ރިޕޯޓް

ނަޒީރާއި އަނީސާ: މަޅިޔާލަމާއި ދިވެހި ގުޅުވައިދޭ ދެ ބަހުގެ ދޫ، ދިވެހީންގެ ޚިދުމަތުގައި 18 އަހަރު

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ޓްރިވެންޑަރަމް، އިންޑިއާ) އަނބިމީހާއި ދެ ދަރިންނާ އެކު "ދެން"ގެ "ފައްސިޔަ" ޓީމުގެ އިންތިޒާރުގައި އިން މުޙައްމަދު ނަޒީރު 49އ.،އާ ބައްދަލުވެ ހާލު ކިހިނެތްތޯ އިނގިރޭސިން ސުވާލުކޮށްލުމުން އޭނާ އެންގީ ދިވެހި ބަހުން ވާހަކަ ދައްކާށެވެ. އެއީ އަހަންނަށް މާބޮޑު ސިހުން ލިބުނުކަމަކަށް ނުވިއެވެ. އެހެނީ އަހަރެން މި ބައްދަލުކުރި މީހާއަކީ އިންޑިއާއަށް އުފަން އިންޑިއާ ރައްޔިތެއް ނަމަވެސް ދިވެހީންގެ ޚިދުމަތުގައި އޭނާ އުޅޭތާ 18އަހަރުވީ އެވެ. ވޭތުވެދިޔަ ދިގު މާޒީގައި އޭނާގެ އާއިލާއަކީ ވެސް ދިވެހީންނެވެ. ވަށައިގެން އޮތީ ދިވެހީންގެ ދިރިއުޅުމާއި ދިވެހި މާހައުލެކެވެ.

Ads by Sosun Fihaara

ނަޒީރަކީ ރާއްޖެއިން އިންޑިއާގެ ޓްރިވެންޑްރަމްއަށް ބޭސްފަރުވާގެ ކަންކަމުގައި އަންނަ ދިވެހިންގެ މަދަދުގާރެވެ. މަޅިޔާލަމާއި ދިވެހި ގުޅުވައިދޭ އެ ދެބަހުގެ ދުލެކެވެ.

ކެމެރާ ނަގާ ސެޓުކޮށްލި އިރު، ކޮފީ ތައްޓަކާއި ކޮކާ ކޯލާތައްޓެއް ހިފައިގެން ނަޒީރުގެ ބިޒްނަސް ޕާޓްނަރު، އޭނާގެ އަނބިމީހާ އަނީސާ އައިސް އަހަރެން ގާތުގައި އަހައިލިއެވެ.

"ކޮއްކޮ ކިހިނެތް ދަތުރު، ވަރަށް ވަރުބަލި ދޯ، ފިނި އެއްޗެއްތަ، ހޫނު އެއްޗެއްތަ ބޭނުމީ"

އަނީސާގެ ދިވެހި ފަރިތަކަމުން އޭނާގެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ.

"ދައްތަ ތީ ދިވެއްސެއްތަ" އަހަރެންގެ ސުވާލަށް ޖަވާބު ދިނީ ފިރިމީހާ ނަޒީރެވެ.

"ނޫނޭ، އަންހެނުން ވެސް އިންޑިއާ. އަހަރެމެން އިންޑިއާގައި އުޅުނަސް އުޅެނީ ހުސް ދިވެހިންނާ އެކީ. އެގޮތަށް އުޅޭތާ މިހާރު 18 ވަރަކަށް އަހަރު ވަނީ"

ކޯކު ތަށިން ފޮދުވަރެއް ބޯލުމަށް ފަހު، ކެމެރާ އޭންގަލް ރަނގަޅު ކޮށްލައި ނަޒީރުގެ ހަޔާތުގެ ޞަފްހާތަކަށް ނިއުޅައިލަން ފެށީމެވެ.

މިއީ ރައްޓެއްސެއްގެ ޚިޔާލެއް

ނަޒީރުގެ ޞަފްޙާތައް އުކައިލަން ޖެހެނީ 2000ވަނަ އަހަރަށެވެ. ރަނގަޅު ވިޔަފާރިއެއް ކުރުމަށް ކުރި އަޒުމާއެކު، ނަޒީރު ކަޅި އޭރު ހުރީ ރާއްޖެއަށެވެ. ހިތްހެޔޮ ބަޔަކު ދިރިއުޅޭ ކަމަށް ނަޒީރުއަށް އަޑު އިވިފައި އޮތް ރާއްޖެއަށް ނަޒީރު އައީ 2001ވަނަ އަހަރުގައެވެ. އޭރު އޭނާގެ އުމުރުން 30 އަހަރެވެ.

