ދީނީކަންކަމަށް ޚާއްސަ ޑިޖިޓަލް ސްޓޫޑިއޯއެއް އިލްމުން ހަދަނީ
ލާމު އިލުމިނޭޓް މޫވްމެންޓް (އިލްމް) ޖަމިއްޔާއިން ދީނީކަންކަމަށް ޚާއްސަ ޑިޖިޓަލް ސުޓޫޑިއޯއެއް ލ.ފޮނަދޫގައި ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އިލްމު ޖަމިއްޔާއިން ވިދާޅުވީ، މި ޑިޖިޓަލް ސްޓޫޑިއޯ ވެގެންދާނީ ދީނީ އަދި އިޖުތިމާއީ ކަންކަން ކުރުމަށް ޚާއްސަ ތަނަކަށް ކަމަށެވެ. އަދި ސްޓޫޑިއޯއިން ވީޑިޔޯ އަދި އޯޑިޔޯ ޕުރޮގުރާމްތައް ހެދުމާއި ލައިވް ޕްރޮގުރާމްތައް ހެދުމުގެ މަސައްކަތް ކުރެވޭނެކަމަށް އިލްމް ޖަމިއްޔާއިން ވިދާޅުވިއެވެ. މީގެ އިތުރުން އެހެން ފަރާތްތަކުން ހިންގާ ދީނީ އަދި އިޖުތިމާޢީ އެކި ހަރާކަތްތަކަށް ސުޓޫޑިޔޯގެ އެހީ އެހީތެރިކަން ލިބޭނެކަމަށް އެ ފަރާތުން ވިދާޅުވިއެވެ.
މި ވަގުތު އެ އިމާރާތުގެ ގިނަ މަސައްކަތެއް ނިމިފައިވާ ކަމަށް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
ޒަމާނީ ފެންވަރެއްގައި ހެދުމަށް މަސައްކަތްކުރަމުންދާ މި ސުޓޫޑިއޯގެ ކަންކަން ކުރެވިގެންދަނީ އާންމު އެތައް ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކުކަން ޖަމިއްޔާއިން ފާހަގަ ކުރެއެވެ. އަދި ޖަމިއްޔާއިން އުއްމީދުކުރަނީ މި ހަރަކާތްތަކަށް އާންމުންގެ އިތުރު އެހީތެރިކަން ލިބި، މި މަސައްކަތް ވީހައި ވެސް އަވަހަށް ނިންމައިލުމެވެ.
ސުޓޫޑިއޯގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:
777-00000-25357 (އިލްމް) (ދިވެހިރުފިޔާ އެކައުންޓް)
777-00000-25358 (އިލްމް) (ޑޮލަރ އެކައުންޓް)
އިލްމް ޖަމިއްޔާއަކީ ދީނީކަންކަން ކުރިއެރުވުމަށާއި މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕްރޮގުރާމްތައް ހިންގަމުންދާ ޖަމިއްޔާއެކެވެ. އިލްމުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އެކި މީސްމީޑިއާގެ މަންސަތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން އިލްމުގެ ވެބްސައިޓްގެ އިތުރުން އިންސްޓަރގުރާމް، ޓިކްޓޮކް، ޓެލެގްރާމް، ވައިބަރ ކޮމިއުނިޓީގައި ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.