ޕޮލިސް ކޮލެޖުގެ މުވައްޒިފުންނަށް ކާންދޭނެ ބަޔަކު ހޯދަނީ
އައްޑޫސިޓީގައި ހުޅުވައިފައިވާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގައި މަސައްކަތް ކުރާ މީހުންނަށް ކައްކާ ކާން ތައްޔާރު ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގައި މަސައްކަތް ކުރާ މީހުންނަށް ކައްކާ ކާން ތައްޔާރު ކުރުމުގެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވައިލައިފައިވާ ކަމަށެވެ.
އެގޮތުން މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި އަދި ފައިސާ ދެއްކުމަށް ފަހު ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސްގެ އިތުރުން ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެ މިނިސްޓްރީއަށް ފޮނުވުމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 175,000 ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށް ވެސް ފިނޭންސްގެ އިއުލާނުގައި ބުނެފައިވެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޭޕްރީލް 13ވަނަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.