ނަޒީރު ރާއްޖެ އައިސް އިނީ ތަރުކާރީ ވިއްކާ ފިހާރައެއްގައެވެ. އޭނާ ބުނާ ގޮތުން، އެއީ އޮލިމްޕަސް ކައިރިން ދެކުނަށް އޮންނަ ގޯޅިގަނޑުގައި ހުންނަ ކުޑަކުޑަ ފިހާރައެވެ. ދިވެއްސެއްގެ ނަމުގައި ފިހާރަ އޮތަަކަސް، ފިހާރަ ހިންގަނީ ނަޒީރެވެ. ޓްރިވެންޑްރަމްއިން ތަރުކާރު ގެނެސްގެން ވިއްކަމުން ދިޔައިރު، ނަޒީރަށް ފިހާރައިން ބޮޑު މަންފާއެއް ދިޔައީ ލިބެމުންނެވެ. ނަމަވެސް ދިވެއްސެއްގެ ނަމުގައި ވިޔަފާރި ހިންގަން ޖެހުމާ އެކު ވޯކް ވިސާގައި ވިޔަފާރި ނުކުރެވޭތީ، އޭނާ ނިންމީ އަނބުރާ އިންޑިއާއަށް ދާށެވެ. ވިޔަފާރި ކުރަން ކިތަންމެ ޝައުގެއް ހުއްޓަސް، ރާއްޖޭގައި އުޅެން ކިތަންމެ ބޭނުން ވިޔަސް ޤަވާއިދާ ޚިލާފަށް އުޅޭކަށް ނަޒީރު ބޭނުމެއް ނުވިއެވެ.

ރާއްޖޭގައި ހަތަރު އަހަރު އުޅުމަށް ފަހު، ހިތް ރާއްޖޭގައި ބާއްވާފައި ނަޒީރު ދިޔައީ އިންޑިއާއަށެވެ. އަލުން އިންޑިއާއަށް ދިރިއުޅުން ބަދަލު ކުރިއިރު، ނަޒީރުގެ މާ ބޮޑު ޕްލޭނެއް ނެތެވެ. ދެން ކުރާނީ ކީއްތޯ، އަދާ ކުރާނީ ކޮން ވަޒީފާއެއްތޯ ވިސްނައިފައެއް ނެތެވެ.

އިންޑިއާއަށް ގޮސް ދެތިން މަސް ވަންދެން ނަޒީރު ހުރީ މަސައްކަތެއް ނުލިބިފައެވެ. އެ ހިސާބުން އޭނާގެ ލޮލުގައި އަޅައިގަތީ އިންޑިއާއަށް ބޭސްފަރުވާއަށް އަންނަ ދިވެހިންނެވެ. އެ މީހުން އުފުލަމުން އައި ބުރައެވެ.

ރާއްޖޭގައި އުޅުނު ދުވަސްވަރު ކަސްޓަމަރުންނާ މުއާމަލާތްކުރަން ނަޒީރު ވަނީ ދިވެހި ބަސް ދަސްކޮށްފައެވެ. މިއަދު ނަޒީރުގެ ދިވެހި ފެން ފަދައެވެ. ދިވެހި ބަހާއި މަލަޔާލަމް ބަހާއި އިނގިރޭސި ވެސް އެނގޭތީ، ދިވެހިންނަށް އެހީވުމަށް ނަޒީރު ނިންމިއެވެ. އެހެން ނަމަވެސް އެކަން ކުރާނެ ގޮތެއް ނަޒީރަކަށް ނުވިސްނުނެވެ. އެ ވަގުތު ނަޒީރަށް މަގު ދައްކައިދިނީ އޭނާގެ އެކުވެރިއެކެވެ. ނަޒީރު ބުނާ ގޮތުން، އޭނާ ނަޒީރުގެ އާއިލާ ފަދައެވެ. ކްލައިންޓުން ހޯދާނެ ގޮތާއި، މަސައްކަތްތައް ކުރާނެ ގޮތް ނަޒީރަށް ކިޔައި ދިނީ އޭނާއެވެ. މެޑިކަލް ފޮތްތައް ކިޔައި، މެޑިކަލް ދާއިރާއަށް އޭނާގެ ސިކުނޑި ހެޔޮވަރު ކުރަން ފެށީ އެހައި ހިސާބުންނެވެ. ދިވެހިން ބޭސްވެރިކަމުގެ އާރުކާޓީއަކަށްވުމަށް ކުރި މަސައްކަތަށް މިއަދު ފަނަރަ އަހަރުވެފައިވާއިރު، ފުރަތަމަ ކްލައިންޓުގެ ހަނދާންތައް ނަޒީރު އަދިވެސް އެބަހުއްޓެވެ.

