ކުޅި ބަލަން މީހުން ނުދާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
ކުރިން ރެއަކު ޓީވީން ފުޓުބޯޅަ މެޗެއް ބައްލަވަން އިންނެވި ކަމަށާއި އެމެޗުގައި ދަނޑަށް ފެންޖަހަން ތިބި މީހުންނަށް ވުރެ ކުޅި ބަލާ މީހުންގެ އަދަދު މަދުކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ހާޒިރުކޮށް ސުވާލުކުރުން ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ރާއްޖޭގައި ދަނޑުތައް ތަރައްގީކޮށް މިދާއިރާއިން ހިންގޭ އުމްރާނީ މަސައްކަތްތަކުގެ އިތުރުން ވެސް ކަންކަން ކުރިއަށްދާ ކަމަށެވެ.
މަހުލޫފު ވިދާޅުވީ ބައިނަލްއަގުވާމީ ރަނގަޅު މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސައުތު އޭޝިއަން ޓޭބަލް ޓެނިސް މުބާރާތެއް އަންނަ މަހު ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން މި މުބާރާތުގެ މެޗުތައް ބެއްލެވުމަށް މަޖިލިސް މެމްބަރުންނަށް ވެސް މަހުލޫފު ދައުވަތު އެރުއްވިއެވެ.
މަހުލޫފުގެ އެ ވާހަކަތަކާ ގުޅުވައި ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު ވިދާޅުވި މުބާރާތުގެ މެޗުތައް ބެއްލެވުމަށް މެމްބަރުންގެ އެއްވެސް ޝައުގުވެރިކަމެއް އޮތް ނަމަ ދަނޑަށް ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ދަނޑުތައް ހެދޭކަމަށާއި އެހެން ނަމަވެސް ކުޅިވަރަށް އޮންނަ ސަޕޯޓު މަދުވަމުން އަންނަކަން ފާހަގަކުރެވޭކަމަށެވެ.
"އަޅުގަނޑު ރޭގައި، ކުރީ ރެއަކު ފުޓުބޯޅަ މެޗެއް ބަލަން އިނީމު ޓީވީން. ފެން ޖަހާ މީހުންނަށް ވުރެ ވެސް މަދު ކުޅި ބަލާން ތިބި މީހުން. އެތާ ނެތީ ކުޅި ބަލާ މީހުން. އެކަކު ވެސް."
- ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް ސަރުކާރުން ދަނި އިންތިހާއަށް ހަރަދު ކުރަމުންކަމަށެވެ. އެހެންކަމުން މިނިސްޓަރު އެ ފާހަގަކުރެއްވި ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތް ބައްލަވަން ހުރިހާ މެމްބަރުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ރީޖަނަލް ޓޭބަލް ޓެނިސްގެ އެމުބާރާތުގައި ރާއްޖެއިން ޓީމެއް ބައިވެރިވާކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ. އަދި އެ ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ދަރިކަލުން ވެސް ހިމެނިވަޑައިގަންނަވާކަމަށް މަހުލޫފު ވިދާޅުވިއެވެ.
ނުޖެހޭ ދާކަށް
މަނިކުފާނު ވެސް ޓީވީން މެޗްތައް ނުބައްލަވާ، ދަނޑަށް ވަޑައިގަންނަވަންވީ ނޫންތޯ