ލައިފްސްޓައިލް

އަންހެން ކުއްޖެއް ހުރޭތަ؟ މިކަންކަމާ މެދު ވިސްނައިލާ!

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ކުޑަކުދިންނަށް މުޖުތަމައުގެ ފަރާތުން ދިމާވާ ގޮންޖެހުންތަކާއި ދަތިތަކުގެ ތެރެއިން ބައެއް ކަންކަމަކީ ދެޖިންސަށް ތަފާތު ކަންކަމެވެ. މިގޮތުން މިއަދު މި އަލިއަޅުވައިލަނީ އަންހެން ކުއްޖެއްގެ ތަރުބިއްޔަތުގައި ބެލެނިވެރިން ވިސްނައިލާންވީ ހާއްސަ ކަންކަމެވެ. އެ ކުއްޖެއްގެ ޖިންސުގެ ސަބަބުން އެ ކުއްޖަކަށް ދެރަ ލިބުމަކީ ވެގެން ވާނޭ ކަމެއް ނޫނެވެ. ޖިންސީ ތަފާތުކުރުމަކީ ދެކޮޅު ހަދަން އުނދަގޫކަމެއް ނަމަވެސް ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ކުދިން އެ ފަދަ ވަކިތަކުން ރައްކާތެރިކުރަން މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

Ads by STELCO

ހާދަ ރީތި ހެދުމެކޭ

ފާހަގަކުރެވޭ ގޮތުގައި އަންހެން ކުދިން ބޮޑު ކުރެވެނީ އެ ކުދިންގެ ބޭރުފުށުގެ ރީތިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެންނެވެ. އަދި އެ ކުދިން ބޮޑުވަނީ އެކުދިންގެ ރީތިކަމަކީ އެންމެ މުހިންމު އެއް ކަންތައް ކަމުގައި ދަސްކޮށްދެވިގެންނެވެ. މީޑިއާއަކީ މިކަން މިހެންވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ނަމަވެސް އަހަރެމެން ކުޑަކުދިންނާ މުއާމަލާތް ކުރާ ގޮތާއި ބުނާ ބަސްބަހަކީ ވެސް އެކަމުގައި ބޮޑު ރޯލެއް ކުޅޭ ކަންކަމެވެ. މީގެ މިސާލެއް ދައްކައިލާނަމެވެ. ކުޑަ އަންހެން ކުއްޖަކު ބޭރު ގެއަކަށް ދާ ކޮންމެ ފަހަރަކު އެ ކުއްޖާއަށް އެންމެ ފުރަތަމަ އަދި އެންމެ ގިނައިން އިވޭ ތައުރީފަކީ އެ ކުއްޖާގެ ހެދުމަށް ނުވަތަ ފައިވާނަށް ނުވަތަ ބޭރުފުށުގެ ކޮންމެސް ކަމަކަށް ސަމާލުކަން ދީ ކުރާ ތައުރީފުގެ ބަސްތަކެވެ. އެހެންކަމުން އެ ފަދަ ތައުރީފުގެ ބަސްތަކަށް އެކުއްޖާ ހޭނޭނެއެވެ. އަދި އަބަދުހެން އެފަދަ ބަސްބަސް އަހަން ބޭނުންވާނެއެވެ. މިއީ ރީތިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އެޅޭ ބާރަކަށް ވެދެއެވެ.