އެއް ކޮޓަރި ކުއްޔަށް ނަގައިގެން ފެށި މަސައްކަތް 15 ކޮޓަރިއަށް

"ފުރަތަމަ ނެގީ އެއް ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް، ނަގައިފައި އެތަނުގައި މީހުން ބައިތިއްބައިގެން މަސައްކަތް ކުރިޔަށް ގެންދިޔައީ. ދެން އެއްކަލަ ރަޙްމަތްތެރިޔާ ބުނީ ނަޒީރުއޭ، ތިކަން މާ ރަނގަޅުވާނޭ، ތަނެއް ގަނެގެން ކުރިއްޔާ" ވިޔަފާރި ކުރިއަރައިގެން ދިޔަ ގޮތް ހިއްސާ ކުރަމުން ނަޒީރު ކިޔައިދިނެވެ.

ކޮވިޑް-19 ބަލިމަޑުކަން އައިއިރު، ނަޒީރު ދިޔައީ 15 ކޮޓަރި އޮޕަރޭޓް ކުރަމުންނެވެ. ދިވެހިން ބައިތިއްބަން 4 ކޮޓަރީގެ އެޕާޓްމެންޓެއް ގަނެފައިވާއިރު، ކުއްޔަށް ނަގައިގެން ވެސް އިތުރު ކޮޓަރިތައް އޮޕަރޭޓް ކުރެއެވެ. އެއް ކޮޓަރިން ފެށި މަސައްކަތް 15 ކޮޓަރިއަށް ކުރިއަރައިގެން ދިޔަ ގޮތް ނަޒީރު ހިއްސާ ކުރީ ނިކަން ފަޚުރުވެރި ކަމާއެކުގައެވެ.

"މައުތު ޓު މައުތު މާކެޓިންގ މި ޖައްސަނީ. މި ބުނީ މާކެޓް ކުރަން އެއްވެސް ކަމެއް/ޚަރަދެއް ނުކުރަމޭ. ނަޒީރުގެ އާއިލާ ކައިރީ އުޅެފައި ދާ މީހުން އަންނާނެ ދެވަނަ ފަހަރަށް، ތިންވަނަ ފަހަރަށް. އެ މީހުންގެ ރައްޓެހިން ވެސް އަންނާނެ." ނަޒީރު ކިޔައިދިނެވެ.

ނަޒީރު ކިޔައދިން ގޮތުގައި، ނަޒީރުގެ އާއިލާއާއި ދިވެހިންނާ އޮންނަނީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެވެ.

"ދަރިންނަށް ވެސް އެއްޗެހި ފޮނުވާނެ. ކޮންމެ ރޯދަ މަހަކާ ދިމާކޮށް، އީދަކާ ދިމާކޮށް ހަދިޔާ ފޮނުވާނެ." ނަޒީރުގެ ކްލައިންޓެއް ފޮނުވައިފައި ހުރި ފަތް ޑަބިޔަލަކަށް އިނގިލި ދިއްކޮށްލަމުން ދިވެހީންގެ ހަދިޔާ ދައްކައިލިއެވެ.

