ރިޕޯޓް ލައިފްސްޓައިލް

ދިވެއްސާއި އިންގްލިޝް އެއްކޮށްގެން ވާހަކަ ދެއްކީމަ ސަޅިތަ؟ ނޫނީ ކަޑަތަ؟

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ވަރަށް ގިނަ މީހުންނަށް ފާހަގަވާނޭ ފަދައިން، ދިވެހިންގެ ތެރޭގައި ދިވެހިން ވާހަކަ ދެއްކުން މިދަނީ މަޑުމަޑުން ނަމަވެސް މަދުވަމުންނެވެ. ހާއްސަކޮށް ޅަޖީލުގެ ކުދިންނަށް ދިވެހިން ވާހަކަ ދެއްކުން ވަނީ އުނދަގޫ ކަމަކަށެވެ. ވަރަށް ގިނަ ފަހަރަށް ފެންނަ ކަމަކީ އިނގިރޭސިއާއި ދިވެހި، މި ދެ ބަސް އެއްކޮށްގެން ވާހަކަ ދައްކާ ތަނެވެ. ބައެއް އެއްޗެއްސަށް ދިވެހިން ކިޔާ ނަންނަމެއް ނުވެސް ހުރެއެވެ. ނޫނީ އާންމުކޮށް އެނގިފައެއް ނޯވެއެވެ. މިސާލަަކަށް ސްޓްރޯބެރީ، ކީވީ ފަދަ މޭވާތަކަކީ މި ބުނި ފަދަ ނަން ނަމެވެ. ބައެއް ދާއިރާތަކުގައި މިސާލަކަށް ސިއްހީ ދާއިރާގައި ޓެކްނިކަލް ބަސްތަކަށް ދިވެހި ބަސްތަކެއް ނުހުރެއެވެ. ޚުދު އަހަންނަށް ވެސް ވާހަކަ ދައްކަން ފަސޭހައީ އިނގިރޭސިންނެވެ. އެއީ ބައެއް ހާލަތްތަކުގައި މި ގައުމުގައި މަލާމާތް ރައްދުވެ ފޮނި މީހެއްގެ ލޭބަލް ވެސް ލިބޭ ކަމެކެވެ. ދިވެހި ބަސް ދިރުވައި އާލާ ކުރުމުގެ މުހިންމުކަމުގެ ވާހަކަ ދައްކާ މީހުން ސޯޝަލް މީޑީއާއިން ފެންނަމުންދެއެވެ. އަދި ދިވެހި ބަސް ނެތެމުން ދާތީ އެކަމުގެ ހިތާމަ ފާޅުކުރާތަން ވެސް ފެނެއެވެ. ނަމަވެސް މިކަން މިހެންވީ ކީއްވެގެންކަން މަޝްވަރާ ކުރާތަނެއް ފާހަގަވެފައެއް ނެތެވެ. އެހެންވީމާ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް އަހަރެން ކިޔައިދޭން މި އުޅެނީ ދިވެހި ބަސް އުވިދާ ސަބަބުތަކާއި، އިނގިރޭސި ބަސް އަހަރެމެންގެ ދިވެހި ރާއްޖެ ހިސާރު ކުރަމުންދާ ސަބަބުތަކެވެ.

Ads by STELCO

ސްކޫލް ދައުރު

ރާއްޖޭގެ ސްކޫލްތަކަކީ އިންގްލިޝް މީޑީއަމް ސްކޫލްތަކަކަށްވުމުގެ ސަބަބުން އެންމެ ކުޑައިރުއްސުރެ ވެސް ހުރިހައި ކުދިންނަށް ވިސްނިފައި އޮންނަނީ އިނގިރޭސި ދަސްކުރުން ވަރަށް މުހިންމު ކަމުގައެވެ. މި ޒަމާނުގައި އިނގިރޭސި އުނގެނުން މުހިންމު ނަމަވެސް، ދިވެހި އުނގެނުމުގެ މުހިންމުކަން ދަށަކަށް ނުދެއެވެ.

