ވެރިކަމުގައި ކުރެއްވި ކަންކަން ގޮޓަބަޔާ ދިފާއު ކުރައްވައިފި
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އެ ޤައުމު ސަލާމަތް ކުރުމަށް އެ ވަގުތު އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅައި، ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމުގައި އެ ޤައުމުގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ. އޭނާ ހުސްވި ހަފުތާގެ ތެރޭގައި އިސްތިޢުފާ ދެއްވާފައި ވަނީ، ޤައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހުއެވެ. އޭނާ މިހާރު ހުންނެވީ ”އަމިއްލަ ދަތުރުފުޅެއްގައި“ ސިންގަޕޫރުގައެވެ.
ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން އޭނާގެ އިސްތިޢުފާ ޤަބޫލުކޮށްފައި ވަނީ ހުކުރު ދުވަހެވެ. އަދި، އައު ރައީސަކު ހޮވުމުގެ މަސައްކަތްތައް ހޮނިހިރު ދުވަހު ވަނީ ފަށާފައެވެ. އަދި، އޭނާގެ އިސްތިޢުފާގެ ސިޓީގައި ލިޔުއްވާފައިވާ ވާހަކަތައް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން މި ވަނީ ފުރަތަމަ ފަހަރަށް ހާމަކޮށްފައެވެ.
ސިޓީގައި ގޮތަބަޔާ ލިޔުއްވާފައި ވަނީ، އެ ޤައުމުގެ އިޤްތިޞާދު މިހާރު އޮތް ހާލަތަށް ވެއްޓިފައި ވަނީ، އެތައް އަހަރެއްގެ ކުރިން ފެށިގެން އަޅާފައިވާ ނުރަނގަޅު މާލީ އަދި އިޤްތިޞާދީ ފިޔަވަޅުތަކެއްގެ ސަބަބުން ކަމުގައެވެ. އަދި، އެއީ އޭނާގެ ރިޔާސަތުގެ މާ ކުރިން ފެށިފައިވާ ކަމެއް ކަމުގައެވެ.
އަދި، ޤައުމުގެ އިޤްތިޞާދީ ހާލަތު ފުން ވަޅުގަނޑަކަށް ވެއްޓެން މެދުވެރިވީ، ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން ކަމުގައި ގޮތަބަޔާ ވިދާޅުވިއެވެ. ”މި ކަމުން އަރައިގަތުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުނު ކަމަށް އަހުރެން ޤަބޫލު ކުރަން. އޭގެ ތެރޭގައި، ހުރިހާ ޕާޓީތަކެއް އެކުލެވިގެންވާ ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމަށް ޤާނޫނު ހަދާ މަޖިލީހަށް ފުރުޞަތު ދިނުން ހިމެނޭ،“ ސިޓީގައި ގޮތަބަޔާ ލިޔުއްވިއެވެ.
ސްރީލަންކާގެ އައު ރައީސް އިންތިޚާބު ކުރުމުގެ މަސައްކަތުގެ ދަށުން ކެނޑިޑޭޓުން ނަންތައް ބަލައިގަތުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އަންނަ އަންގާރަ ދުވަހު ބައްދަލު ކުރާނެއެވެ. އަދި ބުދަ ދުވަހު ނަންތަކަށް ވޯޓު އަހައި، އައު ރައީސަކު އިންތިޚާބު ކުރާނެއެވެ.
ޤާނޫނު ހަދާ މަޖިލީހުގައި ގޮތަބަޔާގެ ޕާޓީ މި ވަގުތު ތަމްސީލު ކުރައްވާ ހަމައެކަނި ބޭފުޅަކީ ބޮޑުވަޒީރު، އަދި ވަގުތީ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ، ރަނިލް ވިކްރަމަސިންހައެވެ. އޭނާއަކީ ރާޖަޕަކްސަ ޢާއިލާގެ ވަރަށް ގާތް ބޭފުޅެކެވެ. އަދި، ރައީސްގެ މަޤާމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވާނެ ކަމަށް ބެލެވެނީ ވެސް ވިކްރަމަސިންހައެވެ.
ނަމަވެސް، ސްރީލަންކާއަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތު މެދުވެރިވުމުގައި ވިކްރަމަސިންހަގެ މައިގަނޑު ދައުރެއް އޮތް ކަމުގައި އެ ޤައުމުގެ ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ. އަދި، އެ ޤައުމުގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގައި ވިކްރަމަސިންހަގެ އިސްތިޢުފާއަށް ވެސް ދަނީ ގޮވައިލަމުންނެވެ. އެހެންކަމުން، އޭނާ ރައީސްކަމަށް އިންތިޚާބު ކުރުމަކީ ސްރީލަންކާގެ ދާޚިލީ މަސްރަޙު އިތުރަށް ހޫނުވެގެންދާނެ ނިންމުމަކަށް ވާނެ ކަމަށް ޤަބޫލު ކުރެވެއެވެ.