"އިންޑިއާ އައުޓް"އަށް ހިތްވަރުދިންކަމަށް ބުނެ ޒަމްޒަމް ސަސްޕެންޑްކޮށްފި

އިންޑިއާގެ މިލިޓަރީ ބޭރުކުރުމަށް ގޮވައިލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގަމުން އަންނަ "އިންޑިއާ އައުޓް"ކެންޕެއިނަށް ހިތްވަރުދިން ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ މުދައްރިސް ޝައިޚް ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
ޒަމްޒަމް ސަސްޕެންޑްކޮށްފައި ވަނީ މިއަދުއެވެ. އެކަން އަންގަވައި އެޑިޔުކޭޝަން މިނިސްޓްރީން ފޮނުއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ އައުޓް ކެންޕެއިނަށް ހިތްވަރުދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިމެންދެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު އެއްމަސް ތެރޭގައި ނިންމާނެކަމަށް ވެސް އެޑިޔުކޭޝަނުން ވިދާޅުވެފައި ވެއެވެ.
https://twitter.com/zamzamfarish/status/1517217352449806336?s=21&t=lym6vFl3LsXIBkPVYO5iwQ
ޒަމްޒަމް ވަނީ މިކަން ހިއްސާކޮށް އޭނާއާ މެދު ފިޔަވަޅު އެޅުމަށް ނިންމި ޓްވީޓް ވެސް އާންމުކޮށްފައެވެ. އެ ޓްވީޓްގައި ބުނެފައި ވަނީ "ދިވެހިރާއްޖޭގެ އަސާސްކަމުގައިވާ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓް ނެރެ މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް ،ޤާނޫނާ ޚިލާފަށް މި ގައުމަށް އަރައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލަން ދަމައިލި ފޮތިކޮޅަކާ ހެދި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނޭ"ކަމަށެވެ.







ކޮމެންޓް