ޚަބަރު

އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށް ރަމަޟާން އެލަވަންސް ހަމަޖެއްސެވުމަށް ނިމާލް ގޮވައިލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކެކޭ އެއްފަދައިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ވެސް ރަމަޟާން އެލަވަންސް ހަމަޖެއްސެވުމަށް ކައުންސިލްތަކުގެ ބެލެނިވެރިފަރާތް، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑް މެމްބަރު މުޙައްމަދު ނިމާލް ގޮވައިލައްވައިފިއެވެ.

Ads by STELCO

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާ ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހައި ކައުންސިލްތަކުގެ މެމްބަރުންނަށާއި ސަރުކާރާއި ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ހުރިހައި ބިދޭސީ މުސްލިމް މުވައްޒަފުންނަށް ވެސް ރަމަޟާން އިނާޔާތް ލިބޭ ކަމަށާއި އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ވެސް އެ އިނާޔާތް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިކަން އެލްޖީއޭގެ ބޯޑްގެ އެޖެންޑާގައި ހިމަނައިދިނުމަށް މިހާރު ހުށަހަޅައިފައިވާ ކަމަށް ވެސް ނިމާލް ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން "ދެން"އާ ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަކީ ވެސް ރަށްރަށުގައި ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާ މެމްބަރުންތަކެއް ކަމަށް ވާތީ ޤާނޫނަށް އިޞްލާޙް ގެނެސްގެން ނަމަވެސް އެ މެމްބަރުންނަށް އިނާޔާތް ލިބޭނެ ގޮތް ވުމަކީ އެ މެމްބަރުންނަށް މާލީގޮތުން ލިބޭ އެހީއެއްގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތަށް ވެސް ދެވޭނެ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އެކަން ހަމަޖެހޭނެ ގޮތަކަށް މަސައްކަތް ކޮށްދެއްވުމަށް އޭނާ ގޮވައިލެއްވިއެވެ.

"އަންހެނުންގެ ކޮމިޓީތަކަށް އިނާޔާތް ނުދެވެނީ ޤާނޫނު އެކަން އެގޮތަށް އޮންނާތީ ކަމަށް ވިޔަސް ، އެލްޖީއޭއަކީ ބެލެނިވެރިފަރާތްކަމަށް ވާތީ ، ކޮމިޓީތަކުގެ ޙައްޤުގައި ވަކާލާތުކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެކަމެއް ، އެހެންވެ އަޅުގަނޑު ހުށަހަޅައިފައި އޮންނާނީ އެ މައްސަލަ އެޖެންޑާކުރަން ، ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ކުރަންޖެހޭ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެނީ މިކަން"ކ.އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ މުހައްމަދު ނިމާލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!