ލައިފް އަދި ބިޒްނަސް ޕާޓްނަރަކަށް އަނބިމީހާ އަނީސާ

ނަޒީރުގެ ބިޒްނަސް ޕާޓްނަރަކީ އޭނާގެ ލައިފް ޕާޓްނަރެވެ. ނަޒީރު އަދި އަނީސާގެ، 47އ.، ކައިވެންޏަށް 28 އަަހަރު ވެފައިވާއިރު، މިއަދު ދެ މީހުންގެ ގުޅުން އިހުނެކޭ އެއްގޮތެވެ. އަނީސާ ބުނާ ގޮތުން ނަމަ އިހުނަށް ވުރެ ވެސް ރަނގަޅެވެ. ދޮށީ ދަރިފުޅު، މުޙައްމަދު އަނަސްއަށް މިއަހަރު 24 އަހަރު ފުރޭއިރު، ހަގު ދަރިފުޅު އާމިނަތު ބިޝާރާއަށް މިއަހަރު 18 އަހަރު ފުރޭނެއެވެ.

ނަޒީރާއި އޭނާގެ އަނބިމީހާ އަނީސާ..ދެން އިމޭޖްސް/ޒައީމް

އަނީސާ މިކަމުގެ ތެރެއަށް ވަދެގެން އައި ގޮތް "ދެން"ގެ ޓީމާ ހިއްސާ ކުރަމުން ބުނެފައި ވަނީ އެކަން ކުރަން ފެށީ ފިރިމީހާއަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

"ފުރަތަމަ ރާއްޖޭ މީހާ އައިއިރު އަހަރެން ބަޝީރާ (ހަގު ދަރިފުޅު)އަށް ބަނޑުބޮޑު، އިނީ. އޭރު އަހަންނަށް ދިވެއްސެއް ނޭނގޭ. ދިވެހިންނާ އެކީ އުޅޭއިރު، ވާހަކަ ދައްކަން ބޭނުންވާތީ ދިވެހި ދަސްކުރީ." އަނީސާ ކިޔައިދިނެވެ.

އިންޑިއާގެ މަންމައަކާއި ބައްޕައަކަށް އުފަން ނަމަވެސް އެއީ ދިވެއްސެކެވެ. ސިފައާއި ބަހުރުވަ ވެސް މެއެވެ. އެއާ އެކީ މިޒާޖެވެ. ދިވެހި ކެއުންތަކަކީ ވެސް އޭނާއަށް ފަރިތަ ކެއުންތަކެކެވެ.

"އަހަންނަށް ވެވޭ ވަރަކުން އެހީވާން ބޭނުންވީ، ފުރަތަމަ ދަސްކުރީ ބަސް، ދެން އަންނަ މީހުން ކައިރިން ބުނެގެން ކައްކަން ދަސްކުރީ" ނަޒީރުއާއި އަނީސާ އުޅެމުން އަންނަ ދިވެހި ދިރިއުޅުން ކިޔައިދެމުން އަނީސާ ބުންޏެވެ.

ދަރިން ވެސް ދިވެއްސަށް ފައްކާ

ނަޒީރުއާއި އަނީސާ އުޅެމުން އަންނަނީ ވަރަށް ދިވެހި ދިރިއުޅުމެކެވެ. ޓީވީން ބަލަނީ ދިވެހި ޗެނަލްތަކެވެ. ގޭގައި މަޑު ރާގަކަށް ޖަހާފައި ހުރީ ދިވެހި ލަވައެކެވެ. ސުފުރާމަތީގައި ގަރުދިޔަ ތައްޓެއް ވެސް ހުއްޓެވެ. ވަރަށް ވެސް ދިވެހިވަންތައެވެ.

މިކަން މިހެން އޮތުމުން، ހިތުގައި ސުވާލެއް އުފެދުނެވެ. ނަޒީރުގެ ދަރިން ވާހަކަ ދައްކާނީ ކިހިނެތްތޯއެވެ. މި ސުވާލުކޮށްލުމުން، ނަޒީރު ގޮވައިލީ، ކޮޓަރީގައި ތިބި ދެ ކުދިންނަށެވެ.

ފުރަތަމަ ކޮޓަރިން ނިކުތީ ދޮށީ ދަރިފުޅު އަނަސްއެވެ. އަނަސް ކުރެން އެހީ ދިރިއުޅުމަށް އައި ބަދަލާ ބެހޭ ގޮތުންނެވެ.

