ރިޕޯޓް ލައިފްސްޓައިލް

މަންމައަކަށް ވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ވަޒީފާތަކުގެ ތެރެއިން މަންމައެއްގެ ވަޒީފާއަކީ އެންމެ އުނދަގޫ ވަޒީފާ ކަމަށް ނުވަންޏާ، ގައިމު ވެސް އެއީ އެންމެ އުދަގޫ ވަޒީފާތަކުގެ ތެރެއިން އެއް ވަޒީފާއެވެ. ދަރިއަކު ނުވަތަ ދަރިން ލިބުމަކީ އަންހެނެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ ކަމެކެވެ. ދަރިން ބަލައި ބޮޑުކޮށް، އެކުދިން ތަރުބިއްޔަތު ކުރުމަށް ޓަކައި ގިނައީ ކުރަންޖެހޭ ޚަަރަދު އެކަންޏެއް ނޫނެވެ. ކުރަން ޖެހޭ ދިރާސާއާއި ދަސްކުރަން ޖެހޭ ކަންކަމުގެ ލިސްޓު ދުވަހަކު ވެސް ނުނިމޭނެއެވެ. ހަދަންވީ ކިހިނެތްބާއޭ، ގަބޫލު ކުރަންވީ ކާކުގެ ނަސޭހަތެއްބާއޭ، މިކަން މިކުރެވެނީ ރަނގަޅަށް ބާއޭ، މިފަދަ އެތައް އެއްޗެއް ހިތަށް އަރާ ކިތަންމެ ފަހަރެއް ދާނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އަދި އިމްތިހާނު، ދަރިއަކު ލިބުމުން ނޫނީ އެއްވެސް މީހަކަށް ފުރިހަމައަށް ދެނެގަނެވޭނެ ހިއެއް ނުވެއެވެ. ދަރިންނަށް ވީއެންމެ ރަނގަޅަކަށް ކަންކަން ކޮށްދިނުމުގެ މުހިންމުކަމުގެ ސަބަބުން ދަރިއަކު ހޯދަން ބޭނުންވާ ނަމަ، އެކަމަށް މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ ބައެއް ތައްޔާރީތައް މިލިޔުމުގައި ހިމަނައިލާނަމެވެ.

Ads by Sosun Fihaara

އަމިއްލަ ނަފްސުގެ ތެރެއަށް ނަޒަރު ހިންގާލުން

އެހެން އިންސާނެއް ލޯބިން ބަލައި، އަޅާލައި، އެ އިންސާނެއްގެ ހުރިހާ ބޭނުމެއް ފުރިހަމަ ކޮށްދިނުމުގެ އުނދަގޫ އަދި ސްޓްރެސްފުލް ޒިންމާ ނެގުމުގެ ކުރީގައި، ތިމާ އަމިއްލަ ނަފްސަށް ކަންތައް ކުރަނީ ރަނގަޅަށްތޯ ވިސްނައިލާށެވެ. އަމިއްލަ މީހާ ރަނގަޅަށް ހުރެގެން ނޫނީ ދަރިންނަށް އެ ދޭން ޖެހޭ އަޅައިލުމެއް ނުދެވޭނެއެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ދޭތެރޭގައި ވިސްނާ، ތިމާގެ ނަފްސާނީ ސިއްހަތުގައި ނިއުޅުވަން ޖެހޭ ގޮށްތަކެއް އެބަހުރި ބާވައެވެ؟ ކުޑައިރު ނުވަތަ ބޮޑުވުމަށް ފަހު ދިމާވެފައިވާ ހިތާމަވެރި ނުވަތަ ބިރުވެރި ކަމަކާ ހުރެ ތިމާއަށް އަސަރު ކޮށްފައި ހުރީ ކިހާ ވަރަކަށް ބާވައެވެ؟ ނުވަތަ އަސަރު ކުރުމުގެ ސަބަބުން ތިމާގެ އަމަލުތައް ބައްޓަންވެފައި ވަނީ ކިހިނެއް ބާވައެވެ؟ ކުޑައިރުގެ ތަޖުރިބާތަކާއި، ކުޑައިރު މީހުންނާ އެކު ބިނާ ކުރި ގުޅުންތަކާއި، ދުނިޔެއާއި ދޭތެރޭގައި ވިސްނާ ގޮތް، މިއީ މުޅީން ވެސް ފުންކޮށް ވިސްނަންވީ ކަންތައްތަކެވެ. އަހަންވީ ސުވާލުތަކެވެ. ކުއްޖަކު ލިބުމުން ނަފްސާނީ މައްސަލަތައް ފެންމަތިވެގެން އެކަން ރަނގަޅު ކުރަން އުޅުމަށް ވުރެ، ދަރިން ހޯދުމުގެ ކުރީގައި ތެރަޕީއަށް ދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަފްސާނީ އެހީ ފޯރުކޮށްދޭ ފަރާތެއްގެ ކައިރިއަށް ދިޔުމަށް ފަހު، ތިމާއަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ މީހެއް ކަމުގައި ހަދާށެވެ. އެހެން ނޫނީ ތިމާގެ އެތެރޭގައިވާ ޒަހަމްތަކުގެ ތަދު ތިމާގެ ދަރިންނާއި ދަރިންގެ ދަރިންނަށް ވެސް ފޯރުކޮށްފާނެއެވެ. 'އެ ސައިކަލް ބްރޭކް' ކުރާށެވެ.

