ރިޕޯޓް

އަވަށްޓެރި ސްރީލަންކާއަށް އައި ކުއްލި ބޮޑު ތަދު ، މިވީ ކިހިނެއް؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދިވެހީންނާ ގާތްގުޅުމެއް އޮންނަ ދިވެހީންގެ ދެވަނަ ގެ ކަމަށް ބުނެވޭ އަވަށްޓެރި ސްރީލަންކާ މިހާރު އޮތީ އިގްތިޞާދީ ކާރިސާއެއްގެ ތެރޭގައެވެ. އަސާސީ ބޭނުންތައް ފުއްދާނެ ތަކެއްޗާއި ކެއުން ބުއިމާއި އެހެނިހެން ސާމާނު ލިބޭކަށް ނެތެވެ. 24 ގަޑިއިރުގެ ތެރެއިން 12 ގަޑިއިރު ދިރިއުޅެން ޖެހިފައި ވަނީ ކަރަންޓާ ނުލައެވެ. ޔޫއެސް ޑޮލަރުގެ ރޭޓް މިހާރު ހުރީ 300 ރުޕީސްއިން މަތީގައެވެ. ގޭހާއި ތެޔޮ ފަދަ ސާމާނަށް ޖެހިފައިވުމުގެ ސަބަބުން ރައްޔިތުން ތިބީ ރުޅިގަދަވެފައެވެ.

Ads by MWSC

މިއީ 1948ގައި ސްރީލަންކާ މިނިވަންވީ ފަހުން އެ ގައުމަށް ދިމާވި އެންމެ ބޮޑު ތަދެވެ. އެ ގައުމުގެ ފޮރިން ރިސާވް ދަށްވެ އެންމެ އަސާސީ ތަކެތި ގަނެވޭހައި ހަކަތަ ވެސް އިގްތިޞާދުގައި ނެތެވެ. މިއާ އެކު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގައި އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާ ގާތް ގުޅުމެއް އުފެއްދި ރާޖްޕަކްސަގެ އާއިލާއާ މެދު ނުތަނަވަސްކަން އޮންނަ އިންޑިއާއިން ވަނީ އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީ ސްރީލަންކާއަށް ކާޑުގެ ބާވަތްތައް ފޮނުވަން ނިންމައިފައެވެ. ނިއުދިއްލީއާ ވާދަވެރި ބެއިޖިންއިން ވެސް ދަނީ 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްގެ އިތުރުން އިތުރު އެއް މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންނެވެ.

ސްރީލަންކާގެ އިގްތިޞާދު އެކީއެކަށް ފޫވެއްޓި، ރައްޔިތުން ބިކަވެ،ނިކަމެތިވުމުގެ ސަބަބުން ރައްޔިތުން ނިކުމެ ހިންގަން ފެށި ހަމަނުޖެހުމާ އެކު ރައީސް ގޮތަބަޔާ ވަނީ އިމަޖެންސީ އިއުލާންކޮށްފައެވެ. މިއާ އެކު ދަތި ހާލުގައި ޖެހުނު ވަގުތު ރައްޔިތުން ކުރަން ފެށި ދުއްޕާން ހުއްޓުވި ސީދާ މައްސަލައަށް އަމާޒުކުރަން ގޮތަބަޔާއަށް ވަނީ ފަސޭހަވެފައެވެ.

ސްރީލަންކާގެ އިގްތިޞާދު ކުއްލިއަކަށް ގޮވި ނަމަވެސް މައްސަލައަކީ ކުއްލި މައްސަލައެއް ނޫނެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި ސްރީލަންކާގެ ސަރުކާރުން ގެންގުޅުނު ފީކަޅާ އިގްތިޞާދީ އުޞޫލުތަކުގެ ސަބަބުން ލިބިގަތް ޒަޚަމެކެވެ. 21 އޭޕްރީލް 2019 ނުވަތަ އީސްޓަރ ސަންޑޭގައި ހިންގި ބޮން ގޮއްވައިލުމުގެ ހާދިސާގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އިގްތިޞާދު އަނަރޫޕަ ނުވާ ވާހަކައެއް ނޫނެވެ. ނަމަވެސް މި ދެ ހާދިސާއާ ކުރިމަތިވި އިރު ވެސް ސްރީލަންކާގެ އިގްތިޞާދު ދިޔައީ މިއަދުގެ މި ޙާލަތަށް މަގު ކޮށަމުންނެވެ. ބޮޑު ތަދުގެ އަލިކަން ދައްކަމުންނެވެ.

އެކަންކަމަށް ނަޒަރެއް ހިންގައިލާނަމެވެ.

ސްރީލަންކާގެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާކުރަނީ

ބައިނަލް އަޤުވާމީ ވިޔަފާރިއަށް އަޅައިލުން ކުޑަވުން

އީސްޓަރ ސަންޑޭގެ ހަމަލައާއި ކޮވިޑް ބަލިމަޑުކަމުގެ ކުރީން ވެސް ސްރީލަންކާ އިގްތިޞާދުގެ މިސާލަކީ ކިތަންމެ ވަރަކަށް ފެން ދިނަސް ނުހެދޭ ގަހެއްގެ މިސާލެވެ. ސަބަބަކީ އެ ގައުމުގައި އޮތް ދާޚިލީ ހަނގުރާމައެވެ. އުތުރުގައި ގަދަކޮށްފައި އޮތް ލިބަރޭޝަން ޓައިގަރސް އޮފް ޓަމިލް އީލާމްސްގެ ސަބަބުން ސްރީލަންކާގެ ސަރުކާރަށް ޖެހުނީ އަސްކަރިއްޔާއަށް ކުރަން ޖެހޭ ހޭދަ މަތިކުރާށެވެ. ޓެރަރިސްޓް ޓަމިލް އީލާމްސްގެ ބާރު ގަދަ ކުރިހައި މިންވަރަކަށް ސްރީލަންކާގެ ބަޖެޓަށް ވެސް ދިޔައީ ބުރަ ބޮޑުވަމުންނެވެ.

ޖުލައި 1993އިން ފެށިގެން ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމަވީ ކެންސަރު ބައްޔަކަށެވެ. އެމީހުން ނައްތައިލުން ނޫން ހައްލެއް ސްރީލަންކާއަކަށް ނެތެވެ. ގާތްގަނޑަކަށް 26 އަހަރު ފަހުން އީލާމްސް މުލުން ލުހެލައި ސްރީލަންކާއަށް އަމާންކަން ހޯދުނީ މެއި 2009ގައެވެ.

ހަނގުރާމައިގެ ސަބަބުން ވީދިފައި އޮތް ސްރީލަންކާގެ އިގްތިޞާދު ، ބައިނަލްއަގުވާމީ ދޮރޯށިތަކަށް ހުޅުވޭނެ ކަމަށް އޭގެ ފަހުން ބެލެވުނެވެ. ނަމަވެސް އެގައުމު ސަރުކާރުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ނުވިސްނައި ހަމައެކަނި ޑޮމެސްޓިކް މާކެޓަށް ނަޒަރުދިނުމުގެ ސަބަބުން އެކްސްޕޯޓް ދަށްވެ ، ޖީޑީޕީ އަހަރުން އަހަރަށް ދަށްވަމުން ދިޔައެވެ.

ޓެކްސްއަށް ދިން ލުއިތައް

2019ގައި އޮތް ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ގޮތަބަޔާ ރާޖަޕަކްޝާގެ އެންމެ ބޮޑު އެއް ވައުދަކީ ޓެކްސްގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ ވައުދެވެ. މިއީ މެދު އަދި ދަށް ފަންތީގެ ވިޔަފާރިވެރީންނާއި ނިކަމެތީންގެ އާބާދީ ކާމިޔާބުކުރުމަށް ވީ ވައުދެކެވެ. ރައީސް ގޮތަބަޔައަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް ދެން މުޅި ދުނިޔެ ދުށް ޙާލަތަކީ މުޅީން ތަފާތު ޙާލަތެކެވެ. 2019ގެ ޑިސެމްބަރުގައި ވުހާންއިން އެރި ކޮވިޑްގެ ރާޅާ އެކު ވަރުގަދަ އިގްތިޞާދުތައް ވެސް ދޮވެލިއިރު ރައީސް ގޮތަބަޔާގެ ނިންމުން މުޅިން ގޯހެވެ. ޓެކްސްއަށް ދިން ލުއި ވެގެން ދިޔައީ ޒަޚަމްވި ފާރުގަނޑަށް ތާޒާކަން ލިބުނު ކަމަކަށެވެ.

ޓެކްސްއަށް ދިން ލުޔާ އެކު ސްރީލަންކާގެ ބަޖެޓަށް އަހަރަކު 500 ބިލިއަން ރުޕީސް ނުވަތަ ޖީޑީޕީ ބޮލަކަށް ޖެހޭ އަދަދުން 4.5 އިންސައްތަ ގެއްލުން ވިއެވެ.

ކެމިކަލް ހިމެނޭ ގަސްކާނާ މަނާކުރުން

ސްރީލަންކާގެ އިގްތިޞާދުގެ އެންމެ ބޮޑު އެއް ބަޔަކީ ދަނޑުވެރިކަމެވެ. އެއީ އިގްތިޞާދަށް ވަންނަ އެތައް ފައިސާއެއްގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ދުވާލުގެ ކޮއްތު ބަލަހައްޓާ މަސައްކަތެވެ. ނަމަވެސް ކެމިކަލްއިން ސަލާމަތްވެފައިވާ "އޯގަނިކް ފާމިން"އަށް ދިޔުމަށް ސަރުކާރުން ނިންމި ކުރުރާސްތާ ޕްލޭންގެ ސަބަބުން ބަރުހެލިވެފައި އޮތް އިގްތިޞާދު އިތުރަށް މަޑު ޖައްސައިލިއެވެ. ކެމިކަލް ހިމެނޭ ފާޓިލައިޒަރ އެތެރެކުރުން މަނާ ކުރުމުން ދަނޑުވެރިކަމަށް ލޮޅުން އަރައި އުފެއްދުންތެރިކަން ވެއްޓި ޖެހުނެވެ. އޭކަރަކުން 60 ބަސްތާ ހަނޑޫ އުފައްދަމުން އައި ދަނޑުތަކުގެ އުފެއްދުންތެރިކަން 10 ބަސްތާއަށް ދަށްވިއެވެ.

