ޚަބަރު

ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް/ ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، ދެ އަހަރާ ދެ ދުވަސް ފަހުން އުވާލައިފިއެވެ.

Ads by Hajj Corporation

ރާއްޖޭގައި އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައިފިކަން އިއުލާނު ކުރެއްވީ، ޤައުމާ މުހާތަބު ކުރައްވައި މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައެވެ.

"ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާންކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ސިއްހީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން އަމަލުކުރަމުން ދާނެ ގޮތުގެ މައުލޫމާތު ހެލްތު މިނިސްޓްރީން އާންމު ކުރައްވާނެ،" ރައީސް ވިދާޅުވިއެވެ.

ސިއްހީ ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާން ކުރައްވަމުން ރައީސް މިރޭ ވިދާޅުވީ، ކޮވިޑްގެ އަސަރު ސީދާ ގޮތުންނާއި ނުސީދާގޮތުން ނުކުރާ އެންމެ އާއިލާއެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ. އެ ބަލީގެ ސީދާ އުނދަގޫ ތަހައްމަލުކުރާ އެތައް ބަޔަކު މިހާރު ވެސް ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖޭގައި ވަރަށް ކުރީކޮޅު އެޅި ކަމަށާއި އޭގެ ނަތީޖާއަކީ އެ ބަލި ކޮންޓްރޯލް ކުރެވޭ ގައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން ކަަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑްގެ ވަބާގެ ހާލަތަށް އިޖާބަ ދިނުމަށް ރާއްޖެއިން ވެސް މިހާރު އަމާޒު ހިފައިފައި ވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި އެނދުމަތި ކުރަން ޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޮވިޑް-19އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިއުމަށް،" ރައީސް ވިދާޅުވިއެވެ.

ކޮވިޑް19 ބައްޔަކީ އާލަމީވަބާއެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައި ވަނީ 2020ވަނަ އަހަރުގެ މަރޗް މަހުގެ 12ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެ ގޮތުން އެދުވަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ނަމަވެސް އެ މުއްދަތުގެ ފަހުން ކޮންމެ 30 ދުވަހަކުން އެ މުއްދަތު އިތުރު ކުރަމުން، 24 ފަހަރު އެ މުއްދަތު އިތުރުކޮށްފައި ވެއެވެ. އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!