ނިދުމާ ބެހޭ ގޮތުން ދިރާސާކުރުން

ބައެއް ކުޑަކުދިންނަކީ ނިދުމުގައި އެއްވެސް މައްސަލައެއް އުޅޭ ކުދިންނެއް ނޫނެވެ. އަދި ކުއްޖާ ބަލައި ބޮޑު ކުރާ މާހައުލާއި ވަށައިގެން އެހީ ވެދޭން ތިބޭ މީހުންގެ ސަބަބުން، ކުއްޖާ ނިންދެވުމާ ގުޅިގެން އެހައި އުނދަގުތަކާއި ކުރިމަތި ލާން ނުޖެހިދާނެއެވެ. ނަމަވެސް ބައެއް ފަހަރު ވާގޮތަކީ މަންމަމެން ނުވަތަ ދެން ވެސް ހުރި މީހަކުގެ ނަސޭހަތް އަޑު އަހައިގެން، އެމީހަކު ބުނާ ގޮތަކަށް ކަންތައް ކޮށްގެން، ދަރިފުޅަށް ރަނގަޅު ނިދި ނުލިބިއްޖެ ނަމަ، ނޫނީ ނިދައިފައި ގިނައިރު ނުއޮތުން ފަދަ ކަންކަން ދިމާވުމުގެ ސަބަބުން މަންމައަށް ވެސް ރަނގަޅަށް ނުނިދެނީއެވެ. އެކަމަކު ބަނޑުބޮޑުވުމާއި ކުއްޖަކު ވިހެއުމާއި ބުއް ދިނުން މީ ހުސް މަންމަގެ ހަށިގަނޑަށް އަރާމުދޭން ޖެހޭ ކަންކަމެވެ. މަންމަގެ ހަށިގަނޑުގެ ހަލާކުވެފައި ހުރި ބައިބައި އަލުން މަރާމާތުކޮށް، ގެއްލިފައިވާ މާއްދާތައް އަލުން ހަދާ ރައްކާކުރުމަށް ޓަކައި ވެސް އަރާމުކުރުމާއި ހަމަ ނިދި ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހެންވީމާ ކުއްޖާއަށް ބޭނުން ވަނީ އުމުރަށް ބަލައިފައި ކިހައި އިރަކު ނިދުންތޯ އަދި ކުއްޖާއަށް އަރާމުކޮށް ނިދުން ފަހިކޮށްދޭން ކުރަންވީ ކޮން ކަންކަމެއްތޯ ދިރާސާތަކުގެ އެހީގައި ހޯދިދާނެއެވެ. ނިދުމުގެ ތެރޭގައި ހިނގާ ސައިކަލްތަކާއި، އަހަރެމެންގެ މުޖުތަމައުގައި އާންމުކޮށް ކުރީއްސުރެ ކުރެވެމުން އަންނަ ބައެއް ކަންކަމަކީ ހަގީގަތުގައި ކުދިންގެ ނިދުމަށް ނުރަނގަޅު ކަންކަންތޯ ވެސް ބަލަން ވާނެއެވެ.

ތިމާއަށް ހަމަނިދި ނުލިބިއްޖެ ނަމަ ދަރިފުޅަށް ދޭންޖެހޭ ވަގުތާއި އުފުލަން ޖެހޭ ޒިންމާތައް އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވާނެއެވެ. އަމިއްލަ ނަފްސަށް ނަގުތު ނުދެވިދާނެއެވެ. ފިރިމީހާއާއި ރައްޓެހިން އަދި އާއިލާއާއި އެކު ވަގުތު ހޭދަ ނުކުރެވިދާނެއެވެ. ނަތީޖާއަކަށް ވާނީ ދަރިފުޅު ލިބުމަށްފަހު ނަފްސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރު ކުރުމެވެ.