ނަތީޖާއެއްގެ ގޮތުން ކާޑުގެ ބާވަތްތައް ވެސް ޖެހުނީ އިންޕޯޓްކުރާށެވެ. އިންޕޯޓް މަތިވެ ސްރީލަންކާގެ ބޭންކުތަކުގައި ފައިސާ ތަދުވެ، ސެންޓްރަލް ބޭންކްގައި ޓަކިދޭން ޖެހުނެވެ. މަޖުބޫރު ހާލަތުގައި ސެންޓްރަލް ބޭންކަށް ޖެހުނީ ފައިސާ ދޫކުރާށެވެ. އެ ގޮތުން 4.2 ޓްރިލިއަން ރުޕީސް ދޫކޮށް ޚަޒާނާ ހުލިވިއެވެ. އެންމެ ފަހުން ސެންޓްރަލް ބޭންކަށް ޖެހުނީ ފައިސާ ޗާޕްކުރާށެވެ. މިއިން އެއްވެސް ކަމަކީ ބައްޔަށް އޮތް ޙައްލު ނޫންކަން އެނގި ތިބެ ނަމަވެސް ޙާލަތަށް އަޅާން ޖެހުނު ފިޔަވަޅުން ސްރީލަންކާގެ އިގްތިޞާދުގެ ތަދު ދިޔައީ ބޮޑުވަމުންނެވެ.

ކެމިކަލް ފާޓިލައިޒާ މަނާކުރުމުން އުފެއްދުންތެރިކަން ދަށްވެ ކާޑުގެ އިންޕޯޓް އެތައް ގުނައެއް އިތުރުވި

އިގްތިޞާދުގައި ފައިސާ ގިނަވެ ، ފައިސާގެ އަގު ވެއްޓެމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. ނަތީޖާއެއްގެ ގޮތުން ތަކެއްޗާއި މުދަލުގެ އަގު ބޮޑުވެ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ވޭން އުފުލަން ޖެހުނެވެ.

މިއީ ސްރީލަންކާ މިއަދު އެ ތަހައްމަލުކުރާ ވޭންތަކަށް މަގުކޮށި ގިނަ ސަބަބުތަކުގެ ތެރެއިން މަދު ސަބަބުތަކެކެވެ. މި ހުރިހައި ކަމެއް ލައިގަނެ ، ތަހައްމަލު ނުކުރެވޭ ވަރަށް ބުރަ ބޮޑުވިއިރު ފޮރިން ޑެޓްގެ މުއްދަތު ހަމަވެ އެއަށް ވެސް އޮތީ ފައިސާ އޮއްސަން ޖެހިފައެވެ. ނުވަތަ ދަރަނި ދައްކާން ޖެހިފައެވެ.

މިއަދު އެ އޮތީ ސްރީލަންކާގެ އިގްތިޞާދު ގޮވައިފައެވެ. ގެއްލުން ކިތަންމެހައި ވެސް ބޮޑެވެ. އިގްތިޞާދު ފޫވެއްޓި، ގައުމު ހަމައިން ނެއްޓި ، ހައިޖާނު އެ އޮތީ ބޮޑުވެފައެވެ. ސިޔާސީ ހަލަބޮލިކަން ބޮޑުވެ ކެބިނެޓް އިސްތިޢުފާދީ އެ ގައުމަށް އެ އޮތީ ސިޔާސީ ހުރިހައި ފަރާތްތަކަކުން ބައިވެރިވާ އެއްބައިވަންތަ ސަރުކާރެއް ބޭނުންވެފައެވެ.

ލަންކާގެ ރައްޔިތުންގެ އިތުރުން ދިވެހީންގެ ގިނަ ބަޔަކަށް ވެސް މިއީ ދަތިކަމެކެވެ. ސްރީލަންކާގެ އިގްތިޞާދު ހަމަޔަކަށް އެޅެން އޮތީ ވެސް ތަދު ކަނޑުވާ ބޭސްދީގެން މަޑުމަޑުންނެވެ. ވަގުތީ ހައްލުތައް ހޯދި ނަމަވެސް ކުއްލިއަކަށް ހާލަތު ބަދަލުކުރެވޭނޭ ޖާދުލެއް ނެތެވެ.

(މައުލޫމާތު:ސްރީލަންކާ ސެންޓްރަލް ބޭންކްގެ ކުރީގެ ޑެޕިޔުޓީ ގަވަރުނަރު ވިޖޭވަރުދަނާއާއި އެ ގައުމުގެ އިގްތިޞާދީ މާހިރުންގެ ލިޔުއްވުންތައް)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!