ޚަބަރު

ރިޒާވާ ގުޅިގެން އަމީރު ދެއްވި ޖަވާބު އަލުން ފޮނުވަން ނަޝީދު އެދިވަޑައިގެންފި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

އަންނަ ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކާޑާއި ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވެވި ޖަވާބު އިސްލާހު ކުރެއްވުމަށް ފަހު، އަލުން ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

އީވާގެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މެނޭޖުކުރުމާއި ބެލެހެއްޓުން ގާނޫނީ ގޮތުން ހަވާލުކުރެވިފައި ވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ކަމަށާއި އެ އަދަދު މިނިސްޓްރީއަށް އެނގިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް، ލިބެން ހުރި މައުލޫމާތަށް ބަލައި މިނިސްޓްރީއަށް އަންދާޒާ ކުރެވޭ ގޮތުގައި 2022ގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަަކަށް ފަސް މަސް ދުވަހުގެ ޔޫސަބަލް ރިޒާވް ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މި ޖަވާބާ މެދު ހިތްހަމަނުޖެހިވަޑައިގެން ނަޝީދު ވިދާޅުވީ ވަޒީރުގެ ޖަވާބުގައި އުނިކަމެއް ވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މާލީ ކަންކަން އެއީ އަމީރާ ހަވާލު ނުވާ ކަންކަމަކަށް ނުބުނެވޭނެ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އަމީރު މަޖިލީހަށް ފޮނުއްވި ސިޓީ އިސްލާހު ކުރުމަށް ފަހު އަލުން ފޮނުއްވުމަށް ނަޝީދު ވަނީ އަންގަވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!