ޚަބަރު ރައްޔިތުންގެ މަޖިލިސް

ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން ހުއްޓައިލާން ޖެހޭ: ސަލީމް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ހުއްޓައިލާން ޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕާޓީތަކަށް އޮޅުވައިލައިގެން މީހުން ވައްދާތީ މިއަދުގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ޕާޓީތަކަށް ވެއްދުމަށް ހުށައަޅާ ފޯމުތަކުގެ 50 އިންސައްތައަކީ ސައްހަ ނޫން ފޯމުތައްކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެ މައްސަލަ އެހާ ބޮޑުވެފައި ވަނީ ޤާނޫނުން ލާޒިމްކުރާ ފިންގަރޕްރިންޓު ކަށަވަރު ނުކުރެވޭތީކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އެކަން ކުރުމުގެ ޤާބިލްކަން ލިބިފައި ނުވާކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ޕާޓީތަކަށް މީހުން ވެއްދުމުގެ އޮތީ ދެ މަޤުސަދެއް ކަމަށާއި އެއީ ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ އަދަދަށް މީހުން ހަމަކުރުމާއި ދައުލަތުން ދޭ ފައިސާ ހޯދުމަށް 10000 މެމްބަރުންނަށް ވުރެ އަދަދު އިތުރު ކުރުން ކަމަށެވެ.

އަދި ޕާޓީތަކަށް ފައިސާ ދެނީ ޑިމޮކްރަސީ ވަރުގަދ ކުރަން ކަމަށްވާ އިރު، ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން ފައިސާ ލިބެނީ އެންމެ 4 ޕާޓީއަށް ކަމަށާއި އަނެއް 7 ޕާޓީއަށް ފައިސާ ނުލިބެނީ ފޯމިއުލާ އޮންނަ ގޮތުން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ޕާޓީތަކަށް ފައިސާ ދިނުން ހުއްޓައިލުމާ ގުޅޭ ޤަވާއިދެއް ހުށައެޅުމަށް އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީން (އެމް.އެން.ޕީ) ތައްޔާރު ވަމުންދާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މިކަން ހުއްޓައިލުމަކީ އެ ޕާޓީން ވަރަށް ގަދަޔަށް ވަކާލާތު ކުރަމުންދާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!