ޚަބަރު

ފާތިޙްއާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތައް ފުލުހުން ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، ލ.ގަން ތުނޑި/ ދުންފިނިއުފާ، އަހްމަދު ފާތިހު، ފުލުހުންގެ ވަޒީފާއިން ވަކިވި ތާރީޚާ މެދު ސުވާލު އުފައްދަވައި ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ފުލުހުން ދޮގު ކުރައްވައިފިއެވެ.

Ads by Hajj Corporation

ފާތިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމަވައިފައި ވަނީ އެކަށީގެންވާ ވަރަށް އެ ވަގުތު ހެކި ނެތް ކަމަށް ވިދާޅުވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ތަޙްޤީޤް ކުރިޔަށްދާނެ ކަމަށް އޭރު، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.

ފާތިޙްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާ އެކު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އޭރު ވެސް ވަނީ ފާޑު ކިޔައިފައެވެ. އަދި ދާދި ފަހުން، ރައީސް ނަޝީދު ގެންގުޅުއްވާ އެ މަނިކުފާނުގެ ފޭކް އެކައުންޓުން ކުރި ޓްވީޓެއްގައި ތުހުމަތު ކުރެއްވީ އެމަނިކުފާނަށް ހަމަލާ ދިންއިރު ވެސް ފާތިޙް ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށެވެ. ފުލުހުން މިރޭ ނެރުއްވި ބަޔާނުގައި މި ތުހުމަތުތައް ދޮގު ކުރެއްވިއެވެ.

މިގޮތުން ވިދާޅުވީ، ފާތިޙް ފުލުހުންގެ ޚިދުމަތާ ގުޅިފައި ވަނީ 2018ވަނަ އަހަރު ނޮވެންބަރު 25ގައި ކަމަށާއި 2021 ފެބްރުއަރީ 3ވަނަ ދުވަހު ފާތިޙް އަމިއްލައަށް އެދިގެން ޚިދުމަތުން ވަކިވެފައިވާ ކަމަށެވެ. އަދި އޭނާއަކީ ހަމަލާދެވުނުއިރު ފުލުހުންގެ ޚިދުމަތުގައި ނޫޅޭ މީހެއް ކަމަށް ތަޙްޤީޤީ ހުރިހައި މަރުހަލާއަކުންނާއި މީޑިއާތަކަށް ވެސް ހާމަކޮށްފައިވާކަން ފުލުހުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ފާތިހު ހައްޔަރުކޮށް ތަހުގީގުކޮށް ނިންމުމަށް ފަހު އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފާތިހުގެ މައްޗަށް ދައުވާކުރެވޭނެ މިންވަރަށް އެކަށީގެންވާ ހެކި ނެތްކަމަށް ނިންމެވީ ޕީޖީ އޮފީހުންކަން ވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!