުކޮށް ދިރިއުޅުމުގައި ބޭނުން ނުކުރާން ހިނގާށެވެ. އަދި މީހަކު ތަފާތުކޮށް ކަމެއްކޮށްފި ނަމަ އެކަމަށް ފާޑު ކިޔުމުގެ ބަދަލުގައި އެކަމެއް އެހެން އެ ކުރަނީ ކޮން ސަބަބަކާ ހެދިތޯ އެމީހަކު ކައިރި އަހާށެވެ. އަދި އެމީހެއްގެ ސަބަބުތަކަށް އިހުތިރާމް ކުރާށެވެ.
ބައެއް މީހުން ހިތަށް އަރައިފާނެއެވެ. ދެޖިންސަށް ދެކުލަ ކަނޑައަޅައިފައި އޮތުމުން މައްސަލައަކީ ކޮބައިހެއްޔެވެ. މިލިޔުމުގައި އެކަމުން ދިމާވާ މައްސަލަތައް ކިޔުންތެރިންނަށް ކިޔައިދެވޭތޯ މަސައްކަތް ކުރާނަމެވެ.
-
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރުން
ކުޑަކުދިން ބޮޑު ވަމުން އަންނަ އިރު އެ ކުއްޖަކަށް ރީތިވާން ޖެހޭނީ އަދި ރީތިވާން ނުޖެހޭނީ މިވެނި ކުލަތަކެކޭ ދަސްކޮށްދެވިފައި އޮތުމަކީ އެކުދިންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެކުއްޖަކަށް ރީތިވާން ޖެހޭ ކުލައެއް ރީތި ނުވެއްޖެ ނަމަ އެކުއްޖާ ހިތުގައި ސުވާލު އުފެދިދާނެއެވެ، އަންހެން ކުދިންނަށް މިކުލަ ރީތިވާން ޖެހޭ އިރު އަހަރެންނަށް މި ކުލަ ރީތި ނުވަނީ ކީއްވެބާއެވެ. ފިރިހެން ކުދިންނަށް ވެސް އެހެން ހީވެދާނެއެވެ. މިކަމުގެ ސަބަބުން ކުދިން އަމިއްލަ ނަފްސާ ދޭތެރޭ ދެކޭ ގޮތާއި، އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ނުވަތަ އެ ކުއްޖަކަށް އެކުއްޖެއްގެ ޖިންސަށް ދެވިފައި އޮންނަ ކުލަ ރީތިވެފައި އެހެން ކުދިންނަށް އެ ކުލަ ރީތި ނުވެއްޖެއްޔާ އެކުއްޖަކާ ދޭތެރޭގައި ދެކޭ ގޮތް ތަފާތު ވެގެން ހިނގައިދާނެއެވެ. ޖަޖް ކުރެވިދާނެއެވެ. ކުޑައިރުއްސުރެ އެހެންވީމާ އެ ދަސްވަނީ މުޖުތަމައުގެ ހަރުކަށި ގަވާއިދުތަކަށް ތަބާވުމަށެވެ. އަދި އެގޮތަށް އެހެން މީހުން ވެސް ތަބާވާން ޖެހޭނޭކަން ގަބޫލު ކުރުމަށެވެ.
ދެޖިންސަށް ދެކުލަ ކަނޑައެޅުމަކީ ހަގީގަތުގައި ހަމައެކަނި ކުލައިން ނިމޭ ކަމެއް ނޫނެވެ. ދެޖިންސަށް ދެކުލަ ކަނޑައެޅުމާ އެކު ދެޖިންސަށް މުޖުތަމައުއިން ކަނޑައަޅާ އިތުރު އެތަކެއް ގަވާއިދުތަކެއް ވެސް ހުރެއެވެ. މިއިން ބައެއް ގަވާއިދުތަކަކީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ދެނިވި ގަވާއިދެވެ. މިސާލަކަށް ފިރިހެން ކުދިންގެ ޝައުގުވެރިކަން ހުންނަން ޖެހޭނީ ވަކި ކަންތައް ތަކަކަށެވެ. އަދި އަންހެން ކުދިން ވެސް އެ ގޮތަށެވެ. ނަމަވެސް ދެޖިންސު ވަކިވަކި ދެ ފޮއްޓަށްލާ ބަންދު ކުރުމަކީ ކުއްޖާ އެކުއްޖެއްގެ ފުރިހަމަ ޕޮޓެންޝަލްއާ ހަމައަށް ވާސިލް ވުމަށް އެޅޭ ހުރަހެކެވެ. އެއީ ކިތަންމެ ޝައުގުވެރިވާ ކަމެއް ފެނުނަސް، 'އަންހެން' އެ ލޭބަލްގެ ފޮށިން އަންހެން ކުއްޖަކު ނުނިކުންނާނެއެވެ. ފިރިހެން ކުދިންނަށް ވެސް ހަމަ މިގޮތަށެވެ.