ޑިގްރީއަށް މިހާރު ކިޔަމުން އަންނަ އަނަސް ބުނެފައި ވަނީ، އޭނާގެ އުމުރުން 7 އަހަރުގައި ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް އައި ކަމަށެވެ.

"އުމުރުން 7 އަހަރު ވަންދެން އުޅެމުން އައީ އިންޑިއާ ގޮތަށް، އޭގެ ފަހުން ދިވެހި ކަލްޗަރުގެ ތެރެއަށް ވަދެވުނީ" އަހަރެން ކުރި ސުވާލަށް އިނގިރޭސިން ޖަވާބު ދެމުން އަނަސް ބުންޏެވެ.

އެ ވަގުތު ބަޝީރާ ކޮޓަރިން ނިކުމެގެން އޮވެ އާދެއެވެ. ހަމަ މި ސުވާލު ބަޝީރާއާ އަހަރެން ތަކުރާރުކޮށްލީމެވެ.

"ކުޑައިރުއްސުރެ އުޅެމުން މި އައީ ދިވެހިންނާ އެކު، ދިވެހިންނަކީ ވަރަށް ޑިސިޕްލިން ރަނގަޅު ބައެއް" ވިހޭ ދުވަހުން ފެށިގެން ދިވެހިންނާ އެކު އުޅެމުން އައި ބަޝީރާގެ ތަޖުރިބާ ހިއްސާކޮށްލިއެވެ.

ބަޝީރާ އަދި އަނަސްއަށް ވެސް ދިވެހިން ވާހަކަ ދައްކަން އެނގެއެވެ. އިނގެރޭސި ބަހުން ޖަވާބު ދިން ނަމަވެސް ދިވެއްސަށް ވެސް ފަރިތައެވެ.

ޓްރިވެންޑްރަމްއަށް ނުފޮނުވާތީ ނަޒީރުގެ ޝަކުވާ

ނަޒީރު ކިޔައިދިން ގޮތުގައި އޭނާގެ ދަރިންނަށް މިއަދު ރަނގަޅު ތައުލީމެއް ފޯރުކޮށްދެމުން ގެންދެވެނީ ދިވެހިންގެ ސަބަބުންނެވެ. ކޮވިޑް-19 ހާލަތާ އެކު، އިންޑިއާގެ ބޯޑަރު ބަންދު ކުރުމުން އެކަމުގެ އިޙްސާސް ވަރަށް ރަނގަޅަށް ކުރެވުނު ކަމަށް އޭނާ ކިޔައިދިނެވެ.

"ކޮވިޑް-19އާ އެކު ބޯޑަރު ބަންދު ކުރުމުން އުޅެން ޖެހުނީ ސޭވްކޮށްފައި ހުރި ފައިސާއިން. އަހަރެމެން މަސައްކަތްކުރަނީ މާ ބޮޑު ފައިދާއެއް ނުލާ. އަމިއްލަ ޓެކްސީއަކާއި ގެއެއް ހުންނާތީ، އާއްމު ރޭޓްތައް ނަގަނީ ވެސް. ޓެކްސީ ކޮށްގެންނާއި، ގެ ކުއްޔަށް ދީގެން އަސްލު ފައިދާ ވަނީ. ބޭސް ފަރުވާއަށް މީހުންނާ އެކު ގޮސް ނަގަނީ ވަރަށް ކުޑަ ފައިސާ ކޮޅެއް" ނަޒީރު ކިޔައިދިނެވެ.

ނަޒީރު ބުނެފައި ވަނީ، ކޮވިޑް-19 ލުއިތައް ދިން ފަހުން ވެސް ޓްރިވެންޑްރަމަށް ފޮނުވާ ދިވެހިންގެ އަދަދު މަދު ކަމަށެވެ. އާސަންދައިން ފޮނުވަނީ ބެންގަލޫރު، ކޮޗިންއަށް ކަމަށް ބުނެ، އެކަމާ ނަޒީރު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

"ޓްރިވެންޑްރަމަކީ މިހާރު ދިވެހިންގެ ސަހަރެއް. މިތަނުގައި ކުޑަ ސަރަހައްދަކުން ދިވެހިން ބޭނުންވާ ހުރިހައި ޚިދުމަތެއް އެބަ ލިބޭ. ބެންގަލޫރުހައި އަގު ބޮޑެއް ވެސް ނޫން، އެއްތަނުން އަނެއް ތަނަށް ދާން އެހައި ބޮޑު ޚަރަދެއް ވެސް ކުރަން ނުޖެހޭ"