ގާތުން ދިނުމާއި ކުދިންގެ ކެއުމާ ބެހޭ ގޮތުން ދިރާސާކުރުން

ގިނަ މީހުންނެކޭ އެއްގޮތަށް އަހަރެން ވެސް މަންމައަކަށް ވުމުން ހީކުރީ ގާތުން ދިނުމަކީ މާ ބޮޑު އެއްޗެހިތަކެއް ދަސްކުރަން ޖެހޭ ނުވަތަ މާބޮޑު ކަމެއް ނޫންކަމުގައެވެ. ނަމަވެސް ފުރަތަމަ ދަރިފުޅަށް ގާތުން ދޭން އުޅެން ފެށީއްސުރެ، ދެވަނަ ދަރިފުޅަށް ގާތުން ދިނުން ހުއްޓައިލާން ވަންދެން، އެއީ އަޑިގަނޑުތަކާއި އުސްގަނޑުތައް އައި ޖާރނީއެކެވެ. ދިގު ދަތުރެކެވެ. އެއްވެސް މައުލޫމާތެއް ނުލިބި ފެށުނު ދަތުރެކެވެ. މިކަމަކީ ބައެއް ފަހަރު ވަރަށް ވޭން ހުރި ކަމެކެވެ. އަދި ބައެއް ފަހަރު ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމެއް ކަމުގައި ވެސް އެނގުނީ މަންމައަކަށް ވުމަށް ފަހުއެވެ. އެކަން ހުއްޓައިލުމަކީ ދެމައިންނަށް ކިހައި ދަތި އަދި ޖަޒުބާތީ ގޮތުން ކިހާ އުނދަގޫ ކަމެއްކަން ވެސް އެނގުނީ މަންމައަކަށްވީ ފަހުންނެވެ. ބައެއް މީހުންނަށް ގާތުން ދޭން ބޭނުން ވިޔަސް ގާތުން ނުދެވޭ ހާލަތް ވެސް ދިމާވެއެވެ. އަދި އެފަދަ މީހުންނަށް މުޖުތަމައު އަދި ކައިރީގައި އުޅޭ މީހުންގެ ފަރާތުން ދެރަބަސް އަޑުއަހަން ޖެހެއެެވެ. މި ހުރިހައި ކަމަކާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވާން ކުރެވޭނޭ ކަންކަން ހުންނާނެއެވެ. އަދި ބައިވެރިޔާއާ އެކު މި ވާހަކަތައް ކުރީބައިގައި މަޝްވަރާ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ކުދިންނަށް ހަމަސްވުމުން ކާންދޭން ފަށާއިރުގައި ވެސް ބައެއް މީހުން އެއްވެސް ދިރާސާއެއް ނުކުރެއެވެ. ކުދިންނަށް ކާންދޭން އެންމެ ރަނގަޅު އެއްޗެއްސާއި ކާންދޭންވީ ގޮތާއި މިފަދަ ކަންކަމަކީ ވެސް ދިރާސާ ކުރަންޖެހޭނޭ ކަންކަމެވެ. ލޯބިވާ ދަރިފުޅު އެއްގޮތަކަށް ވެސް ނުކައިގެން އުޅުނީމާ މަންމައެއްގެ ހިތަށް ކުރާނޭ އަސަރު އެނގޭނީ ހަމައެކަނި އެ ހާލަތް ތަޖުރިބާކޮށްފައިވާ މީހަކަށެވެ. ބައެއް ކުދިން ދިރާސާތަކަކާ ނުލައި އާންމުކޮށް މީހުން ކަންތައް ކުރާ ގޮތަށް ކޮށްގެން ވެސް ރަނގަޅަށް ކައިފާނެއެވެ. ނަމަވެސް ހުރިހާ ކުދިންނެއް އެއްގޮތެއް ނުވާނެއެވެ. އެހެންވީމާ ސައިންސްގެ އަލީގައި ހޯދިފައިވާ ހޯދުންތައް ބަލައި އަދި މީހުންގެ ތަޖުރިބާތައް ބަލައި އެކަމަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަރިއަކު ހޯދުމުން ދެމަފިރިންގެ ގުޅުމަށް ކުރާނެ އަސަރު

