ޚަބަރު

އެކްސްޕޯގައި ބައިވެރިވުމަށް ރާއްޖޭގެ ވަފުދު އަބޫދާބީއަށް ފުރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިމަހުގެ 30އިން 2 ޖޫން 2022ގެ ނިޔަލަށް ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ކުރިއަށްދާ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވަފުދު އަބޫދާބީއަށް ފުރައިފިއެވެ.

Ads by STELCO

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯއަކީ ކޮވިޑް-19 ޕެންޑެމިކަށް ފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެވެ. ވޯލްޑްޝެފްސް ކޮންގްރެސްގެ ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ޚިޔާލު ބަދަލުކޮށް، އެކަކު އަނެކެއްގެ ފަރާތުން އައު ކަންކަން އުނގެނުމުގެ އިތުރުން އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމެވެ.

ދިވެހިރާއްޖެ ތަމްސީލުކުރާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޑެލެގޭޝަންގައި ހިމެނެނީ އެ ޖަމިއްޔާގެ ރައީސާ މަރިޔަމް ނޫރައްދީނާއި، އެކްސްކޯގެ ހުރިހާ މެމްބަރުންންގެ އިތުރުން 24 ޝެފުންނާއި 8 ޒުވާން ޝެފުންނެވެ.

ވޯލްޑްޝެފްސް ކޮންގްރެސްގެ ހަވާސާގައި ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ދިވެހި ޝެފުންގެ ޑެލެގޭޓުގެ ފަރާތުން ބައިވެރިވާނެއެވެ. އޭގެ ތެރެއިން، ކެއްކުމުގެ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވާ ޝެފުން ތަމްރީނުކުރުމަށް ބާއްވާ "ކޮމްޕެޓިޝަން ސެމިނަރ"ގައި ރާއްޖޭގެ ބައެއް ޝެފުން ބައިވެރިވާނެއެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ، މި ދާއިރާގެ މާހިރުންގެ ކީނޯޓް އެޑްރެސްތަކާއި، ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓަރސް ފޯރަމްއާއި، އެކި ފަންނުތަކުން ޝެފުން "ވޯލްޑްސް ބެސްޓް ޝެފްސް"ގެ ލަގަބަށް ވާދަކުރާ "ގްލޯބަލް ޝެފްސް ޗެލެންޖް"އާއި، ވޯލްޑްޝެފްސް އެކްސްޕޯގެ އިތުރުން، 25 އަހަރުން ދަށުގެ ޝެފުންނަށް ޚާއްސަކޮށްގެން ބާއްވާ "ބިލީ ގެލެގަރ ޔަންގް ޝެފްސް ފޯރަމް" ވެސް އޮންނާނެއެވެ.

ޑެލެގޭޝަންގައި ހިމެނޭ 8 ޒުވާން ޝެފުންގެ ތެރެއިން 6 ޝެފުންގެ ދަތުރުގެ އިތުރުން ވޯލްޑްޝެފްސް ކޮންގްރެސްގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައި ވަނީ ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް)ގެ ފަރާތުންނެވެ. ބީބީއެމްއަކީ ކަލިނަރީ ދާއިރާއަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ރިސޯޓުތަކަށާއި އެހެނިހެން މާކެޓުތަކަށް ވެސް ސަޕްލައިކުރުމުގެ އިތުރުން، ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ދިވެހިރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މާސްޓަރކްލާސްތަކާއި ޓްރެއިނިންގް ފުރުސަތުތައް ވެސް ޒުވާން ޝެފުންނަށް ފަހިކޮށްދެމުން އަންނަ ކުންފުންޏެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!