ކާޓޫނުތަކާއި ފިލްމުތަކާއި މެގެޒިން އަދި އިޝްތިހާރު އަދި ބިލްބޯޑު ފަދަ ތަކެތިން ފެންނަ އެއްޗެއްސަށް ވިސްނައިލިޔަސް، އަންހެން ކުދިންނާއި އަންހެނުން ތިބޭނީ އަބަދުވެސް ވަރުގެ ކޮޅަށް ނަލަ ހައްދައިފައިކަން ފާހަގަ ވާނެއެވެ. ފިރިހެނުން މޮޑެލުން އަދި މީޑިއާއިން ފެންނަ އެހެން ފިރިހެން މީހުންގެ ފަރާތުން އެވަރުގެ މޭކަޕާއި ޒީނަތްތެރިވުމެއް ފެންނާކަށް ނުހުންނާނެއެވެ. ނަތީޖާއަކަށް ވެގެންދަނީ އަންހެނުންނަކީ ރީތިވުމަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ބައެއްގެ ގޮތުގައި ދެކިގެން ކުޑަކުދިން ބޮޑުވުމެވެ. އަދި ރީތިކަމަށް ޓަކައި ކޮންމެ ކަމެއް ވެސް ގުރުބާން ކުރަން ތައްޔާރަށް ހުރުމެވެ. ބައެއް ފަހަރު ނުރަނގަޅު ކަންކަމާއި ހަށިގަނޑަށް އަދި ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ހުރި ކަންކަން ވެސް މެއެވެ. ކިޔެވުމާއި ކުޅެ މަޖާކުރުމާއި، ޝައުގުވެރިކަން ހުންނަ ދާއިރާތައް 'އެކްސްޕްލޯ' ކުރަންވީ ޅައުމުރުގައި، އެ ކުދިންގެ އަގުހުރި ވަގުތުތައް މޭކަޕް ކުރުމާއި ފެޝަން ޝޯވ ބެލުމާއި ޒީނަތްތެރިވުމަށް ބޭކާރުކޮށްލެވިގެން ދިޔުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ.

މި ނުކުތާއާ ވިދިގެން ދެން އޮތީ އަންހެން ކުދިންގެ ހެދުން އެޅުމުގެ ވާހަކައެވެ. ފިރިހެން ކުދިން އަބަދުވެސް ހުންނާނީ ސޯޓެއް ނުވަތަ ފަޓުލޫނު ފަދަ އެއްޗެއް ލައިގެންނެވެ. ނަމަވެސް އަންހެން ކުދިން ބޭރަށް ދާން ހާއްސަކޮށް 'ރީތިވެފައި' ހުންނަ އިރު ލައިގެން ހުންނާނީ ސްކާޓެއް ނުވަތަ ހެދުމެކެވެ. އަންހެން ކުދިން ވެސް ސޯޓު ފަދަ އެއްޗެހި ނުލައްވާ ވާހަކައެއް ނޫނެވެ. ނަމަވެސް ހެދުމަކީ އަންހެން ކުދިންނަށް ހާއްސަ އެއްޗަކަށް ވުމުން އެކަމަށް އަލިއަޅުވައިލީއެވެ. ހެދުން ލުމުގައި މައްސަލަ އުފެދޭ ހިސާބަކީ ހެދުން ލުމުގެ ސަބަބުން އެކުދިންގެ ކުޅުމަށް ބުރޫ އަރާ ހިސާބެވެ. ބައެއް ކަހަލަ ހެދުން ލުމުން އެ ކުދިންނަށް ކުޅެން ދަތިވާ ހާލަތްތައް ވެސް އާދެއެވެ. ނަމަވެސް މި ތަނުގައި އަހަރެން ފާހަގަ ކޮށްލަން ބޭނުންވާ ނުކުތާއަކީ އެއީއެއް ނޫނެވެ. އަހަރެންގެ މައްސަލައަކީ ކުޑައިރުއްސުރެ ކުޅެން އުޅުމުގެ ތެރޭގައި ވެސް އެކުދިންގެ ހެދުން ކުރުވުމުގެ ސަބަބުން ނުވަތަ ތިރިން ހަރުވާޅެއް ނުލައި ހުރުމުގެ ސަބަބުން އެ ކުދިންގެ ހަށިގަނޑު މީހުންނަށް ފެންނަ ގޮތަށް ހުންނާތީއެވެ. ފިރިހެން ކުދިންގެ ހަށިގަނޑު ނުފެނި އަންހެން ކުދިންގެ ހަށިގަނޑު ފެނުމަކީ ނޯމަލް ކަމެއްގެ ގޮތުގައި އޮންނާތީއެވެ.

