ޚަބަރު

ބިމުގެ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށްދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ދިރިއުޅުމުގެ ބޭނުން ނޫން އެެހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެ ރަށެއް ނުވަތަ އެ ސިޓީއެއްގެ ކައުންސިލުން ކަމަށް ކަނޑައަޅައިފިއެވެ.

Ads by STELCO

މި ގޮތަށް ނިންމައި "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" މިއަދުން ފެށިގެން ވަނީ އިސްލާޙްކޮށްފައެވެ.

މި ޤަވާއިދުގައި ބުނެފައި ވަނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި ، އިޤްތިޞާދީ ފުދުންތެރިކަމަށާއި، ބިމުގެ ޑިމާންޑް ހުރި މިންވަރަށް ބަލައި، ރަށުގެ ނުވަތަ ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅައިފައިވާ އެ ސަރަޙައްދުގެ ބިމުގެ އަގަށް ރިޢާޔަތްކޮށް، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ބިން ދޫކުރެވޭ އެންމެ ކުޑަ އުޖޫރު ކަނޑައެޅޭނެ ކަމަށެވެ.

މީގެ ކުރިން މިގޮތަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅަމުން އައީ ޕްލޭނިން މިނިސްޓްރީގެ ލޭންޑް ވެލުއޭޝަން ކޮމިޓީންނެވެ.

މި އިސްލާޙްގައިވާ ގޮތުން، ކައުންސިލް ތަކުން ކަނޑައަޅާ އެންމެ ކުޑަ ކުލީގެ އަދަދު ގެޒެޓް ކުރަން ޖެހޭނެއެވެ. އަދި ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަން ޖެހެއެވެ. މީގެ އިތުރުން އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ތަފާތުކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.

ނަމަވެސް ފަތުރުވެރިކަމަށް ދޫކުރާ ބިންތައް ދޫކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!