އަހަރެން ހަނދާންވާ ގޮތުގައި ޕްރައިމަރީ ގްރޭޑްތަކުގައި ދިވެހިން ވާހަކަ ދެއްކުމަކީ އަދަބު ލިބޭ ކަމެކެވެ. އަދި ދިވެހިން ވާހަކަ ދައްކާ އަޑު އިވޭނީ ވެސް ހަމައެކަނި ދިވެއްސާއި އިސްލާމް ގަޑީގައެވެ. އިނގިރޭސިން މޮޅުވުމަކީ އެހެން މާއްދާތަކަށް މޮޅުވުމަށް ވެސް ކޮންމެހެން ބޭނުން ކަމެކެވެ. ނަމަވެސް އެހެން މާއްދާތައް ދިވެހިން ކިޔަވައިދޭ ނަމަ، އިނގިރޭސިއަށް ދަށް ކުއްޖަކު، އޮޓޯއިން އެހެން ހުރިހާ މާއްދާތަކަށް ދަށެއް ނުވީހެވެ. އިނގިރޭސި ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އިނގިރޭސި ވާހަކަ ކިޔުމާއި އިނގިރޭސި ޚަބަރު ބެލުމާއި އިނގިރޭސިން ވާހަކަ ދެއްކުން ގިނަ ކުރުމަށް ސްކޫލުން ނަސޭހަތްތެރިވިއެވެ. ނަމަވެސް ދިވެހި ފަރިތަކުރުމަށް ޓަކައި ވާހަކަ ދެކެވެންފެށީ ވަރަށް މަތީ ގްރޭޑްތަކަކަށް ދިޔުމުންނެވެ. ދިވެހި ގަޑިއަކީ ކުދިންނަށް ފޫހި ގަޑިއަކަށް ވެސް ބައެއް ފަހަރު ވެފައި އޮވެއެވެ. އިނގިރޭސިއަށް ވުރެ ދިވެހި ލިޔުން ވެސް ކުދިންގެ އާންމުކޮށް ހަޑިވާނެއެވެ. އެއީ އިނގިރޭސި ލިޔުމަށް ބޮޑަށް ފަރިތަވެފައިވާތީއެވެ. އެހެންވީމާ މިކަން ފެށިގެން މި އަންނަނީ ސްކޫލްގެ ތެރެއިންނެވެ.

މި ކަހަލަ މާހައުލެއްގައި ބޮޑުވެގެން ދުނިޔެ ތެެރެއަށް ނުކުންނަ އިރު ކުއްޖަކަށް ދިވެހިން ވާހަކަ ދެއްކުމަށް ވުރެ އިނގިރޭސިން ވާހަކަ ދެއްކުން ފަސޭހަވުމަކީ ހައިރާން ވާންވީ ކަމެއް ނޫނެއް ނޫން ހެއްޔެވެ. އަދި ގިނަ އަދަދެއްގެ ކުދިން ރާއްޖެއިން ބޭރަށް ވެސް ގޮސް ކިޔަވައެވެ. އެހެންވީމާ ކިޔެވުމުގެ ބޮޑު ބައެއް އިނގިރޭސިން ކުރިއަށް ދިޔުމަކީ މިއަދުގެ މިހާލަތަށް ދިޔުމުގެ އެންމެ ބޮޑު ސަބަބު ކަމުގައި އަހަރެން ގަބޫލު ކުރަމެވެ.