ބައެއް މީހުންނަށް މިއީ އެހައި ބޮޑު ކަމަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް މި މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. އަދި މިހައި ހިސާބުން ނިމޭ މައްސަލައެއް ވެސް ނޫނެވެ. ބޮޑެތިވެގެން މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު ހެދުން އެޅުމުގައި މުޖުތަމައުއިން ދެ ޖިންސުގެ މީހުންނަށް އޮންނަ ގަވާއިދުތަކަށް ބަލައިލިޔަސް މި ކަންތައް ފެންނާނެއެވެ. މިސާލަކަށް އޮފީސްތަކުގައި ޕްރޮފެޝަނަލްކޮށް ހެދުން އަޅާއިރު ފިރިހެނުން ކޯޓު ފަޓުލޫނު ލާން މަޖުބޫރުވާ އިރު އަންހެނުންނަށް ޖެހޭނީ ގަޔަށް ބާރު ގަމީސް ނުވަތަ ޓޮޕް އަދި ސްކާޓް ނުވަތަ ފަޓުލޫނު ލާށެވެ. ފިރިހެނުންގެ ހެދުންތައް އާންމުކޮށް ހުންނާނީ ގަޔަށް ޖަހައިފައެއް ނޫނެވެ. މޫދަށް ދާއިރު ވެސް ބޭރު ގައުމުތަކުން ފެންނަ ކަމަކީ، ފިރިހެނުން މޫދަށްދާ ސޯޓެއް ލައިގެން ހުންނައިރު އަންހެނުން ލުމަށް ނޯމަލް ވެފައި ހުންނަނީ ޖަނގިޔާއެވެ. ނުވަތަ ޖަނގިޔާއެއް ގޮތަށް ތިރީބައި ހުންނަ ސޫޓެކެވެ. ހިތާމައަކީ މި ތަފާތުކުރުން ރާއްޖޭގެ ކުޑަކުދިންގެ ފަރާތުން ވެސް ފެނިގެންދާކަމެވެ.

ނައޯމީ ވޮލްފްގެ މި ބަސްކޮޅަކީ ކިޔުންތެރިންނަށް މި ނުކުތާ ވިސްނައިދިނުމުގައި އެހީއަކަށް ފަހަރެއްގައި ވެދާނެއެވެ.

'TO LIVE IN A CULTURE WHERE WOMEN ARE ROUTINELY NAKED WHERE MEN ARENT IS TO LEARN INEQUALITY IN LITTLE WAYS ALL DAY LONG.' NAOMI WOLF

'ދުވާލުދާ ހަތަރުދަމު ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ އަންހެނުން ފެނި، އަދި އެ ގޮތަށް ފިރިހެނުން ނުފެންނަ ކަލްޗާރއެއްގައި ދިރިއުޅުމަކީ، ޖިންސީ ތަފާތުކުރުން އަބަދުހެން ދަސްވެދަސްވެ ހުންނަ ކަމެކެވެ.'

މިހެން ބުނާއިރު އަންހެނުންގެ ހަށިގަނޑު ފޮރުވައިފައި ފިރިހެނުންގެ ހަށިގަނޑު ފޮރުވުމަށް އެއްވެސް ބާރެއް ނާޅާ މީހުން ވެސް މުޖުތަމައުގައި ގިނައިން އުޅޭކަން އެނގި ގަބޫލުކުރަމެވެ. ނަމަވެސް މަތީގައި ހިމަނައިލި ނުކުތާގައި މި އޮތީ އެހެން ބައެއްގެ އަދި އެހެން ގަވާއިދެއްގެ ވާހަކައެވެ.

