ދުނިޔެ

ލަންކާގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައިފިއެވެ.

Ads by Sosun Fihaara

ސްރީލަންކާގެ މަސްރަހު ގޯސްވެ، ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ އާންމުން ކުރިމަތިލަމުން ދާތީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ކުއްލި ހާލަތު އިއުލާން ކުރައްވައިފައި ވަނީ އޭޕްރީލްމަހުގެ 1ވަނަ ދުވަހުއެވެ.

ސްރީލަންކާގެ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވައިފައި ވަނީ، އެ ގައުމަށް ދިމާވި އިގުތިޞާދީ ކާރިސާއަކާ ގުޅިގެން، އެތައްސަތޭކަ ބަޔަކު ރުޅިވެރިކަން ދައްކައި އޭނާގެ ގެކޮޅަށް ގަދަކަމުން ވަންނަން މަސައްކަތް ކުރާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ "އާންމު ސިއްހަތު ރައްކާތެރިކުރުމާއި މުޖުތަމައުގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ސާމާނާއި ހިދުމަތްތައް ދެމެހެއްޓުމަށް" ކަމަށް އޭނާ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.

22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޤައުމުގައި ޒަރޫރީ ބޭނުންތައް ނުފުދުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ކަރަންޓް ކެނޑުމުގެ ދަތިކަން ކުރިމަތިވަމުން ދާތީ އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ހާލަތާ މެދު ރުޅިގަދަވެފައިވާ އާންމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 41 މެންބަރުން ވަނީ އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރަށް ތާޢީދު ނުކުރަން ނިންމައި އިދިކޮޅު ފަރާތްތަކާ ގުޅިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!