ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން މަރުހޫމް ފަތުޙުﷲ ޖަމީލްގެ ނަމަށް
ރާއްޖޭގެ ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތުކޮށް ނިންމައި، އޮފީހުގެ ނަން މަރުހޫމް ފަތުޙުﷲ ޖަމީލުގެ ނަމަށް ބަދަލު ކޮށްފިއެވެ.
މަރުހޫމް ފަތުޙުﷲ ޖަމީލަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އެމަނިކުފާނަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެންމެފަހުން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމުގެ މަގާމުގައެވެ.
އަލްއުސްތާޛު ފަތުޙުﷲ ޖަމީލް، ސަރުކާރަށް ޚިދްމަތް ކުރައްވަން ފައްޓަވާފައި ވަނީ، 18 ނޮވެމްބަރ 1969 ގައެވެ. މަރުހޫމް ފަތުހުﷲ ޖަމީލަކީ ރާއްޖެއާއި ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުން ހަރުދަނާކޮށް، ޚާރިޖީކަންކަން ވަރުގަދަ ކުރެއްވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކޮށްފައި ވަނީ ޗައިނާގެ އެހީގައެވެ. ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަސައްކަތް ޗައިނާއާ ހަވާލު ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ފޮރިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ މި އިމާރާތް މަރާމާތު ކުރެވުމުން މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް އަންނާނެ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން ދިވެހިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.