ޚަބަރު

މަހްމޫދުގެ މަރު: ހުރިހާ ވާރިސުން ވެސް އެދުނީ ސާލިމް މަރަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަޙްމޫދުބެ..ފޮޓޯ/އަދަދު

ތޫނު އެއްޗެއް ބޭނުން ކޮށްގެން މަރައިލި އދ. ދަނގެތީ ، މޮނަލާލްސް މަހްމޫދު އަބޫބަކުރުގެ އާއިލާއިން ބޭނުން ވަނީ، މަހްލޫދުގެ ގާތިލުކަމަށް އެއްބަސްވެފައިވާ ބަނގުލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)ގެ ކިބައިން މަރަށް މަރު ކަމަށް އޭނާގެ ހުރިހާ ވާރިިސުން ވެސް މިއަދު ބުނެފިއެވެ.

Ads by STELCO

ފައިސާގެ ދަހިވެތިކަމުގައި، މިދިޔަ އަހަރުގެެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު، މަހްމޫދު މަރައިލި ކަމަށް ސާލިމް ވަނީ މީގެ ކުރިން މި މައްސަލައިގެ އަޑުއެހުމެއްގައި އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް މި މައްސަލަ ސާބިތުވެފައި ވާތީ، އޭނާއަށް އަދަބު ކަނޑައެޅުމަށް ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދުނިޔޭގައި ތިބި މަހުމޫދުގެ ހަތް ވާރިސުންނާ ސުވާލުކޮށްފައެވެ. އެގޮތުން ގާޒީ ސުވާލު ކުރެއްވީ މަހްމޫދުގެ ފަސް ދަރީންނާއި، މަންމައާއި އޭނާގެ ހުވަފަތް އަނބިމީހާއާއެވެ.

މަހްމޫދްގެ ވާރިސުންނާ ސުވާލުކުރުމުން އެ އެންމެން ވެސް ޝަރީއަތުގެ މަޖިލީހުގައި ބުނީ އެ މީހުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި ބޭނުމީ މަރަށް މަރު ހިފަން ކަމަށެވެ. ހުރިހާ ވާރިސުން އެ ގޮތަށް އެއްބަސްވާތީ އެ މައްސަލައިގައި ދެން އޮންނާނީ ސާލިމްގެ މައްޗަށް އަދަބު ކަނޑައެޅުމެވެ.

ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު މަރައިލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުގެ ރެއެވެ. މަހްމޫދުއަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމް ކޮށްލުމަށް ފަހު، އޭނާގެ ހަށިގަނޑު ދެ ގޯންޏަށް ލައި، އެރަށުގައި ހުރި ފަޅު ގެއެއްގެ ވަޅެއްގެ ތެރެއަށް ވަނީ އެއްލައިލައިފައެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނީ، އޭނާ ނުފެނިގެން އާއިލާއިން ރަށުގެ ރައްޔިތުންނާ އެކު ވެގެން އޭނާ ހޯދަމުން ދަނިކޮށް، އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!