ހަމައެކަނި ކައިވެނިކޮށްގެން ދަރިން ހޯދަން ތިބި ބައެއްތަ؟

އަންހެނުންގެ ބައޯގައި ވައިފް އިންދާ ފެންނާނެއެވެ. އެކަމަކު ފިރިހެނެއްގެ ބައޯގައި ހަޒްބަންޑް ޖަހައިފައި އިންދާ ދުށިން ހެއްޔެވެ؟ ކުޑައިރުއްސުރެ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި އަންނާނެ އެންމެ މުހިންމު ދުވަހަކީ ކައިވެނި ކުރާ ދުވަސްކަމުގައި ނޭނގި ނަމަވެސް އަހަރެމެންނަށް ވިސްނައިދެވެއެވެ. ހޮލީވުޑް ފިލްމުތަކުން މި ވިސްނުން އަހަރެމެންގެ ބޮލުތެރެއަށް ވެއްދުމަށް ވަރަށް ފައްކާވާނެއެވެ. އަންހެނަކަށް ވުމުގެ މަގްސަދަކީ މީހަކާ އިނުމާއި ދަރިން ހޯދުން ކަމުގައި ވިސްނައިދީ، ފިރިހެން ކުދިންނަށް އެ ކުދިންގެ ދިރިއުޅުމުގެ މަގްސަދަކީ މީހަކާ އިނުމާއި ދަރިން ހޯދުންކަން ވިސްނައިނުދެވުމުގެ ސަބަބުން ދެޖިންސުގެ ވިސްނުމުގައި ތަފާތު އުފެދެއެވެ. އަދި ކައިވެނި ކުރުމަށް ފަހުގައި ވެސް، އެއްކަލަ ވިސްނުމުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ނޭދެވޭ އަސަރު ކުރެއެވެ. ކައިވެނި ކުރުމާއި ދަރިން ހޯދުމަކީ އެއްވެސް ގޮތެއްގައި ދެރަ ނުވަތަ ފީކަޅާ ކަމެއް ނޫނެވެ. ނަމަވެސް ހަމައެކަނި އަންހެން ކުދިންނަށް އެކަމާ މެދު ޝައުގުވެރިކުރުވުމަކީ ނާއިންސާފެކެވެ. އަންހެން ކުދިންނަށް ވެސް އަދި ފިރިހެން ކުދިންނަށް ވެސްއެވެ.

ފިރިހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހުރި ނަމަވެސް، ނަން ހުސްކޮށް އެ ކުދިންނަށް ރޯލް މޮޑެލުން ލިބެން ހުންނަކަމީ ޝައްކެއް ނެތް ކަމެކެވެ. ފިރިހެން ކުދިންނަށާއި އަންހެން ކުދިންނަށް ހާއްސަކޮށްފައިވާ ކުޅޭ އެއްޗެއްސަށް ވިސްނައިލުމުން ވެސް މި ތަފާތު ފެނިގެންދެއެވެ. އަންހެން ކުދިންގެ ކުޅޭ އެއްޗެހިތަކުގެ ތެރޭގައި ކައްކާ ސެޓާއި، ބުދު ފަދަ ތަކެތި ހިމެނެއެވެ. މީގެން ވެސް އަންހެން ކުދިންނަށް ހިތްވަރުދެވެނީ ބޮޑުވެގެން އެ ކުދިންނަށް ހަމަ އެކަނި ވެވޭނީ އެކަންކަން ކުރާ އަންހެނަކަށް ކަމުގައެވެ. އެހެން ވައްތަރުތައް އަންހެން ކުދިންގެ ކުޅޭ އެއްޗެހީގެ ގޮތުގައި ނުހުންނަ ވާހަކައެއް ނޫނެވެ. ނަމަވެސް ގިނައިން ހުންނަނީ އަންހެން އަދި ފިރިހެން ކުޅޭ އެއްޗެހި މިގޮތަށެވެ. މީހުންނަށް ފެންނަ ގޮތުގައި އަންހެން ކުދިންނަށް ކަމުދާނީ ވަކި ކަހަލަ އެއްޗެއްސެވެ. ނަމަވެސް އެކުއްޖަކު ޝައުގުވެރިކަން ހުންނަ ކުޅޭ އެއްޗެއް ހޯދައިދިނުމަކީ އެކުދިންނަށް މާ ފައިދާ ކުރާނެ ކަމެކެވެ. މިސާލަކަށް ކާރު ކުޅުން ނުވަތަ ވިސްނުން ތޫނު ވާނޭ ކަހަލަ އެއްޗެހި ކުޅުމަކީ ވެސް އެކުދިން ލޯބި ކުރާނެ ކަމެކެވެ. ނަމަވެސް އެ ފުރުސަތު ނުދީ ބޮޑު ކޮށްފި ނަމަ އެ ކުއްޖަކު އަމިއްލަ ނަފްސާ ދޭތެރޭގައި ދެކޭ ގޮތް ވެސް ލިމިޓްވާނެއެވެ. ހުރިހާ އަންހެން ކުދިން ގަޔާވާނީ އަދި ހުރިހާ ފިރިހެން ކުދިން ގަޔާވަނީ ވަކި ކަހަލަ އެއްޗެހިތަކަކަށް އަދި ކަންކަމަށް ކަމުގައި ދުށުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫނެވެ.