ދިވެހީގެ ފެންވަރު ރަނގަޅު ކުރުމަށް ފުރުސަތު ނުލިބުން

ކުރިން ވެސް ބުނި ގޮތަށް ސްކޫލްގައި އިނގިރޭސި ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އިނގިރޭސި ފޮތްތައް ކިޔުމަށް ބާރު އެޅިއިރު، އެއާ އެކު ކޮންމެ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ސްކޫލްގައި ހުންނަ ކުތުބުޚާނާއަށް ގެންގޮސް ކުދިންނަށް އެކި ފޮތްތައް ބަލައި އެ ފޮތްތައް ގެއަށް ގެންދިޔުމުގެ ފުރުސަތު ހުޅުވައިލެވުނެވެ. އަދި މި ކުތުބުޚާނާއަށް ބަލައިލައިފި ނަމަ ގިނަވާނީ އިނގިރޭސި ފޮތެވެ. ފިހާރަތަކުގައި ވެސް ކުޑަކުދިން ކިޔާ ކަހަލަ ތަފާތު ވައްތަރުތަކުގެ ފައްކާ ވާހަކަތަކެއް އޭރަކު ލިބޭކަށް ނުހުރެއެވެ. މިހެން މި ކަންކަން ވުމުގެ ސަބަބުން އަހަރެމެން ބޮޑުވީ އިނގިރޭސި ބަސްކޮށާރު މުއްސަނދިކޮށް، އިނގިރޭސި ބަހުގެ ހަމަތަކާއި ގަވާއިދުތައް ދަސްވާނޭ އެތައް ފުރުސަތުތަކެއް ލިބެމުންނެވެ. އަހަރެމެން ކުޑައިރު ބެލުމަށް ލޯބިކުރާ ކާޓޫނަކީ ވެސް އިނގިރޭސި ކާޓޫނުތަކެވެ. މާދަރީބަހަކީ ކިހައި މުހިންމު އެއްޗެއް ކަމެއް، އަދި ދިވެހިންނަށް ވެތިބެ، ދިވެހި ބަހާ އަހުލުވެރިވުމުގެ މުހިންމު ކަމެއް ކިޔައިދެވިފައެއް ނޯވެއެވެ. އޭގެ ބަދަލުގައި އަބަދުވެސް އިނގިރޭސި ބަހަށް މޮޅު ވުމަށް އެކި ފަރާތްތަކުން ދިޔައީ ހިތްވަރު ލިބެމުންނެވެ.

އިނގިރޭސިވުން އެއީ މޮޅުވުން ކަމުގައި ދެކެވުން

އިނގިރޭސި ބަސް އެނގުމާއި ރާއްޖެއިން ބޭރުގެ ބައެއް އާދަތައް ނަފްސުގައި އަށަގެންނެވުމަކީ މޮޅު ކަމެއް ކަމުގައި ވަރަށް ގިނަ ދިވެހިން ދެކެއެވެ. ސްކޫލްގައި އުޅުނު އިރު ވެސް އިނގިރޭސިން ވާހަކަ ދައްކަން ނޭނގުން ނުވަތަ އިނގިރޭސި ބަހެއް ނުބައިކޮށް ބުނެވުން ނުވަތަ އެއްޗަަކަށް ކިޔާ އިނގިރޭސި ނަން ނޭނގުމަކީ އެހެން ކުދިންގެ ފަރާތުން މަލާމާތް ލިބޭ ކަމެކެވެ. އަދި އިނގިރޭސިއަށް މޮޅުވުމަކީ 'ސުޕީރިއާ' ކަމެއްގެ ގޮތުގައި ބެލެވުނު ކަމެކެވެ. ނަމަވެސް ދިވެހިން ގުނަން ނޭނގުމާއި، ދިވެހިން ބައެއް އެއްޗެއްސަށް ކިޔާ ނަން ނޭނގުމަކީ ލަދުގަންނަން ޖެހޭ ނުވަތަ ދެރަ ކަމެއް ކަމަކަށް އަހަރެމެންނަށް ވިސްނިފައެއް ނޯވެއެވެ. މި ވިސްނުމާއި އަމަލުތައް ސްކޫލް ނިމުމަށް ފަހު ބޮޑެތި މީހުންގެ ފަރާތުން ވެސް ފެންނަމުންދެއެވެ. އިނގިރޭސިއަށް މޮޅު ނުވުމަކީ އަހަރެމެންގެ މުޖުތަމައުގައި މަލާމާތް ލިބޭ ކަމެކެވެ.

