ދުނިޔެ

އިންޑިއާގައި ކޮވިޑް ވޭދަނަތައް ރެކޯޑް މިންވަރަކަށް ދަށަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް-19ގެ ވޭދަނަތައް ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފިއެވެ.

Ads by Sosun Fihaara

ހިންދުސްތާން ޓައިމްސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާދިއްތަ ދުވަހު އިންޑިއާގައި ކޮވިޑް ޖެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ މީހުންގެ އަދަދު 2،000އަށްވުރެ މަދެވެ.

މިއީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހަށް ފަހުގައި، އެގައުމުގައި އެއްދުވަހެއްގައި އެންމެ މަދުން ކޮވިޑް ވޭދަނަތައް ފެނުނު ދުވަހެވެ.

އިންޑިއާގައި ކޮވިޑްގެ ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 26،240އެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވި ނަމަވެސް، ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމައަށް، އިންޑިއާގައި ކޮވިޑް ބަލީގައި 127 މީހަކު ވަނީ މަރުވެފައެވެ. މީގެތެރޭގައި "ބެކްލޮގެއް" ނެތް ކަމެއް ސާފެއް ނޫނެވެ.

ކޮވިޑް ބަލީގައި، އިންޑިއާއިން މިހާތަނަށް ފަސްލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގައި ކޮވިޑް ވޭދަނަތައް ދަށްވިއިރު، ޗައިނާ، ހޮންކޮންގް، ސިންގަޕޫރު އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އަދި ވިލާތުގެ ގައުމުތަކުގައި ވެސް ވޭދަނަތައް އިތުރުވަމުން އަންނައިރު، މިހާރު ފެތުރެމުން އަންނަނީ "އޮމިކްރޯން"ގެ ސަބްވޭރިއަންޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވޭރިއަންޓަކީ "އޮމިކްރޯން"އަށް ވުރެ ވެސް ހަލުވިކަމާ އެކުގައި ފެތުރެމުން އަންނަ ވޭރިއަންޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!