ބޮލީވުޑް މުނިފޫހިފިލުވުން

ރަންބީރާއި އާލިއާގެ ކައިވެނި އޭޕްރީލް 17ގައި، ދިޕިކާ ދައުވަތު ގަބޫލު ނުކޮށްފާނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އިންޑިއާ މީޑިއާތަކުގައި މިދުވަސްވަރު އެންމެ ފަލަ ސުރުހީ އަޅަމުން ދަނީ ސުޕަސްޓާ ރަންބީރް ކަޕޫރާއި ބަތަލާ އާލިއާ ބަޓްގެ ކައިވެނީގެ ޚަބަރުތަކެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ތާރީޚެއް ނުދެވިގެން އުޅުނު މި ކައިވެންޏަށް އެންމެ ފަހުން މިވަނީ ތާރީޚެއް ދީފައެވެ.

Ads by STELCO

މިހިނގާ އޭޕްރީލް މަހުގެ 17ގައި ރަންބީރާއި އާލިއާގެ ކައިވެނި ތާވަލުކޮށް މިހާރު ދަނީ ދައުވަތު ކާޑުތައް ވެސް ފޮނުވަމުންނެވެ. އެހެން ނަމަވެސް ހީކުރި ގޮތާ މިކައިވެނީގެ ހަފްލާ ހުރިހާ ގޮތަކުން ވެސް ޚިލާފެވެ.

ކުރިން ހީކުރެވިފައި އޮތީ ބޮލީވުޑްގެ ފިލްމީ ބޮޑު ދެ އާއިލާއެއް ގުޅޭތީ އަދި މަޝްހޫރު ދެ ތަރިން ކައިވެނީގެ ގޮށް ޖަހާތީ މިއީ އަހަރުގެ އެންމެ ޙަފްލާއަށް ވާނެކަމަށެވެ. ކުރިން ވާހަކަ ދެކެވުނު ގޮތުން ނަމަ ބޮޑު ފަލަ މި ޙަފްލާ އޮންނާނީ ވެސް އިންޑިއާއިން ބޭރުގައެވެ.

އެހެން ނަމަވެސް އާލިއާއާއި ރަންބީރް ކައިވެނި ކުރާނީ އިންޑިއާގެ މުމްބާއީގައި ހުންނަ ރަންބީރްގެ ކާފަގެ ގޭގައެވެ. އާރް ކޭ ހައުސްގެ ނަމުން މަޝްހޫރު މިގޭގައި ބާއްވަނީ ވެސް ކުޑަ ޙަފްލާއެކެވެ. ދައުވަތު ދެނީ އާއިލާގެ އިތުރުން ހަމައެކަނި ގާތް ރަހުމަތްތެރިންނަށެވެ.

އާލިއާއާ ރަންބީރު އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ރަންވީރް ސިންގާއި ދިޕިކާ ޕަޑުކޯން ހިމެނެއެވެ. ދިޕިކާއަކީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ނަމަވެސް މިދެތަރިން ހިއްސާކުރަނީ ވަރަށް ގާތް ރަހުމަތްތެރިކަމުގެ ގުޅުމެކެވެ.

ދިޕިކާއާއި ރަންވީރުގެ ކައިވެނީގެ ޙަފްލާއަކީ ބޮލީވުޑްގެ އެންމެ ބޮޑު އެއް ޙަފްލާއެވެ. އެހެން ނަމަވެސް މި ޙަފްލާގައި ރަންބީރު ބައިވެރިއެއް ނުވެއެވެ. މިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އޭރު އަމާޒުވިއެވެ.

އެ ޙަފްލާގައި ރަންބީރު ބައިވެރި ނުވުމުން ދިޕިކާއާ ސުވާލު ވެސް ކުރިއެވެ. އޭނާ ބުނީ ރަންބީރު ބައިވެރި ނުވުމަކީ ހައިރާން ވާންޖެހޭވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ވެސް ދިޕިކާ ބުންޏެވެ.

މިއާ އެކު މިހާރު މީޑިއާތަކުގައި އެންމެ ބޮޑަށް ސުވާލު އުފައްދަނީ ރަންބީރުގެ ކައިވެނީގެ ޙަފްލާގައި ދިޕިކާ ބައިވެރިވާނެތޯއެވެ. މިހައިތަނަށް ތިލަވި މައުލޫމާތުތަކަށް ބަލާއިރު އާލިއާއާއި ރަންބީރުގެ ރަހުމަތްތެރިންގެ ތެރެއިން ކަރަން ޖޯހަރް އަދި އަޔާން މުކަރްޖީ ފަދަ މީހުން މި ޙަފްލާގައި ބައިވެރިވާނެއެވެ.

ކުއްލިއަކަށް މިމަހު 17ގައި އާލިއާއާއި ރަންބީރު ކައިވެނިކުރަން ނިންމީ އާލިއާގެ ކާފަ ވަރަށް ބަލިކޮށް އުޅޭތީކަމަށް ވާހަކަ ދެކެވެއެވެ. އަދި 17 ނަމްބަރަކީ ރަންބީރާއި ކޮންމެ ވެސް ގޮތަކުން ގުޅުން އޮންނަ ނަމްބަރެއް ކަމަށް ވެސް ވާހަކަ ދެކެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!