ތަކެތީގެ އަގު އަދިވެސް އިތުރަށް ބޮޑުވެދާނެ: އަމީރު

ތަކެތީގެ އަގު ބާޒާރުގެ މިހާރު ހުރި ވަރަށް ވުރެ ބޮޑުވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑަކީ ރާއްޖޭގެ އިގްތިސާދަށް އެރި އެންމެ ބޮޑު ލޮޅުން ކަމަށާއި އެހެން ނަމަވެސް ރާއްޖެއަކީ އެންމެ ފަސޭހައިން އަވަހަށް އިއާދަވި ގައުމު ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 37 އިންސައްތަ ކުރިއަށްދިޔަ ކަމަށާއި މިއަހަރު ވެސް މެދުމިނެއްގައި ބަލާ ނަމަވެސް 13 އިންސައްތަގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާ އެކު އަދި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މި އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިނަށް އިތުރު ގޮންޖެހުންތަކެއް ތަކެއް ކުރިމަތިވެ، މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގުތައް ދަނީ މަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އަދި ވަކީން ހާއްސަކޮށް ކާބޯތަކެތީގެ އަގު އުފުލިދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ދުނިޔޭގެ އިގްތިސާދަށް އަރާ ލޮޅުންތައް ރާއްޖެއަށް ކުރާނެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް އަގުތައް މައްޗަށް ދާނެ ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ، ތެލުގެ އަގު މި އަހަރު އުފުލުމަށް ފަހު ދިގު މުއްދަތަކަށް އަގުތައް މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކާބޯތަކެތީގެ އަގު ބޮޑުވެފައިވާ ސަބަބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ދިވެހި ރާއްޖެއަށް ކާބޯތަކެއްޗަކީ އިންޕޯޓް ކުރާ ތަކެއްޗަށްވުމާ އެކު، ބޭރުގެ އަގުތަކަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ބާޒާރުގައި އަގުތައް ބޮޑުވަމުންދާ ކަމަށެވެ.