ހަނގުރާމައާ ގުޅިގެން ރަޝިޔާ މާކެޓްގެ 70 ޕަސެންޓް ގެއްލިއްޖެ

ރަޝިޔާ، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މަޖިލިސް ޖަލްސާގައި ހަނގުރާމައާ ގުޅިގެން ރާއްޖޭ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރު ކޮށްފައިވޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރަޝީޔާ މާކެޓް 70 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ %20 ހިއްސާކުރަނީ ރަޝިއާއާއި ޔޫކްރެއިން ކަމަށެވެ. އަދި އެންމެ ބޮޑަށް ވިސްނަންވީ ހުރިހައި މާކެޓަކުން ވެސް މީހުން އަންނާނެ ގޮތެއް ހޯދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2021ވަނަ އަހަރުގެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ ރަޝިޔާއެވެ. އެގޮތުން މިދިޔަ އަހަރު 222،422 މީހުން ރަޝިއާއިން އައިސްފައިވެއެވެ.
މިވަގުތު ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ރަޝިއާއިން ހަމަލާ ދެމުންދާއިރު، މި މަސްރަޙު ދިވެހި ސަރުކާރުން ދަނީ ގާތުން ބަލަމުންނެވެ.