-
ފިރިހެން ކުދިންނަށް ފިޔާތޮށި ރީތިވުމަކީ ރަނޑު ކަމެއް
ފިރިހެން ދަރިން ރަނޑު ވެދާނެތީ ނޫނީ ފިރިހެންވަންތަކަން ގެއްލިދާނެތީ ބައެއް ބެލެނިވެރިން ވަރަށް ބިރު ގަނެއެވެ، އެހެންވުމުގެ ސަބަބުން އަންހެންވަންތަކަމުގައި ގަބޫލުކުރާ ކަމެއް ފިރިހެން ކުދިން ކުރިއަކަ ނުދޭނެއެވެ. މިގޮތުން ފިޔާތޮށީ ކުލައަކީ އަންހެން ކުލައެއް ކަމުގައި މީހުން ދުށުމުގެ ސަބަބުން ފިރިހެން ކުދިން އެ ކުލައާ ދުރުކުރެއެވެ. ފިޔާތޮށި ކުލަ ކިތަންމެ ރީތި ކުއްޖެއް ވިޔަސް ފިޔާތޮށި ކުލަ ބޭނުން ކުރުމުގެ ފުރުސަތެއް ބެލެނިވެރިން ނުދޭނެއެވެ. މިއީ އެ ކުއްޖާއަށް ވެވޭ ނާއިންސާފެއް ނޫން ހެއްޔެވެ. ބައެއް ހާލަތްތަކުގައި ފިޔާތޮށި ކުލަ ރީތިވާ ފިރިހެން ކުދިންނަށް މުޖުތަމައުގެ ފަރާތުން މަލާމާތާއި ހަނގާކުރުމާ ވެސް ކުރިމަތި ލާން ޖެހެއެވެ.
-
އަންހެން ކުދިންނަށް މަލާމާތް ރައްދުވުން
އަންހެންވަންތަކަމާ ގުޅިފައިވާ ކަންތަކުގެ ތެރެއިން ފިޔާތޮށި ކުލަ ވެފައި ވާތީ ބައެއް ފިރިހެން ކުދިން އަންހެން ކުދިންނާ ދިމާއަށް މަލާމާތާއި ފުރައްސާރަ ކުރެއެވެ. ބޮޑެތި މީހުންގެ ތެރޭގައި ވެސް މިކަންތައް އޮވެއެވެ. އަންހެން ކުދިންނަށް ފިޔާތޮށި ކުލަ ރީތި ވުމަކީ މާ 'ތުއި' ކަމެއް ކަމުގައި އަދި ޓިޕިކަލް ކަމެއް ކަމުގައި މީހުން ހަދާތީ، އަންހެން ކުދިން އެކަމާ ލަދުގަނެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިދާނެއެވެ. ފިޔާތޮށި ކުލަ ރީތިވުމަކީ އެކުއްޖަކު މާ ޓިޕިކަލް އަންހެން ކުއްޖަކަށްވާ ކަމެއް ކަމުގައި ދެކެވި، އެކަން ފޮރުވައި އެކުލަ ރީތި ނޫން ކަމުގައި ހެދިގެން އުޅެން މަޖުބޫރުވެ، އަމިއްލަ ނަފްސަށް ވެސް އޮޅުވައިލައިގެން އުޅެންޖެހިދެއެވެ. އެއްވެސް މީހަކު އަދި ހާއްސަކޮށް ކުޑަކުއްޖަކު އެ ފަދަ ހަނގުރާމައެއް ނަފްސާ ކޮށްގެން ނުވަތަ އޮޅުންބޮޅުމެއް ނަފްސާ މެދު ހީވެގެން ނުވާނެއެވެ.
