ދުނިޔެ

ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގެ މަސްރަހު ގޯސްވެ، ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ އާންމުން ކުރިމަތިލަމުން ދާތީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ކުއްލި ހާލަތު އިއުލާން ކުރައްވައިފިއެވެ.

Ads by Sosun Fihaara

ސްރީލަންކާގެ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވައިފައި ވަނީ، އެ ގައުމަށް ދިމާވި އިގުތިސޯދީ ކާރިސާއަކާ ގުޅިގެން، އެތައްސަތޭކަ ބަޔަކު ރުޅިވެރިކަން ދައްކައި އޭނާގެ ގެކޮޅަށް ގަދަކަމުން ވަންނަން މަސައްކަތް ކުރާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ "އާންމު ސިއްހަތު ރައްކާތެރިކުރުމާއި މުޖުތަމައުގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ސާމާނާއި ހިދުމަތްތައް ދެމެހެއްޓުމަށް" ކަމަށް އޭނާ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.

22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޤައުމުގައި ޒަރޫރީ ބޭނުންތައް ނުފުދުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ކަރަންޓް ކެނޑުމުގެ ދަތިކަން ކުރިމަތިވަމުން ދާތީ އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން ގޯލް، މަޓާރާ އަދި މޮރާޓޫވާގެ ދެކުނުގެ ސިޓީތަކުގައި ވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ވެސް މިފަދަ މުޒާހަރާތައް ހިނގައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެރިރަށް ކޮލަމްބޯ ހިމެނޭ ގޮތަށް ހުޅަނގު ޕްރޮވިންސްގައި ސްރީލަންކާ ސަރުކާރުން ކާފިއު އިއުލާންކުރީ ރޭގެ ވަގުތެއްގައެވެ. ސްރީލަންކާގެ އަސްކަރީން ވަނީ މި ކާފިއުގައި ނޯ-ގޯ ޒޯން ވެސް ފުޅާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!