އިންޑިއާއަކީ ރާއްޖޭގެ އިސްތިގުލާލާ ބެހޭނެ ގައުމެއް ނޫން: ޣަފޫރު

އަވަށްޓެރި އިންޑިއާއަކީ ދިވެހިރާއްޖޭގެ އިސްތިގްލާލާ ބެހޭނެ ގައުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދިއްޕޮޅުގައި އާގުބޯޓުގެ ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ޣަފޫރު ވަނީ އިންޑިއާ ދިފާއު ކުރައްވައި، އެގައުމަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިވާ ގައުމެއް ކަަމަށް ވިދާޅުވެފައެވެ.
"ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި، އިންޑިއާގެ ދީލަތި އެހީ ފޯރުކޮށްދީފައި ވަނީ ދިވެހި ރައްޔިތުން އެކަމަށް ޓަކައި ޝުކުރު ކުރަން ހައްގުވާ މިންވަރަށް. އެހެން ނަމަވެސް އޭގެ ބަދަލުގައި ބަޔަކު ނުކުމެ، ނަފްރަތުކޮށް، މަލާމާތްކޮށް، ފުރައްސާރަކޮށް، ފިތުނަ އުފައްދާ މަންޒަރު އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ." ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ތިލަދުންމަތި ތަރައްގީ ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި، އެ ސަރަހައްދަކީ ވިޔަފާރި އެންމެ ފުޅާކޮށް ހިނގަމުން އަންނަ ސަރަހައްދަށް ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހދ.ހަނިމާދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހެދުމުގެ މަޝްރޫއުގައި ސޮއި ކުރެވިގެންދާނެ ކަމަށެވެ.