ދުނިޔެ

ޝްރީލަންކާގެ ރައީސް ވެސް އިސްތިއުފާ ދެއްވަން ނިންމަވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ޝްރީލަންކާގެ ރައީސް ގޯތާބަޔާ ރާޖަޕަކްސާ ވެސް އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރުގެ އޮފީހުން ކަށަވަރު ކޮށްދެއްވައިފިއެވެ.

Ads by Sosun Fihaara

ލަންކާގެ ރައީސް ގޯތާބަޔާ އިސްތިއުފާ ދެއްވަން ނިންމަވައިފައި މިވަނީ އޭނާއާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގެކޮޅަށް އާއްމުންގެ ބަޔަކު ވަދެ، ބޮޑެތި ގެއްލުންތަކެެއް ދީފައި ވަނިކޮށެވެ. އެގޮތުން ރައީސް ގޯތާބަޔާގެ ގެކޮޅުގައި އެމީހުން ވަނީ ހުޅު ވެސް ޖަހައިފައެވެ.

ޝްރީލަންކާގެ މަސްލަހަތު ގޯސްވެފައި މިވަނީ، އެ ޤައުމަށް މިހާރު ކުރިމަތިވެފައި މިވާ އިޤްތިސާދީ ކާރިސާއާ ގުޅިގެންނެވެ. އެގޮތުން ލަންކާގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާކުރުމާ ގުޅިގެން އެ ޤައުމުގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ އެންގުމަށް ބެލުމެއް ނެތި ރައްޔިތުން ވަނީ މަގުތައް މައްޗަށް ނިކުމެ، ޝްރީލަންކާގެ ބޮޑު ވަޒީރާއި ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލައި، ދެ ބޭފުޅުން އިސްތިއުފާ ނުދެއްވަނީސް މުޒާހަރާތައް ހުއްޓައި ނުލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

އިސްތިއުފާ ދިނުމަށް ގޮވާލައި ގޯތާބަޔާގެ ގެކޮޅަށް އާއްމުންގެ ބަޔަކު ވަނުމުން، ސަލާމަތީ ބާރުތަކުގެ އެހީގައި އެމަނިކުފާނު ވަނީ ގެކޮޅުން ނިކުންނަވައިފައެވެ. މިދިޔަ ހޮނިހިރު ދުވަހު ދިން އެ ހަމަލާއަށް ފަހު އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ނޭވީ ބޯޓެއްގައި ކަމަށާއި އެދުވަހަށް ފަހު ރަސްމީކޮށް އެމަނިިކުފާނު ޤައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވައިފައި ނުވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

ގެކޮޅަށް ދިން ހަމަލާތަކާއި ޝްރީލަންކާގެ އާންމު މަސްރަހަށް ދިމާވެފައިވާ ގެއްލުންތަކާ ގުޅިގެން ރައީސްކަމުން އިސްތިއުފާ ދެއްވަން ގޯތާބަޔާ ނިންމަވައިފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ އިއުލާނު ކުރައްވައިފައެވެ. ނަމަވެސް ގިނަ ރައްޔިތުން ބުނީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް އެ މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މުޒާހަރާތައް ކުރިއަށް ގެންދިޔުމުން، ރައީސް އިސްތިއުފާ ދެއްވަން ނިންމަވައިފައިވާކަން ބޮޑުވަޒީރުގެ އޮފީހުން މިއަދު ވަނީ އިއުލާނު ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!