ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ގޯސްތައް އިސްލާހު ކުރުމަށް ގޮވައިލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭ ގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް އިސްލާހުކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

Ads by MWSC

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއެވެ.

ލަތީފް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައްޔާއި ޖުޑީޝަރީ އިސްލާހުކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ކަމަށްބުނެ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ހިއުމަން ރައިޓްސް ވޮޗްއިން ރާއްޖޭގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ނެރެފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ގާއިމުކުރެއްވި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭ އެކަންކަން ތަހުގީގު ކުރުމުގައި ކުރިއެރުމެއް ހޯދިފައި ނުވާ ކަމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވީ ވައުދު، ސަރުކާރުގެ ދައުރުން ހަތަރު އަހަރު ފާއިތުވާން ކައިރިވެފައިވާއިރު އަދި މިހާތަނަށް ފުއްދައިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް އެ ކޮމިޝަން ސިޔާސީ މީހުންނަށް ޖާގަ އޮންނަ ގޮތަށް އޮތުމުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި، ސިޔާސީ ފަރާތްތަކުން ޖިނާއީ އަދުލުގެ ނިޒާމަށް ނުފޫޒު ފޯރުވާކަމުގެ
ތުހުމަތުތަކެއް ވެސް އެ ކޮމިޝަނާ ގުޅިގެން ކުރެވިފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ޞާލިޙު އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި އެއްވެއުޅުމަށް ހުރަސްއެޅޭ ގޮތަށް ހުރި ޤާނޫނުތައް އުވައިލައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް ވެރިކަން ދެބައިވެ ބޮޑުވެގެން ދިޔައިރު އަދިވެސް އެ ޤާނޫނުތައް އުވައިނުލައްވާކަމަށާއި، މުޒާހަރާތަކާއި އިހުތިޖާޖަށް ހުރަސްއެޅުމުގެ ސަބަބެއްގެ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަން ބޭނުންކޮށްފައިވާ ކަމަށެވެ.

އަދި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ޙާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށާއި، ސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށާއި މިކަންކަމަށް ހުރަސްއަޅަނީ ބާރުގަދަ ސިޔާސީ މީހުންނާއި ދީނީ ޖަމާޢަތްތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް ގައުމަކަށްވީއިރު ތިން ބާރު މަސް ހުނިވެ އިންސާފު ގާއިމުނުކުރެވި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓާ ހަވާލާދީ މައްސަލައިގައި ބުނެފައިވެއެވެ.

"ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ރިޕޯޓްގައިވާ މިސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް އިސްލާހުކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅައިފިން" ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މަޖިލީހުގައި މި މައްސަލައަށް ބަހުސްކުރުމަށް ތާއީދު ކުރެއްވީ އަށް މެންބަރުންނެވެ. ބަހުސްކުރުމާ ދެކޮޅަށް 32 ވޯޓު ދެއްވުމުން އެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ ބޭރުކޮށްލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!