ދެމަފިރިއަކު އެކަނި އެކުގައި އުޅޭ ދިރިއުޅުމާއި ދެމަފިރިއަކަށް ދަރިއަކު ލިބުމުން ދެން އެމީހުން ދިރިއުޅޭނޭ ގޮތް ވަރަށް ބޮޑަށް ތަފާތު ވެގެންދާނެކަމީ ޝައްކެއްނެތް ހަގީގަތެކެވެ. މި ބަދަލުގެ ސަބަބުން ދެމަފިރިންގެ ގުޅުން ހީނަރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ވާހަކައަކީ ދެމަފިރިން ދައްކަން ޖެހޭ ވާހަކައެކެވެ. ބަނޑުބޮޑުވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ވިހެވުމާ ވިދިގެން އަންނަ ބަދަލުތައް އަދި ގާތުންދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ބައިވެރިޔާއަށް ބުނެދޭން ވާނެއެވެ. ހަގީގަތުގައި ދަރިއަކު ހޯދާއިރު ކުރަންޖެހޭ ހުރިހައި ދިރާސާއަކާއި މައުލޫމާތެއް ދެމަފިރިން އެކުގައި ކުރުން ވަރަށް ބުއްދިވެރިއެވެ. ހިޔާލު ތަފާތުވާ ކަންކަން ވެސް ދެނެގަނެވޭނީ އޭރުންނެވެ. އެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރަންވާނެއެވެ. އަނބިފިރިކަމުގެ ގުޅުމާއި، ދެމަފިރިން އެކުގައި ބޭރަށް ދިޔުމާއި، ދެމަފިރިންގެ މެދުގައި ދަރިފުޅުގެ ކަންކަން ކުރަން ބަހައިލާނެ ގޮތާއި، ދެމީހުންގެ ވަޒީފާ އަދި ޗުއްޓީ ނެގުމާއި، މިފަދަ އެތައް ވާހަކައެއް އޮންނަން ޖެހޭނީ ދަރިއަކު ހޯދުމުގެ ކުރިން ދެކެވިފައެވެ.

ދެފަރާތުގެ އާއިލާއާ ބެހޭ ގޮތުން ވާހަކަ ދެއްކުން

އާންމުކޮށް ކަންތައް ވާގޮތަށް ބަލަންޏާ، ދަރިފުޅަކު އަލަށް ލިބިގެން އުޅޭއިރު، އެ ދަރިފުޅުގެ ކަންކަން ކުރުމުގައި އިސްވެ ހުންނާނީ ދެމަފިރިންކުރެ އެކަކުގެ މަންމައެކެވެ. ނަމަވެސް ބައެއް މީހުން މިކަން މިގޮތަށް ކުރަން ބޭނުންނުވެދާނެއެވެ. އަދި އެގޮތަށް ކަންތައް ކުރަން މަޖުބޫރެއް ވެސް ނޫނެވެ. ދަރިފުޅު ބެލުމުގެ އިތުރުން ދަރިފުޅުގެ ކަންކަން ނިންމުމާއި ދަރިފުޅަށް އެއްޗެހި ގަނެދިނުން ވެސް އެއީ ބައެއް ފަހަރު މައިންބަފައިންގެ ކިބައިން ގެއްލޭ ކަންކަމެވެ. މިހުރިހާ ކަމަކީ ވެސް ދެމަފިރިން ވާހަކަ ދައްކައިގެން، ރާވައިލައިގެން، އަދި އާއިލާގެ އެހެން މީހުންނާ ވާހަކަ ދައްކަައިގެން ހައްލުކޮށްލެވޭނޭ ކަންކަމެވެ. މިސާލަަކަށް މަންމައާއި ބައްޕަ ބޭނުން ވަނީ ދަރިފުޅުގެ ވަކި ޚަރަދުތަކެއް އަމިއްލައަށް ކުރަން ކަމުގައި ވާނަމަ، އާއިލާގެ މީހުން ކައިރީގައި އެ ވާހަކަ ރީތިކޮށް ބުނެވިދާނެއެވެ. އަދި އެމީހުންގެ އެހީތެރިކަން އެހެން ގޮތްގޮތަށް ފޯރުކޮށްދިނުމަށް އެދެވިދާނެއެވެ.

