ދުނިޔެ

ލަންކާގެ ބޮޑުވަޒީރުކަމަށް ރަނިލް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާގެ ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވައިފިއެވެ.

Ads by WAMCO

ރަނިލް ވަނީ ރައީސް ގޮތަބަޔާގެ ކުރިމަތީގައި ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވައިފައެވެ. ސްރީލަންކާއަށް އިގްތިޞާދީ ކާރިސާއަކާ ކުރިމަތިވެ ރައްޔިތުން މަގުތަކަށް ނިކުމެ ހަޅުތާލުކޮށް ތަންތަނުގައި ރޯކޮށް އުފެދުނު ހައިޖާނުގައި ސަރުކާރަށް ޕްރެޝަރ ބޮޑުވުމުން އިދިކޮޅުގެ ޑިމާންޑްތަކަށް އިޖާބަދޭން ރައީސް ގޮތަބަޔާއަށް ވަނީ މަޖުބޫރުވެފައެވެ. އިދިކޮޅުގެ ޑިމާންޑެއްގެ ގޮތުން ބޮޑުވަޒީރު މަހިންދަ ރާޖަޕްކަސް މަގާމުން އިސްތިއުފާ ދެއްވީ އެކަމަށް ރައީސް ގޮތަބަޔާ އެދިވަޑައިގަތުމުންނެވެ.

ރަނިލް ވަނީ މީގެ ކުރިން ސްރީލަންކާގެ ބޮޑު ވަޒީރުކަން ފަސް ފަހަރެއްގެ މަތިން ކުރައްވައިފައެވެ.

ބޮޑު ވަޒީރުގެ މަގާމަށް އެންމެ ފުރަތަމަ އޭނާ އައްޔަން ކުރެއްވީ ރައީސް ރަނާސިންހަ ޕްރެމަދާސާ އަވަހާރަ ވުމުން، 1993 – 1994 އަށެވެ. އޭގެ ފަހުން 2001އިން 200 އަށް ރައީސް ޗަންދްރިކާ ބަންޑާރަނަޔަކޭގެ ވެރިކަމުގައި ޔުނައިޓެޑް ނޭޝަނަލް ފްރަންޓް ސަރުކާރު ލީޑް ކުރުމަށް ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންނެވިއެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް މައިތުރިޕަލާ ސިރިސޭނާ އިންތިހާބުވުމާ ގުޅިގެން ކޯލިޝަން ސަރުކާރުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ ވެސް ރަނިލްއެވެ. ނަމަވެސް 2018ވަނަ އަހަރު ސިރިސޭނާ ވަނީ ބޮޑު ވަޒީރު ކަމުން، ރަނިލް ދުރުކޮށް ޤާނޫނު ހަދާ މަޖިލީސް އުވައިލައިފައެވެ. އެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ސްޕްރީމް ކޯޓުން ނިންމުމުން އަނެއްކާ ވެސް ބޮޑު ވަޒީރު ކަން ރަނިލްއަށް ލިބުނެވެ.

އެ ފަހަރު އޭނާގެ ޕާޓީ ޔޫއެންޕީގެ ރިޔާސީ ކެނޑިޑޭޓް ބަލިވުމުން 2019ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި އިރު އޭނާ ނިސްބަތްވާ ޕާޓީއަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. އެ ގޮނޑި ފުރުއްވަމުން ގެންދަވަނީ ރަނިލްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!