ޚަބަރު

މީހުންނަށް އަނިޔާކުރާއިރު ފޮޓާ ނަގަން ތިބުމަކީ ރޯން ޖެހޭ ވަރުގެ ހިތާމަވެރި ކަމެއް: ހުތުބާ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ހުކުރު ނަމާދުގެ ތެރެއިން-- ފޮޓޯ: ދެން އިމޭޖްސް

މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް އަނިޔާކޮށް، މީހުން މަރަމުން ދާއިރު، އެ މަންޒަރުތައް ފޮޓޯއާއި ވީޑިއޯ ނަގައިގެން ސޯޝަލް މީޑިއާއަށް ލުން ފަދަ ކަންކަމަކީ ރަހުމެއް ހުރި ކޮންމެ މީހަކު އެކަމަކާ ހިތާމަކޮށް ރޯން ޖެހޭ ވަރުގެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by MWSC

މިއަދުގެ ހުކުރު ހުތުބާ އަލިއަޅުވާލާފައިވަނީ މުޖުތަމައުގެ އަމާންކަމުގެ މުހިންމުކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ އީމާންކަމަށްފަހު އެންމެ ބޮޑު ނިއުމަތަކީ ސިއްހަތު ސަލާމަތުން ހުރުމާއި އަމާން ކަން ލިބިގެންވުން ކަމަށެވެ. އަދި އަމާންކަމަކީ ހަޔާތުގެ އެންމެ މުހިންމު ބަހާ ކަމަށާއި އެއާ ނުލާ ކުރިއެރުމެއް ނުލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާ އެވެ. އަމާން ވެއްޓެއްގައި ނަފްސުގެ ރައްކާތެރިކަން އޮންނާނެ އެވެ. އަނބިދަރީންނާއި މުދަލުގެ މައްޗަށް ރައްކާތެރިވާކަށް ނުޖެހޭނެ އެވެ. އަބުރާއި އިއްޒަތާ މެދު ބިރުވެތިވާކަށް ނުޖެހޭނެ އެވެ. ހައްގުތަކުން މަހުރޫމު ވެދާނެތީ ފިކުރު ކުރާކަށް ނުޖެހޭނެ އެވެ." ހުތުބާގައި ބުނެފައިވެ އެވެ.

އަމާންކަން ނެތް އެއްވެސް މުޖުތަމައެއް ތަރައްގީވެ ކުރި އަރައިގެން ނުދާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި އެއާ ހިލާފަށް އަމާން ވެއްޓެއްގައި ފަރުދުންގެ ގާބިލްކަން އިތުރުވެ، މުޅި މުޖުތަމައު ވެސް ކުރިއަރާނެ ކަން ފާހަގަކޮށްފައިވެ އެވެ.

އަމާންކަމަކީ ކޮންމެ ފަރުދެއްގެ ވެސް އަސާސީ ހައްގެއް ކަން ފާހަގަކުރައްވައި ހުތުބާގައި އިތުރަށް ބުނީ ދިރިއުޅުމުގެ ހައްގާއި މުދަލުގެ ހައްގަކީ އެންމެ އަސާސީ ދެ ހައްގު ނަމަވެސް މި ދެ ހައްގަށް ހުރުމަތްތެރިކޮށް ހިތާ މީހުން މަދު ކަމަށެވެ.

އެގޮތުން އެންމެންގެ ކުރިމަތީގައި މީހުންނަށް އަނިޔާކޮށް މަރަމުން ދާއިރު ތިބެނީ ކުޅި ބަލަން ކަމުގައި ފާހަގަކޮށްފައިވެއެވެ.

"ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑީއާއަށް ލުން ނޫން ކަމެއް އެފަދަ މީހުން ކުރާ ތަން ނުފެނެ އެވެ. މިއީ ރަހުމެއް ހުރި ކޮންމެ އިންސާނަކުމެ ކަރުނަ އަޅައި ރޯން ޖެހޭ ވަރުގެ ހިތާމަ ހުރި ކަމެކެވެ." ހުތުބާގައި ބުނެފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!