އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަނީ
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތާ ގުޅިގެން ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރުންގެ ގިނަ ސުވާލުތަކެއް ވަނީ އަމާޒުވެފައެވެ.
އެގޮތުން އޭސީސީގައި ކުރިން ތިއްބެވި މެންބަރުން ދުރުކުރުމަށް ދިމާވީ އެ ކޮމިޝަންގެ މަސައްކަތްތައް އެދެވޭ ހަލުވިމިނެއްގައި ކުރިއަށް ނުދިއުންކަމަށް ވިދާޅުވެ މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ބެލުމުގައި އަވަސް ބާރުމިނެއް ދެކެން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، އެ ކޮމިޝަނަށް މައްސަލަތައް ބެލުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޮމިޝަނަކީ އިންވެސްޓިގޭޓަރުން ވަޒީފާ ދޫކޮށްފައިވާ މައްސަލަކަމަށެވެ. އެގޮތުން އިންވެސްޓިގޭޓަރުން ކެނޑޭ މައްސަލައަށް ހައްލެއް ގެނައުމަށް އައު ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ވެސް ޢަބްދުއްސަލާމް ވިދާޅުވިއެވެ.
އޭސީސީގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އިންވެސްޓިގޭޓަރެއް ތައްޔާރުކުރުމަށް އަހަރުތަކެއް ނަގާކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތައް ބެލުމުގައި އޭސީސީގެ އެންމެ ތަޖުރިބާ ހުރި އިންވެސްޓިގޭޓަރުން މަސައްކަތްކުރާ ކަމަށެވެ.
އައު އިންވެސްޓިގޭޓަރުންވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި ޢަބްދުއްސަލާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ. އެގޮތުން ބައެއް އެޖެންސީތަކާ މިހާރު ވާހަކަ ދައްކަމުން އަންނަކަން ސަލާމް ވަނީ ކޮމިޓީއާ ހިއްސާކުރައްވައިފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކުރައްވައިފައެއް ނުވެއެވެ.
ޔާމިން ހުދު ކާފޫރު ތޮޅިއަށް ހަދާ ދެން