ޚަބަރު

ދިވެހި ސަރުކާރާ ދެކޮޅަށް ރާއްޖޭގައި ލަންކާ ރައްޔިތުން މުޒާހަރާ ކުރަނީ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ލަންކާ ރައްޔިތުން އެ ގައުމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާ ގުޅިގެން، އެ ގައުމުގެ ރައްޔިތުން މާލޭގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން މުޒާހަރާ ފަށަން ހަމަޖައްސާފައިވަނީ މެންދުރު ފަހު 03:30 ގައި، ކާނިވަލު ސަރަހައްދުންނެވެ.

މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ގޮޓަބަޔާ ރާއްޖެ އައިސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގޮޓަބަޔާ ޤައުމުން ފިއްލަވާފައިވަނީ، ލަންކާގެ ޤާނޫނު އޮންނަ ގޮތުން ވެރިޔަކު ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނުވާތީ ކަމަށް ބެލެވެއެވެ.

ގޮތަބާޔާ ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެ ގައުމުގައި ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގައި އަންނަނީ ގޮތަބާޔާ އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވަމުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮޓަބަޔާ ރާއްޖެ ވަޑައިގަތް ވަގުތު އޭނާއަށް މަރުޙަބާ ދެންނެވުމަށް ރައީސް ނަޝީދު ވަނީ އެއަޕޯޓަށް ވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ނަޝީދަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް, ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ އެކަމަކީ އެ އިދާރާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނެފައެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވެނީ ހިމާޔަތް ހޯއްދަވާ ގައުމަށް ވަޑައިގަތުމަށްފަހުގަ އެވެ. އަދި ރާއްޖެ ވަޑައިގެން ހުންނެވީ ޓްރާންސިޓެއްގެ ގޮތުގަ އެވެ. އަދި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ސިންގަޕޫރަށް ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

Ads by HDC
  1. ގޮތާބާޔާ ލަންކާޔަށް ދޭ