އަންހެން ދަރިންނަށް ވެސް ފިރިހެން ކުދިންނާ އެއްވަރަށް ފުރުސަތުތައް ފޯރުކޮށްދީ

އަންހެން ކުދިން ކުޑައިރު ލައްވަންވީ އެ ކުދިންގެ ކުޅުމަށް އަދި ލައިގެން އުޅެން ފަސޭހަ ހެދުމެވެ. ރީތިވުމާއި ޒީނަތްތެރިވުމަކީ މުހިންމު ކަންކަން ނަމަވެސް، އެއަށް ވުރެ މުހިންމީ ސާފުކޮށް ހުރުމާއި އެކުދިންގެ ދުޅަހެޔޮކަމެެވެ. އެކުދިންގެ ސިކުނޑި ތަރައްގީވުމަށް އެކި ކަހަލަ ކުޅުން ފަހިކޮށްދިނުމެވެ. ކައިވެނި ކުރުމާއި ދަރިން ހޯދުމުގެ އިތުރުން އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ ވެސް މުހިންމު ކަމެއްކަމުގައި އަންހެން ކުދިންނަށް ދަސްކޮށްދޭން ވާނެއެވެ. އަދި އެކުދިންގެ ކިބައިގައި ހުރި ހުނަރުތައް ފާހަގަކޮށް ޝައުގުވެރިކަން ހުންނަ ދާއިރާތައް ހޯދައި ބެލުމަކީ ވެސް މުހިންމު ކަމެއްކަމުގައި ދައްކުވައިދޭށެވެ. ފައިސާ ހޯދުމާއި ފައިސާ ގެންގުޅުމުގެ އުކުޅުތައް ދަސްކޮށްދޭށެވެ.

އަންހެން ކުދިންނަށް ވިސްނައިދޭންވީ އެންމެ މުހިންމީ އެ ކުދިންގެ އެތެރޭގައި ހިނގާ ޖާދޫކަމުގައެވެ. ދިރިއުޅުން ބިނާވެގެންދަނީ އެކުދިން ކިޔާ ފޮތްފޮތާއި، ކުރަހާ ތަސްވީރުތަކާއި، ކައްކުވައިލާ އައިޑިއާތަކާއި، އެހެން މީހުންނާއި ދޭތެރޭގައި މުއާމަލާތްކުރާ ގޮތާއި އެ ކުދިންނަށް މަޖާ އަދި ޝައުގުވެރިވާ ކަންކަމެވެ. ތެޅިފޮޅުމާއި ދުޅަހެޔޮ އަދި މީރު އެއްޗެހި ކެއުމެވެ. އައު އެއްޗެހި ދަސްކޮށް އައު ކަންކަން ޓްރައި ކުރުމެވެ. ދިރިއުޅުން މުއްސަނދި ތަޖުރިބާތަކުން ފުރައިލުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!