އައު ދަނޑާ މެދު މުއިއްޒުގެ ސުވާލުތަކެއް: މަޝްވަރާ ކުރެއްވިންތޯ؟

ގަލޮޅު ދަނޑު ތަޅައިލައި އެތަނުގައި އައު ދަނޑެއް ތަރައްޤީކުރަން ނިންމި އިރު، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިންތޯ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިޒު ސުވާލު ކުރައްވައިފިއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ، ގަލޮޅު ދަނޑު ތަޅައިލައި އެ ތަނުގައި އައު ދަނޑެއް ތަރައްގީކުރަން ނިންމަވައިފައިވާ ކަމަށެވެ. އަދި އެއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޑރ. މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މި މަޝްރޫޢާ ބެހޭ ގޮތުން ނުރުހުން ފާޅު ކުރައްވައި، ސުވާލުތަކެއް ކުރައްވައިފައެވެ. އެ ގޮތުން ޑރ. މުއިއްޒު އެއްސެވީ އެ މަޝްރޫޢާ ގުޅޭ ގޮތުން މާލޭ ރައްޔިތުން ކައިރީ، ވަކިން ޚާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ، އައްސަވާލެއްވިންތޯއެވެ.
"މާލެ ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވިންތޯ؟ 'މަތިން ތިރިޔަށް ތަރައްޤީ' ގެންނަ ހަމަޔަކީ ރައްޔިތުންނާ ބީރަށްޓެހި، ނަހަމަޔެއް!" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ގަލޮޅު ދަނޑު އައު ކުރުމުގެ މަސައްކަތް މި އަހަރު ނިމޭއިރު ފަށާނެ ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި މިނިސްޓަރ މަހްލޫފް ކުރިން ވިދާޅުވެފައިވާ ގޮތުގައި މިކަމަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުވާނެއެވެ.






ކޮމެންޓް