އަހަރުގެ މިހައިތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 324،000އަށް ވުރެ މައްޗަށް

މިއަހަރުގެ މިހައިތަނަށް 324،743 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 1ވަނަ ދުވަހުން ފެށިގެން 9ވަަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 43،971 ފަތުރުވެރިންނެވެ.
އަހަރުގެ މިހައިތަނަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަހަރުގެ މިހައިތަނަށް ރަޝިއާއިން 48،173 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުން ރާއްޖެއަށް 36،608 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އަހަރުގެ މިހައިތަނަށް އިންޑިއާއިން 31،433 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،776 ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.