ކުދިންނަށް ކިޔާ ނަންނަން ވެސް ދަނީ އިނގިރޭސި ވަމުންނެވެ. ތަފާތު ނަންނަން ކިޔުމަކުން މައްސަލައެއް އޮތީއެއް ނޫނެވެ. ނަމަވެސް އިނގިރޭސި ނަންނަން ކަމުގޮސް ދިވެހި ނަންނަން ހަޑިވުން އެއީ އާންމު ކަމެއްކަމުގައި ވުމަކީ މައްސަލައެކެވެ. އެހެން ވުމުގެ ފަހަތުގައިވާ ސަބަބުތައް ދިރާސާ ކުރަންޖެހެއެވެ. މުޖުތަމައުގެ އެކި ހާލަތްތަކަށް ބަލައިލާއިރު، އިނގިރޭސި ކިޔަން ނޭނގިއްޖެ ނަމަ ދިރިއުޅެން އުނދަގޫވާ ހިސާބަށް ރާއްޖެ އިނގިރޭސިވެފައިވާކަން ފާހަގަކޮށްލެވޭނެއެވެ. ބެލެނިވެރިންނަށް ސްކޫލުން ފޮނުވާ މެސެޖުތައް ވެސް ވައިބަރގެ ޒަރިއްޔާއިން ވަރަށް ގިނައިން އިނގިރޭސިން އާދެއެވެ. ސަރުކާރު އޮފީސްތަކުގައި ގިނައީ އިނގިރޭސިން ލިޔެފައިވާ "ސައިން"ތަކެވެ. މި ނޫން ވެސް އެތައް މިސާލެއް އަހަރެމެންނަށް ފެންނާނެއެވެ.

ސްކްރީންޓައިމް

މިޒަމާނަށް ބަލަންޏާ ކުޑަކުދިންނަށް ސްކްރީން ޓައިމްއަކީ ވަރަށް އަވަހަށް އަދި ވަރަށް ގިނައިން ލިބޭ އެއްޗެކެވެ. އޭގެން ދަސްވާ އެއްޗެއްސަށް ބަލާއިރު ވެސް މައިގަނޑު ގޮތެއްގައި ހުރިހައި އެއްޗެއްސަކީ އިނގިރޭސި އެއްޗެއްސެވެ. ގޭމާއި، ކާޓޫނާއި، ވީޑިއޯތައް ވެސް މެއެވެ. ނަތީޖާއަކަށް ވަނީ ކުޑަކުދިން ވާހަކަ ދައްކަން ފެށުމުގެ މާ ކުރިން އަދި ކުދިން ބަހުރުވަ ނަގައިގަންނަ ދުވަސްވަރު އެ ކުދިން އިނގިރޭސި ބަހަށް ހުށައެޅުމެވެ. މާދަރީ ބަސް ދަސްކުރަން ޖެހޭ ދުވަސްވަރު އިނގިރޭސި ބަސް ދަސްވުމެވެ. ކުޑަކުދިންނަށް އެ ކުދިންގެ ކާފަމެން ، މާމަމެންނާ ވާހަކަ ދައްކަން ނޭނގުމާއި ދިވެހި އާދަކާދައާއި ދިވެހިވަންތަކަމެއް ނެތް ކުދިންތަކެއްގެ ގޮތުގައި ބޮޑުވުމެވެ.