ނަޒީރު ބުނީ ޓްރިވެންޑްރަމަށް ފޮނުވައިގެން ބޭސް ފަރުވާ ހޯދަން ދިވެހިންނަށް އެތައް ގުނައެއް ފަސޭހަވާނެ ކަމަށެވެ. އަދި ޓްރެވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލަކީ ޚިދުމަތްތައް ރަނގަޅު ތަނެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ނަޒީރަކީ ޓްރިވެންޑްރަމްގައި ދިވެހިންގެ ބައްޕައެވެ. ހަމަގައިމު ވެސް ނަޒީރުގެ ކްލައިންޓުން ނަޒީރު ސިފަ ކުރަނީ އެހެންނެވެ.

"އެއީ އަހަރެންގެ ބައްޕައެއް ފަދަ މީހެއް. އެ މީހާއާ ބައްދަލު ނުވި ނަމަ އަތުން ވަރަށް ގިނަ ޚަރަދު ދިޔައީސް. ދުވަހަކު ވެސް އެ ޚިދުމަތްތައް ހަނދާނުން ނުފިލާނެ" އުމުރުން 9 އަހަރުގެ ދަރިފުޅު ގޮވައިގެން ކިމްސް ހޮސްޕިޓަލަށް އައި ލ. ފޮނަދޫ މީހަކު ނަޒީރު ސިފަކުރީ މިހެންނެވެ.

ނަޒީރުގެ ހިތުގައި ދައްކަން އޮތް ވާހަކަ ބައިވަރެވެ. ހަވާސާ ތެރެއިންނާއި ބޭރުން ވެސް އޭނާ ދައްކަން ބޭނުން ، ޝައުޤުވެރި އެތައް ވާހަކަތަކެއް ހުއްޓެވެ. ނަމަވެސް އެ ވާހަކަތަކަށް ހުރަހެއް އަޅައިލައި ވާހަކަ ކުރުކޮށްލަން މަޖުބޫރުކުރީ އަތުކުރީގައި އޮތް ގަޑި ފެނުމުންނެވެ. ރޭގަނޑު 10 ޖަހާއިރު ނިދާ ޓްރިވެންޑްރަމް ސިޓީގައި ހުންނަ "ދިވެހީންގެ ގެއިން" އަހަރެމެން ނިކުތީ ފަހުން އަދި އަނގަތަޅައިލުމުގެ އުއްމީދުގައެވެ.

ނަޒީރުގެ ވައިބާ ނަންބަރު 919846109150+

Ads by Ooredoo
  1. ނަޒީރު އާ ގުޅޭނަންބަރެއް ބޭނުންވޭ. އެނގޭނަމަ 9511193 އަށް މެސެޖް ކޮއްލަދެއްވުން އެދެން

  2. އައްޔު

    ތީހަމަަ ދިވެހީންގެެ ބައްޕަަ

  3. ދާހިލް

    ޑޮކްޓަރު ކޮޓަރިޔަށް ބަލިމީހާ އާއި އެކު ވަންނަން ޖެހޭނީ ،ދިވެހި އެހީތެރިއާއި އެކު. ވަރަށް ވާހަކަ މޮޅު.. ތިހާ ވާހަކަ ގިނަ ނުވާނެ ރަނގަޅު ނަމަ. ބައްޔާއި ބެހޭ ހުރިހާ މައުލޫމާތު ޓްރާންސްލޭޓް ކުރާ މިހާއަށް އިނގެން ނުޖެހޭ. ޑޮކްޓަރު ބުނާ އެއްޗެއް ބުނި ގޮތަށް ދިވެހިން ކިަޔައިދިނީމައި ނިމުނީ.

    • މީނަޔަކީ ވރ މަކަރުހަދާމީހެއް

  4. ިީނާ

    ނަޒީރު އާ ގުޅޭނެ ނަންބަރުބޭނުން

  5. ޞައްދާމު

    ގުޅޭނެ ނަންބަރ ނޫހުގަ ޖަހަލިނަމަ!؟