އިސްލާމިކް މިނިސްޓަރ، ނަބީޙަށް މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު އަލީ، އަލްޙާފިޡް އަޙްމަދު ނަބީޙަށް މަރުޙަބާ ވިދާޅުވެ، ހިތްވަރުދެއްވައިފިއެވެ.
މި ރަމަޟާން މަހުގެ 1 -14އަށް ދުބާއީގައި ބޭއްވި ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރުމަށް ފަހު ނަބީޙް ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ނަބީޙަށް މަރުޙަބާ ވިދާޅުވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްއާއި، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022ގައި ބައިވަރު މީހުންނާ ވާދަކޮށް ނަބީޙް ފައިނަލް ބުރުގައި ކިޔެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.
އަދި އެކަމަށް ޓަކައި ނަބީޙަށާއި ނަބީޙުގެ މަންމައަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެ މުބާރާތުގައި ނަބީޙް ފަދަ ކުއްޖަކު ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވައި މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރ ވަނީ ނަބީޙަށް ހިތްވަރުދެއްވައިފައެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލް ވެސް ވަނީ ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއްގައި ނަބީޙުގެ ކިޔެވުން ފެނިގެން ދިޔުމަކީ ވަރަށް ބޮޑުކާމިޔާބީއެއްކަން ފާހަގަކުރައްވައި ހިތްވަރުދެއްވައިފައެވެ.
ނަބީޙުގެ މަންމަ ވަނީ ސަރުކާރުން ނަބީޙަށް ދެއްވި މި ފުރުސަތަށް ޝުކުރުއަދާކޮށް، ދުބާއީގައި ހޭދަވި 17 ދުވަހު، އެއްވެސް ކަހަލަ ދަތިކަމެއް ނެތި އެޤައުމުގައި ދުވަސްތައް ހޭދަކުރެވުނީތީ އެކަމަށް ޓަކައި ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަރަށް ގާތުން ނަބީޙުގެ ހާލު ބައްލަވައި، މުބާރާތުގެ ކަންކަން ހިނގަމުންދާގޮތް ބެއްލެވިކަމަށާއި މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ބެހެއްޓެވި ގާތްކަމާއި މިއަދު ވިދާޅުވި ހޫނު މަރުޙަބާއަށް ވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.
ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022ގައި އޮންނަ އުސޫލުން ދަތުރުގެ ކަންތައް ހަމަޖައްސައިދެނީ ހަމައެކަނި ކިޔަވާ ދަރިވަރަށެވެ. އެހެން ނަމަވެސް ނަބީޙަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށްވާތީ ނަބީޙުގެ މަންމައާއި ދައްތައަށް މި މުބާރާތަށް ދުބާއީއަށް ދިޔުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ގިނަ ކުންފުނިތަކާއި މީގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވަނީ ލިބިފައެވެ.