ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ: ދައުލަތުން އެދުނު ހެކި ސިއްރު ކޮށްދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް، މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފަރާތުން ހުށަހެޅި ބައެއް ހެކިތައް ބޭރުކޮށްލައި، ދައުލަތުން ހުށަހެޅި ބައެއް ހެކި ސިއްރު ކޮށްދީފިއެވެ.

Ads by STELCO

ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދައުވާކޮށް މިހާރު މައްސަލަ ބަލަމުން ދަނީ މުޖާޒް އަހްމަދު މއ. ފޭރުގެ، ތަހުމީން އަހްމަދު ފޮޅޭމާ/ގއ. ކޮނޑޭ، އަލީ ހައިޝަމް ނޫރީގެ/ނ. މަނަދޫ، ފަހުމީ އަލީ ހުދުރުވާގެ/ގއ. ވިލިނގިލި، މުހައްމަދު ނާޒިމް އަސަރީގެ/އއ. މާޅޮސް އަދި އިސްހާގު މ. ކުދެހިގެ އެވެ.

މި މީހުންގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާ އުފުލިފައި ވަނީ އަދުހަމް އަހްމަދު ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ސަބަބުން އަދުހަމަށް މިހާރު ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އޭނާއަކީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވައިލި މީހާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމެވެ. ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އިރު، ހެކިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެ އޭގެ ތެރެއިން ގިނަ ހެކިތަކެއް ސިއްރުކޮށްދޭން ދައުލަތުން ވަނީ އެދިފައެވެ.

ހެކިތައް ސިއްރު ކުރުމަށް ދިފާއުން އިންކާރު ކުރި ނަމަވެސް ޝަރީޢަތުން ނިންމީ ދައުލަތުން އެދުނު ހެކިތައް ސިއްރު ކޮށްދޭށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!