ޚަބަރު

މަހްމޫދްގެ މަރު: ސާލިމް މަރަން ހުކުމް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދ. ދަނގެތީގައި މަރައިލި އެރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް)މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by STELCO

ފައިސާގެ ދަހިވެތިކަމުގައި، މިދިޔަ އަހަރުގެެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު، މަހްމޫދު މަރައިލި ކަމަށް ސާލިމް ވަނީ މީގެ ކުރިން މި މައްސަލައިގެ އަޑުއެހުމެއްގައި އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް މި މައްސަލަ ސާބިތުވެފައި ވާތީ، އޭނާއަށް އަދަބު ކަނޑައެޅުމަށް ކުރިމިނަލް ކޯޓުގައި މި މަހުގެ 17ވަނަ ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ މަހުމޫދުގެ ހަތް ވާރިސުންނާ ސުވާލުކޮށްފައެވެ. އެގޮތުން ގާޒީ ސުވާލު ކުރެއްވީ މަހްމޫދުގެ ފަސް ދަރީންނާއި، މަންމައާއި އޭނާގެ ހުވަފަތް އަނބިމީހާއާއެވެ.

މަހްމޫދްގެ ވާރިސުންނާ ސުވާލުކުރުމުން އެ އެންމެން ވެސް ޝަރީއަތުގެ މަޖިލީހުގައި ބުނީ އެ މީހުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި ބޭނުމީ މަރަށް މަރު ހިފަން ކަމަށެވެ.

ސާލިމްގެ މައްޗަށް މި މައްސަލައިގައި ދައުލަތުން އުފުލައިފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

ސާލިމް ކުށަށް އިއުތިރާފުވެފައި ވާތީ، މި މައްސަލަ ނިންމައިފައި ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އެހެންކަމުން ގާޒީ މީގެ ކުރިން ވަނީ އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ސާބިތުވާކަމަށް ނިންމައިފައެވެ. ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ބޭއްވީ އޭގެ ފަހުންނެވެ.

ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައި ވަނީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ގަސްތުގައި މީހަކު މެރިކަމުގެ ކުށަށެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ކުށުގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ވެސް މިއަދު ހުކުމް ކުރިއެވެ. އެކަމަކު އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ބަންދުގައި އެ މުއްދަތަށް ހުރުމުގެ ސަބަބުން އެ އަދަބު ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ.

ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު މަރައިލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުގެ ރެއެވެ. މަހްމޫދުއަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމް ކޮށްލުމަށް ފަހު، އޭނާގެ ހަށިގަނޑު ދެ ގޯންޏަށް ލައި، އެރަށުގައި ހުރި ފަޅު ގެއެއްގެ ވަޅެއްގެ ތެރެއަށް ވަނީ އެއްލައިލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!