އެއްވަރެއްގައި ބަރުދަން ހިފެހެއްޓުމަށް މި ކަންކަމަށް ސަމާލުކަންދީ
ބަރުދަން ލުއި ކުރުމަށް ޓަކައި "ސްޓްރިކްޓް" ޑައިޓެއް ކުރުމަށް ވުރެ މުހިންމީ، ދިގު ދެމިގެންދާ ފަދަ ގޮތަކަށް އެކަން ކުރުމެވެ. ގިނަ ފަހަރަށް ކެއުމަށް ގެންނަ ހަރުކަށި ބަދަލުތައް މާ ގިނަ ދުވަހަކަށް ދެމިގެން ނުދެއެވެ. އެކަން އޮންނާނީ ނުވެފައެވެ.
ބަރުދަން އެއްވަރެއްގައި ހިފަހައްޓައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ޓަކައި ތިބާ އަބަދުވެސް އެ ކަންކަމަށް ސަމާލުކަންދޭ އުސޫލުތަކެއް ހުންނަން ޖެހެއެވެ.
މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ ހަށިގަނޑު ފަލަ ވިޔަ ނުދިނުމަށް ޓަކައި ގެންގުޅެވިދާނެ ބައެއް ރަނގަޅު އާދަތަކެވެ.
ކެއުން ފަސް އިރަށް ބަހައިލުން:
ނުބައި ގަޑިތަކުގައި ކެއުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް މަގުފަހި ކުރުވާނެ ކަމެއް ކަަމަށް ޑައިޓީޝަނުން ބުނެއެވެ. ދުވާލުގެ ތިން އިރުގެ ކެއުމުގެ އިތުރަށް، އެހެން ގަޑިތަކުގައި "ޖަންކް ފުޑް" ފަދަ ތަކެތި ކެއުމަކީ ސިއްހީ ނުރަނގަޅު އާދަތަކުގެ ތެރެއިން އާދައެކެވެ. މިހެންވިޔަ ނުދިނުމަށް، ތިބާގެ ކެއުން ފަސް އިރަށް ހަދައި، ކޮންމެ އިރެއްގައި ވެސް ހަށިގަނޑަށް ފައިދާ ހުރި ކާނާގެ ކުޑަ މިންވަރެއް ކާށެވެ. ކެއުމުގައި ފެހިކަން ގަދަ މޭވާއާއި ތަރުކާރީ ގިނައިން ހިމަނަން ވާނެއެވެ. މިގޮތަށް އަމަލު ކުރުމުން، މުޅި ދުވަހު "ފުލް"ވެފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނެއެވެ.
ރަނގަޅަށް ނިދުން:
ރޭގަނޑު ރަނގަޅަށް ނިދުމަކީ ވެސް، ބަރުދަން އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ރަނގަޅަށް ނުނިދުމަކީ ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް(ބީއެމްއައި) އިތުރު ކޮށްދޭ ކަމެކެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް މަދުވެގެން ހަ ގަޑިއިރު ނިދައިލެވޭތޯ ބަލަން ވާނެއެވެ.
ހަރަކާތްތެރިވެ އުޅުން:
ދެންވެސް އޮތީ ވަރަށް މުހިންމު ކަމެކެވެ. ތިބާއަކީ ގަވާއިދުން ކަސްރަތު ކޮށް އުޅޭ މީހެއް ކަމުގައި ނުވިޔަސް، ހަރަކާތްތެރި މީހަކަށް ވާން ޖެހެއެވެ. އެގޮތުން ގެއާ ކައިރި ތަންތަނަށް އުޅަނދެއްގައި ދިޔުމުގެ ބަދަލުގައި ހިނގައިލައިފައި ދިޔުމާއި، ލިފްޓުން އެރުމުގެ ބަދަލުގައި ސިޑިން އެރުމަކީ "އެކްޓިވް"ވުމަށް ކުރެވިދާނެ ބައެއް ކަންކަމެެވެ.
ތައްޔާރީ ކާނާއާ ދުރުވުން:
ތައްޔާރީ ކާނާ ކެއުމުގެ ބަދަލުގައި، ތާޒާ، "އަސްލު" ކާނާ އަބަދު ވެސް އިހްތިޔާރު ކުރާށެވެ. ތައްޔާރީ ކާނާއަކީ ގިނަ ދުވަހު ދެމިހުންނާނެ ގޮތަށް، ތަފާތު އެކި މާއްދާތައް އަޅައިގެން ހަދައިފައި ހުންނަ ކެއުމުގެ ބާވަތްތަކަށް ވާއިރު، މިފަދަ ކެއުންތަކުގައި ގިނަ މިންވަރަކަށް ހަކުރާއި، ކާބޯހައިޑްރޭޓްސް އަދި ފެޓްސް ހިމެނެއެވެ.
ރަނގަޅު.. ދެން މަވެސް ފެހި ތަރުކާރީ ކާންވީ ️️.. ފަލަކަމުން ތަނަކަށް ވެސް ދެވޭވަރު ނުވޭ