-
ވިޔަފާރިތަކުން މިކަމުގެ ފައިދާ ނެގުން
ދެޖިންސަށް ދެކުލަ ކަނޑައެޅުމުން އެކަމުން އަހަރެމެން ބައެއް ފަހަރު ގިނަ ޚަރަދު ކުރަންޖެހެއެވެ. މިސާލަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭނޭ އެއްޗެހި އެއްކުއްޖަކު ބޭނުން ކޮށްފައި އަނެއް ކުއްޖަކު ބޭނުން ކުރެވޭނޭ ނަމަ ވަރަށް ޚަރަދު ކުޑަ ވާނެއެވެ. ނަމަވެސް އަންހެން ކުއްޖަކު ބޭނުން ކޮށްފައި އޮތް ފިޔާތޮށި އެއްޗެއް ނަމަ އެއެއްޗެއް ފިރިހެން ކުއްޖަކަށް ބޭނުން ނުކުރެވޭނޭ ކަމުގައި ހީކޮށް އެކުއްޖަކަށް އެހެން ކުލައެއް ގަންނަން ޖެހިދެއެވެ. ނުވަތަ އެއްގެއެއްގައި ދެޖިންސުގެ ދެ ކުއްޖަކު ތިބޭއިރު އެކައްޗެއް ގަތުމުން ފުދޭ އެއްޗެހި ޖިންސު ވަކި ކޮށްފައި ހުރުމުން ޖެހޭނީ އޭގެ ދޭތި ގަންނާށެވެ. މިސާލަކަށް އަހަންނަށް ފެނުނު ފޮތެކެވެ. އޭގެ އެތެރެ ހުރީ ހަމަ އެއްގޮތަކަށެވެ، ނަމަވެސް ބޭރު ގަނޑު ހުރީ ނޫ ކުލައިގެ ފޮތް ފިރިހެން ކުދިންނަށް ހާއްސަ ކަމަށް ލިޔެފައި އަދި ފިޔާތޮށި ކުލައިގެ ބޭރު ގަނޑެއް އަންހެން ކުދިންނަށް ހާއްސަ ކަމަށް ލިޔެފައެވެ. މިހެން މިކަން ކުރުމަކީ ހަގީގަތުގައި ވަރަށް ދެރަ ކަމެކެވެ. މިގޮތަށް ބައެއް ލުއިކާނާ އަދި މެޓާ ފަދަ ތަކެތި ވެސް ހަދައިފައި ހުރެއެވެ. އެކަހަލަ ކަންކަމުން ފެންދީ އެ ވަރުގަދަކުރެވެނީ ދެޖިންސަށް ހާއްސަ ދެކުލަ ކަނޑައަޅައިފައި އެ އޮންނަ ވިސްނުމުގެ މޫތަކެވެ.
ނިންމުން
ފިޔާތޮއްޓާއި ނުލަކީ ވެސް ހަމަ އެހެން ކުލަތަކެކޭ އެއްފަދަ ނިއުޓްރަލް ނުވަތަ ޔުނިސެކްސް ކުލަތަކެއްކަމަށް ގަބޫލުކޮށް އަހަރެމެންގެ ދަރިންނަށް ވެސް އެކަން ވިސްނައިދޭންވީއެވެ. ދެޖިންސުގެ ތަފާތުތައް ހުއްޓެއް ކަމަކު ދެޖިންސުގެ އެއްގޮތް ކަންކަން ވެސް ހުންނާނެއެވެ. މިސާލަކަށް އަންހެން ކުއްޖަކަށް ވެސް އަދި ފިރިހެން ކުއްޖަކަށް ވެސް ކޮންމެ ކުލައެއް ވެސް ރީތިވެދާނެއެވެ. ނުވަތަ އެއްވެސް ކުލައެއް އެހައި ރީތި ނުވެ ޝައުގުވެރިކަން މުޅިން އެހެން ކަމަކަށް ގޮސްދާނެއެވެ. މިސާލަކަށް ވަކި ކުލައަކަށް ހިތްޖެހުމުގެ ބަދަލުގައި ޑައިނަސޯރ ނުވަތަ ޔުނިކޯން ފަދަ އެއްޗެއްސަށް ވެސް ބައެއް ކުދިން ގަޔާވެއެވެ. ދެޖިންސަށް ދެކުލަ ކަނޑައެޅުމަކީ މީގެ އެތައް އަހަރެއް ކުރިން އެމެރިކާއިން މޫފަޅައިގެން އުޅޭ ބޯދާ ވިސްނުމެއް ކަމުގައި ދެކި އަހަރެމެންގެ ވިސްނުން ވެސް އައު ކޮށްލަން ހިނގާށެވެ.