ވިސްނުމުގެ މިސްރާބު ބަދަލު ކޮށްލުން

މީހުން ދިވެހި ބަހާއި އިނގިރޭސި ބަސް އެއްކޮށްގެން ވާހަކަ ދައްކާ އަޑު އިވުމުން އެކަމާ މަލާމާތް ކޮށް، އެމީހަކަށް ފުރައްސާރަ ކުރުމަކުން މި މައްސަލައަށް ހައްލެއް ނާންނާނެއެވެ. މިކަން މިހެން މިވީ އެމީހެއްގެ އެކަނި ކުށަކާ ހެދިއެއް ނޫންކަން އަހަރެމެން ގަބޫލުކުރަން ޖެހެއެވެ. މި ކަން މިހެންވީ ކީއްވެގެންކަން ވިސްނާ އަދި އެކަން އެހެންވާން އަހަރެމެން މިއަދު ވެސް ފުރުސަތު އެބަ ފަހިކޮށްދޭކަން ގަބޫލުކުރަން ވެއްޖެއެވެ. އަހަރެމެންނަށް އަހަރެމެންގެ ދަރިންނަށް ދިވެހި ދަސްކޮށްދީ ދިވެއްސަށް ލޯބި ޖައްސާ ދިވެހި ވަންތަ ކަމުގެ މަތީގައި އެކުދިން ބޮޑު ކުރުމަށް ކުރެވެނީ ކޮން ކަންތައްތަކެއްތޯ ވިސްނައިލާން ޖެހޭނެއެވެ. ހަމައެކަނި މާދަރީބަހުގެ ދުވަހުގައި އެކުދިން ގައުމީ ހެދުމެއް ލެއްވުމަކުން ނުފުދޭނެއެވެ. މުޅި މުޖުތަމައުއިން އިނގިރޭސި ބަސް ކުދިންނަށް އަބަދުހެން ދަސްކޮށްދީ އިނގިރޭސިވުމަށް ހިތްވަރު ދޭއިރު، އެއާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އަހަރެމެން އަމިއްލަ ދަރިންނަށް ދިވެހި ބަހާ އަހުލުވެރިކުރުވުމަށް މަސައްކަތް ކޮށްދޭންޖެހޭނެއެވެ.

އިނގިރޭސި ބަސް ދަސްކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. މާދަރީ ބަހުގެ އިތުރުން އެހެން ބަސްތައް ދަސްކުރުމަކީ ސިކުނޑިއަށް ފައިދާކޮށް އައު ކަންތައްތަކަކަށް ލޯ ހުޅުވޭނޭ ކަމެކެވެ. ނަމަވެސް އަހަރެމެން ދިވެހިންނަށް ވާއިރު އިތުރު ބަހެއް ދަސްކުރަން ޖެހޭނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. އަހަރެމެންގެ މާދަރީ ބަސް ގުރުބާން ކޮށްގެން ލިބޭ އެއްޗެއްގެ ގޮތުގައެއް ނޫނެވެ.

ކުރިއާ ބަލައިފައި މިހާރު ވަރަށް ގިނައިން ދިވެހި އެތަކެއް ލިޔުންތެރިންނެއް ކުޑަކުދިންގެ ތަފާތު އެކި ފޮތްތައް ދިވެހި ބަހުން ތައްޔާރުކޮށް ނެރެމުން ދާކަން ވަރަށް އުފަލާ އެކުގައި ފާހަގަ ކޮށްލަން ޖެހެއެވެ. އެ ކަހަލަ އާލާތްތަކުގެ ބޭނުންކޮށްގެން ކުދިންގެ ހިތުގައި ދިވެހި ބަހާ މެދު ލޯބި އަށަގަންނުވާށެވެ. ދިވެހި ބަސްތައް އުވިގެންދިޔަ ނުދޭށެވެ. ދިވެހި ބަހުގެ މުއްސަނދިކަމާއި ރީތިކަން އަދި ދިވެހި ބަހަކީ ވެސް "ކޫލް" ބަހެއްކަން ކުދިންނަށް ދައްކުވައިދޭށެވެ. ރަނގަޅު ފެންވަރުގެ ދިވެހި ކާޓޫން ހެދުމަކީ ވެސް އެޅިދާނެ ރަނގަޅު ފިޔަވަޅެކެވެ. ގޭގައި އުޅޭއިރު ދިވެހިން ވާހަކަ ދެއްކުމަށް ކުދިންނަށް ހިތްވަރުދީ ދެބަސް އެއްކޮށްގެން ވާހަކަ ދެެއްކުމަށް ހިތްވަރު ނުދޭށެވެ.

  1. ބޭބެ

    އެއީ ބިއްލޫރި ތަށްޓައް ގަރުދިޔައެޅުން!

  2. ޙަސަނާ

    ލިޔުން “ހަޑި” އެކޭ ނުކިޔާނެ. ލިޔުން ހުތުރޭ ކިޔާނީ. ހަޑިވެއްޖެއްޔާ ހުންނާނީ ކޮންމެވެސް ހަޑި އެއްޗެއް ހޭކިފައި.