ވިހައިގެން އުޅޭއިރު މަންމަ ހުންނާނީ ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ވަރަށް ސްޓްރެސްގައެވެ. އަދި ބައްޕަ ވެސް ހުންނާނީ ސްޓްރެސްގައެވެ. ނަމަވެސް އެ ދުވަސްވަރަކީ، ހާއްސަކޮށް ވިހައިގެން ފުރަތަމަ މަހާއި، ދެން އަންނަ މަސްތަކަކީ ވެސް ދަރިފުޅުގެ ވަރަށް މުހިންމު ކަންކަން ކުރަން ޖެހޭ އަދި ނިންމަން ޖެހޭ ދުވަސްތަކެކެވެ. އެ ކުދިން ބަލިވުން، ނިދުމުގެ ދަތިތައް، ގާތުން ދިނުމުގެ ދަތިތައް ފަދަ ކަންކަން ވެސް ދިމާވުން އެކަށީގެންވެއެވެ. މި ހުރިހައި ކަމެއްގައި އެހެން މީހުންގެ އަމަލުތައް ހުންނަ ގޮތުން ދެމަފިރިން ހިތްހަމަ ނުޖެހިއްޖެ ނަމަ ނުވަތަ ދެމަފިރިން ކުރެ އެކަކު ހިތްހަމަނުޖެހިއްޖެ ނަމަ އެ ސްޓްރެސްގެ ތެރޭގައި އެމައްސަލަ ހައްލުކުރުން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންވީމަ ކުރީބައިގައި ދުރަށް ވިސްނައިގެން އެ ނިންމުންތަކާއި އެ އިންތައް ކަނޑައެޅުމަކީ ވަރަށް ބުއްދިވެރި ގޮތެކެވެ.

ދަރިފުޅުގެ އަދި އަމިއްލަ ދިރިއުޅުމަށް ކުރާ އިންވެސްޓްމެންޓެއް

މަތީގައި ހިމަނައިލި ހުރިހާ ނުކުތާއަކީ ވެސް ހޯދަން އުޅޭ ދަރިފުޅަށާއި އަމިއްލަ ދިރިއުޅުމަށާއި، ކައިވެންޏަށް ކުރެވޭ އިންވެސްޓްމެންޓެއްގެ ގޮތުގައި ދެކޭށެވެ. ދަރިން ބެލުމަކީ ވަރަށް ބުރަ ކަމެކެވެ. އަދި އެކަމުގެ ނަފްސާނީ ސްޓްރެސްއަކީ ރަނގަޅު ގޮތުގައި މެނޭޖްނުކޮށްފި ނަމަ އެ ސްޓްރެސްގެ ސަބަބުން މީހާ ހަލާކުވެދާ ވަރުގެ އެއްޗެކެވެ. ކުޑަ ކުއްޖަކު ބަލައި ބޮޑުކުރުމަކީ އެކަމުގެ ސަބަބުން ޅައިރުގެ ހަނދާންތައް އާވާ ކަމެކެވެ. އަދި އެހަނދާންތަކުގެ ތެރޭގައި ހިތާމަވެރި އަދި ބިރުވެރި ހާދިސާތަކެއް ހިނގާފައިވާ ނަމަ، އެ ކަންކަން ވެސް އެހެން ހަނދާންތަކާއި އެކު އަންނާނެއެވެ. ކުޑައިރު ބޮޑެތި މީހުން ތިމާއާއި ދޭތެރޭގައި ކަންތައް ކޮށްފައި ހުރި ގޮތާއި، މުއާމަލާތްކުރި ގޮތާއި، ދަސްކޮށްދީފައިވާ އެއްޗެހި އަމިއްލަ ދަރިފުޅު ބަލާއިރު އަލުން ސިކުނޑީގައި ދިރިގެން އަންނަ ފަދައެވެ.

ދަރިން ބެލުމުގައި އެހެން މީހުންގެ ޖަޖްކުރުމާއި، މީހުން ކަންކަމާ 'ބެހުން' މިއީ ވެސް ރާއްޖޭގައި އާދައެއް ކަމުގައި ހިތާމައާ އެކު ފާހަގަ ކޮށްލަންޖެހެއެވެ. އެހެންވީމާ މި ކަންކަމާ މެދު ކުރީ ބައިގައި ވިސްނައި ދެމަފިރިން ވާހަކަ ދައްކާ ވެވުނު ވަރަކަށް ތައްޔާރު ވާންވީއެވެ. މިކަންކަމަކީ ފޮލިކް އެސިޑް ކެއުމާއި އެއްވަރަށް މުހިންމު ކަމެއް ކަމުގައި އަހަރެން ދެކެމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!